ހަނގުރާމައިގެ ސަބަބުން ގަލްފުގައި ތާށިވި 11،000 ފަޅުވެރިން އަނބުރާ ގައުމުތަކަށް

އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ސަބަބުން ގަލްފް ސަރަހައްދުގައި ތާށިވެފައި ތިބި 11،000 އަށް ވުރެ ގިނަ ފަޅުވެރިން ސަލާމަތްކުރުމުގެ މަސައްކަތް އދ. ގެ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އިން ފަށަން ތައްޔާރުވެއްޖެ އެވެ.
އައިއެމްއޯގެ ސެކްރެޓަރީ ޖެނެރަލް އާސެނިއޯ ޑޮމިންގޭޒް ވިދާޅުވީ، މި "ބޮޑު އޮޕަރޭޝަން" ކުރިއަށް ގެންދާނީ އީރާނާއި، އޮމާން، އެމެރިކާ އަދި އެ ސަރަހައްދުގެ އައްސޭރިފަށުގެ އެހެން ގައުމުތަކުގެ އިތުރުން ކަނޑުދަތުރުފަތުރުގެ ސިނާއަތާ ގުޅިގެން ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، މި އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ސަލާމަތީ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށާއި، އަމާންކަމާއެކު ދަތުރުކުރެވޭނެ މަގުތައް ފުރިހަމައަށް ބަލައި ކަށަވަރުކޮށްފައިވާ ކަމަށެވެ.
ހަނގުރާމަ ހުއްޓާލުމަށްޓަކައި މިދިޔަ ހަފުތާގައި ވަގުތީ އެއްބަސްވުމެއްގައި ސޮއިކޮށްފައިވީ ނަމަވެސް، އެއްބަސްވުމުގެ ތަފުސީލުތަކާ މެދު އެމެރިކާ އާއި އީރާނާ ދެމެދު އަދިވެސް ދަނީ ދެބަސްވުންތައް އުފެދެމުންނެވެ.
އެމެރިކާއިން ބުނާ ގޮތުގައި އެ އެމްއޯޔޫގެ ދަށުން، އީރާނުގެ ނިއުކްލިއާ ހަތިޔާރު އުފައްދާ ޕްރޮގްރާމް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އިން އިންސްޕެކްޓް ކުރުމުގެ ފުރުސަތު ދޭނެ ކަމުގެ ޔަގީންކަން ވަނީ ލިބިފަ އެވެ.
ނަމަވެސް އީރާނުން ބުނެފައިވަނީ، މިދިޔަ އަހަރު އެމެރިކާ އާއި އިސްރާއީލުން ބޮން އެޅި ނިއުކްލިއާ މަރުކަޒުތައް ބަލައި ފާސްކުރުމުގެ ފުރުސަތު އދ. ގެ އެޖެންސީއަށް ނުދޭނެ ކަމަށެވެ.
ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅެއްގައި އަންގާރަ ދުވަހު ވާހަކަ ދައްކަވަމުން އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވީ، އެ ގައުމުގެ ދިފާއީ ގާބިލުކަމާ ގުޅޭ ގޮތުން އެއްވެސް ހާލަތެއްގައި، އެއްވެސް ފަރާތަކާއެކު ދުވަހަކު ވެސް މަޝްވަރާ ނުކުރާނެ ކަމަށެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ އީރާނާއެކު ވެފައިވާ އެއްބަސްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް އަންގާރަ ދުވަހު ގަލްފް ސަރަހައްދަށް ދަތުރުފުޅެއް ފައްޓަވާފަ އެވެ. މި ދަތުރުފުޅުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ވަޑައިގަތުމަށް ފަހު، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ކުވެއިތާއި ބަހްރޭނަށް ވެސް އޭނާ ވަޑައިގަންނަވާނެ އެވެ.
އަންގާރަ ދުވަހު ސެކްރެޓަރީ އޮފް ސްޓޭޓް ވަނީ، ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަތުން ފީ ނެގުމަށް އީރާނުން ކުރަމުންދާ މަސައްކަތަށް އިޝާރާތް ކުރައްވައި، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ އަތުން ޓެކްސް ނެގުމުގެ ހައްގު އެއްވެސް ގައުމަކަށް ލިބިގެން ނުވާ ކަމަށް އިންޒާރު ދެއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ