ހަނގުރާމައާ ހެދި އެމެރިކާގައި ޓްރަމްޕްގެ މަގްބޫލުކަން 34 ޕަސެންޓަށް ވެއްޓިއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ކުރެއްވި ހަނގުރާމައަކީ ފައިދާ ހުރި ކަމެއްގެ ގޮތުގައި ދެކެނީ އެމެރިކާގެ ކޮންމެ ހަތަރު މީހުންގެ ތެރެއިން އެންމެ މީހެއް ކަމަށް ރޮއިޓާސް އާއި އިޕްސޯސް ގުޅިގެން ކުރިއަށްގެންދިޔަ ހިޔާލު ހޯދުމުގެ ސާވޭއަކުން ދައްކައިފި އެވެ.
މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ސާވޭއިން އެނގުނު ގޮތުގައި، މި ހަނގުރާމައިގެ ސަބަބުން ޓްރަމްޕްގެ މަގުބޫލުކަމަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. އެގޮތުން ޓްރަމްޕްގެ މަގުބޫލުކަން ނުވަތަ އެޕްރޫވަލް ރޭޓިން ވަނީ 34 އިންސައްތައަށް ދަށަށް ގޮސްފަ އެވެ.
މި ސާވޭއިން ދައްކާ ގޮތުގައި، ހަނގުރާމައިގެ ކުރިން އޮތް ހާލަތާ އަޅާބަލާއިރު އެމެރިކާގެ ބާރުގަދަވެފައިވާ ކަމަށް ގަބޫލުކުރަނީ އެމެރިކާގެ ރައްޔިތުންގެ ތެރެއިން އެންމެ 23 އިންސައްތަ މީހުންނެވެ.
ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 35 އިންސައްތަ މީހުން ގަބޫލުކުރާ ގޮތުގައި އެމެރިކާގެ މަގާމު މިހާރު ވަނީ ކުރިއަށްވުރެ ބަލިކަށިވެފަ އެވެ. ބާކީ ތިބި މީހުން ބުނެފައިވަނީ އެކަމުގައި ވަކި ގޮތެއް ބުނަން ނޭނގޭ ކަމަށެވެ. 
ހަނގުރާމަ މެދުކަނޑާލުމަށް ޓްރަމްޕާއި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ ޖޫން 17 ވަނަ ދުވަހު ވަގުތީ އެއްބަސްވުމެއްގައި ސޮއިކުރައްވާފަ އެވެ. އެ އެއްބަސްވުން ދެމިއޮންނާނެ ކަމާ މެދު ޔަގީންކަމެއް ނެތް ކަމަށް ސާވޭގައި ބައިވެރިވި މީހުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ