ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އަހަރީ ޕްރޮގްރާމްގެ ދަށުން ހިނގާބިނގާވެ އުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 30 ފުރޮޅުލީ ގޮނޑި ހަދިޔާކޮށްފިއެވެ.
2017 ވަނަ އަހަރު ފެށި މި ހަރަކާތުގެ ދަށުން މިހާތަނަށް ރާއްޖޭގެ 105 އަށްވުރެ ގިނަ ރަށެއްގައި ދިރިއުޅޭ ފަރާތްތަކަށް 360 އަށްވުރެ ގިނަ ފުރޮޅުލީ ގޮނޑި ވަނީ ދީފައެވެ.
ބީއެމްއެލުން ވިދާޅުވީ، މި އަހަރު ބޭންކުން މި ޕްރޮގްރާމް އިތުރަށް ފުޅާކޮށް، އެކި ބޭނުންތަކަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދީފައިވާ ކަމަށެވެ. މިގޮތުން އަމިއްލައަށް ދުއްވޭ މޮޓޮރައިޒްޑް ފުރޮޅުލީ ގޮނޑިތަކުގެ އިތުރުން، މި އަހަރު އަލަށް ޚާއްސަ މެނުއަލް ފުރޮޅުލީ ގޮނޑިތަކެއް ވެސް ވަނީ ތައާރަފްކޮށްފައެވެ. މި ގޮނޑިތަކަކީ އަމިއްލައަށް ގޮނޑި ދުއްވުމުގައި ދަތިތައް ހުންނަ އަދި އެހީތެރިންނާއި އާއިލާގެ އެހީތެރިކަމާއެކު އުޅޭ ކުޑަކުދިންނާއި، ބޮޑެތި މީހުންނަށް ޚާއްސަ ކޮށްގެން ފަރުމާކޮށްފައިވާ ގޮނޑިތަކެކެވެ.
އެ ބޭންކުން ވިދާޅުވީ، މިކަމަކީ އިޖުތިމާޢީ ޒިންމާގެ ދަށުން މުޖުތަމައުގެ ދުޅަހެޔޮކަމަށް އިންވެސްޓްކުރުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، މިނިވަންކަމާއެކު އުޅުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ.
ބީއެމްއެލްއިން އިތުރު 30 ފުރޮޅުލީ ގޮނޑި ހަދިޔާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ