ޕީސީބީގެ ރައީސް ނިޒާރަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި މައްސަލަ, ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީން ވަނީ ދިރާސާކޮށް، ރުހުން ދޭން ފެންނަކަމަށް ފާސްކޮށް، މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާފައެވެ. އެއާއެކު، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިޒާރަށް ރުހުން ދޭން ފާސްކުރީ ޖަލްސާގައި ވޯޓުދެއްވި 49 މެންބަރުންގެ އިއްތިފާޤުންނެވެ.
ޔުނިވަރސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ގްރެޖުއޭޓް ސެޓްފިކެޓް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ނިޒާރަކީ ބައިނަލްއަޤުވާމީ ވިޔަފާރި، ކޯޕަރޭޓް މެނޭޖްމަންޓް އަދި ދައުލަތުގެ އިދާރާތައް ހިންގުމުގެ ދާއިރާއިން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. މީގެއިތުރުން، ނިޒާރަކީ ދައުލަތުގެ ކުންފުނިތައް ކޯޕަރަޓައިޒް ކުރުމާއި އެ ކުންފުނިތަކުގެ ހިންގުން މޮނިޓަރކޮށް ބެލެހެއްޓުމުގެ ފަންނީ މާހިރެކެވެ. މީގެކުރިންވެސް، 2014 އިން 2019 އަށް ނިޒާރު ވަނީ ޕީސީބީގެ ރައީސްކަމުގެ މަޤާމު ފުރުއްވާފައެވެ. އެ މުއްދަތުގައި، ސަރުކާރުގެ ޕްރައިވެޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން އެޖެންޑާ ކުރިއެރުވުމުގައި ނިޒާރުވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
ހަމައެއާއެކު، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައި، އެ ކުންފުނީގެ އިމްޕޯޓް، އެޑްމިނިސްޓްރޭޝަން، އައިޓީ އަދި ސޭލްސް ފަދަ މުހިންމު ދާއިރާތަކުގެ ޖެނެރަލް މެނޭޖަރުކަމާއި ޑެޕިއުޓީ ޑިރެކްޓަރުކަން ފަދަ އިސް އެގްޒެކެޓިވް މަޤާމުތައްވެސް ނިޒާރު ވަނީ ފުރުއްވާފައެވެ.
މި މަޤާމަށް ނިޒާރު ޢައްޔަންކޮށްފައިވަނީ، ޕީސީބީގެ ރައީސްގެ މަޤާމުގައި ކުރިން ހުންނެވި މުޙައްމަދު އަނަސް އިސްތިޢުފާ ދެއްވުމާއި ގުޅިގެން، މިދިޔަ އޭޕްރިލް މަހުގެ 30 ގައެވެ.
ޕީސީބީގެ ރައީސް ނިޒާރަށް މަޖިލީހުން ރުހުން ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ