އެމްޑީޕީގައި ތިބީ ރައްޔިތުންގެ މުދަލަށް އަރައިގަންނަ ”ނުލަފާ ވަގުން“ ތަކެއް: ފަލާހު

އިދިކޮޅު އެމްޑީޕީގައި ތިބީ ރައްޔިތުންގެ މުދަލަށް އަރައިގަންނަ ”ނުލަފާ ވަގުން“ ތަކެއްކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ދުންފަތާއި ދެކޮޅަށް ފިޔަވަޅުތައް އެޅުމަށް ފަހު، ތަންފީޒު ކުރަންފެށިތާ އަހަރެއް ނުވެ މި ސަރުކާރުން ވަނީ ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަ ކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާފަ އެވެ. އިސްލާހުގެ ބަހުސް މަޖިލީހުގައި މިއަދު ފެށުމާއި އެކު ސަރުކާރު މެމްބަރުންނާއި، އިދިކޮޅު މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ހޫނުވެ އެންމެ ފަހުން އެމްޑީޕީގެ މެމްބަރުންގެ ނަން އިއްވައި ތަޅުމުން ވަނީ ބޭރުކޮށްލާފަ އެވެ.
ބިލުގެ ބަހުސްގައި އެމްޑީޕީގެ މެމްބަރުން ބުނަމުން ދިޔައީ، ގާނޫނު ގެނައުމަށް ފަހު ފެނިގެން ދިޔައީ އެކަމަށް ޕީއެންސީ މެމްބަރުން ސަނާ ކިޔައި ސަރުކާރަށް މެޑަލްތައް ދެމުން ދިޔަ މަންޒަރު ކަމަށެވެ. އަވަސް އަރުވާލައިގެން ބިލު ފާސްކުރީ އެއްވެސް ދިރާސާއެއް ކުރުމެއް ނެތިކަމަށް ތުހުމަތުކޮށް އެމްޑީޕީގެ މެމްބަރުން ބުނެފައި ވަނީ، ސަރުކާރުން އިސްލާހު ހުށަހެޅުމާއި އެކު އަނެއްކާވެސް ފެނިގެން ދަނީ ޕީއެންސީގެ މެމްބަރުން ”ޑިފެންސްއަށް ކުޅޭ“ މަންޒަރު ކަމަށެވެ.
މަޖިލީހުގައި ޕީއެންސީގެ މެމްބަރުންނަށް އަމާޒުކޮށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ  އެތައް ބައެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް އަމަލުކުރުމަށްފަހު، ސިޔާސަތު ބަދަލުކުރަން މިއަދު ސަރުކާރަށް މަޖުބޫރުވެފައިވާ ކަމަށެވެ. އަދި މިއީ ސަރުކާރުން ފޮނުވާ ކޮންމެ ބިލެއް ”ރަބަރު ސްޓޭމްޕް“ ޖަހާ އުސޫލުން ފާސްކުރުމުގެ ނަތީޖާކަމަށް ވިދާޅުވި އެވެ.
ބަހުސް ކުރުމުގެ ފުރުސަތުގައި މީކާއިލްއަށް ރައްދު ދެއްވައި ފަލާހު ވިދާޅުވީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކަން ހިނގައިދިޔަ ގޮތް މިއަދު މެންބަރުން ހަނދާން ކުރަންޖެހޭ ކަމަށެވެ. އެގޮތުން، އެމްޑީޕީގެ ސަރުކާރުން މަޖިލީހަށް ހުށަހެޅި ކޮންމެ ބަޖެޓަކީ ދަރަނީގެ ރަސީދެއްކަމަށް އޭރުގެ މަޖިލިސް ރައީސް ވިދާޅުވި ނަމަވެސް، އެއީ ތަރައްގީގެ ރަސީދެއްކަމަށް އެމަނިކުފާނާއި ދެކޮޅު އެމްޑީޕީ މެމްބަރުން ބުނަމުން ދިޔަކަމަށް ފަލާހު ވިދާޅުވި އެވެ.
ފަލާހު ވަނީ އެމްޑީޕީގެ ސަރުކާރުން ހިންގި ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ވިދާޅުވީ، އެމްޑީޕީއަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު މުޅި ދައުލަތް ”ނޮޅާލާ“ ކަމަށާއި، އޭގެ ފަހުން ޕީއެންސީގެ ފިކުރަށް ރައްޔިތުން ވެރިކަން ހަވާލުކުރުމުން ހުރިހާ އިލްޒާމެއް މި ސަރުކާރުގެ ބޮލުގައި އަޅުވަން މަސައްކަތް ކުރާ ކަމަށެވެ.
އެމްޑީޕީގެ ސަރުކާރުގައި ހިނގައިދިޔަ ވެންޓިލޭޓަރު ހިޔާނާތަށް އިޝާރާތް ކުރައްވައި ފަލާހު ވިދާޅުވީ އެމްޑީޕީގައި ތިބީ ރައްޔިތުންގެ މުދަލަށް އަރައިގަންނަ ”ނުލަފާ ވަގުން“ ތަކެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ