ވޯލްޑް ކަޕް 2026: މިސްރު މެޗުގެ ދެ ދުވަސް ކުރިން އެމެރިކާއަށް އެތެރެވުމުގެ ހުއްދަ އީރާނަށް ދީފި
މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި މިސްރާ ދެކޮޅަށް ކުޅޭ ފަހު މެޗުގެ ދެ ދުވަސް ކުރިން އެމެރިކާއަށް އެތެރެވުމުގެ ހުއްދަ އީރާން ގައުމީ ފުޓްބޯޅަ ޓީމަށް ދޭން ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ނިންމައިފިއެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ (ޑީއެޗްއެސް) އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، އަންނަ ހުކުރު ދުވަހު ސިއެޓްލްގައި ކުޅޭ މި މެޗަށް ތައްޔާރުވުމަށް އީރާން ޓީމަށް އެމެރިކާގައި މަޑުކުރެވޭނެ މުއްދަތު މިވަނީ އިތުރު އެއް ދުވަހަށް ދިގުދަންމާލާފައެވެ. ނަމަވެސް، މެޗު ނިމޭ ދުވަހުގެ ރޭ އެމެރިކާގައި މަޑުނުކޮށް، އެ ގައުމުން ވަގުތުން ފުރައިގެންދާންޖެހޭނެ ކަމަށް ޑީއެޗްއެސް އިން ބުނެފައިވެއެވެ. މި ލުއި ދިނީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ނުތަނަވަސްކަން ކުޑަވެ، ސުލްހައިގެ ވާހަކަތަކެއް ދެކެވެމުންދާ ދަނޑިވަޅެއްގައެވެ. ފީފާ ވޯލްޑް ކަޕް 2026 ގައި ވާދަކުރާ އީރާންގެ ގައުމީ ފުޓުބޯޅަ ޓީމު-- އެމެރިކާގެ ހަރުކަށި އުސޫލުތަކުގެ ސަބަބުން އީރާން ޓީމުގެ ހުރުން ހަމަޖައްސާފައިވަނީ މެކްސިކޯގައެވެ. އަދި ކޮންމެ މެޗެއް ކުޅެން އެމެރިކާއަށް ދިއުމުގެ ފުރުސަތު ލިބެނީ މެޗުގެ އެއް ދުވަސްކުރިން ކަމަށްވުމުން، ފަރިތަކުރުންތަކަށް ބުރޫއަރައި ކުޅުންތެރިންގެ ރިކަވަރީއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށް ބުނެ އީރާނުގެ ކޯޗު އަމީރު ގަލެނޮއީ ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭނާ ސިފަކުރި ގޮތުގައި އީރާނަކީ މި މުބާރާތުގައި އެންމެ ބޮޑަށް އަނިޔާ ލިބެމުންދާ ޓީމެވެ. މިހާތަނަށް ކުޅުނު ދެ މެޗުން ދެ ޕޮއިންޓް ލިބިފައިވާ އީރާނަށް ދެވަނަ ބުރަށް ދިއުމަށް މިސްރު އަތުން މޮޅެއް މުހިންމުވާއިރު، ހަތަރު ޕޮއިންޓާއެކު އޮތް މިސްރަށް އެއްވަރުކޮށްލައިގެންވެސް ކޮލިފައިވުމުގެ ފުރުސަތު ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ