ދިނަފުން 40 މިލިއަން ރުފިޔާގެ އާ ޓްރާންޗެއް ތައާރަފްކޮށްފި

ކުރު މުއްދަތުގެ އިންވެސްޓްމަންޓްތަކަށް ހާއްސަކޮށްގެން ރާއްޖޭގައި އުފެއްދި ފުރަތަމަ އިންވެސްޓްމަންޓް ކުންފުނި ކަމަށްވާ ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑު (ދިނަފު) އިން 40 މިލިއަން ރުފިޔާގެ އާ ޓްރާންޗެއް (ދިނަފު-48) ތައާރަފްކޮށްފި އެވެ.
ދިނަފުގެ ފުރަތަމަ ޓްރާންޗަށް އަމާޒު ހިފި 20 މިލިއަން ރުފިޔާގެ ސަބްސްކްރިޕްޝަން ވަނީ މުޅިން ފުރިހަމަވެފަ އެވެ.
ދިނަފުއަކީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ އޯޕަން-އެންޑެޑް އިންވެސްޓްމަންޓް ފަންޑެކެވެ. މިއީ ގިނަ އިންވެސްޓަރުންތަކެއްގެ ރައުސްމާލު އެއްކޮށް، ފަންނީ މާހިރުންގެ ބެލުމުގެ ދަށުން މެނޭޖްކުރާ ކަލެކްޓިވް އިންވެސްޓްމަންޓް ސްކީމެކެވެ. މުއައްސަސާތަކާއި ޝަރުތުހަމަވާ އިންވެސްޓަރުންނަށް އަމާޒުކޮށްގެން ހިންގާ މި ފަންޑަކީ ޕްރައިވެޓް އިންވެސްޓްމަންޓްތަކުން ވާދަވެރި މަންފާއެއް ހޯދައިދޭ އަދި ރާއްޖޭގެ ޕްރައިވެޓް ކެޕިޓަލް މާކެޓް ފުޅާކުރުމަށް މަގުފަހިކޮށްދޭ ފަންޑެކެވެ.
ފުރަތަމަ 20 މިލިއަން ރުފިޔާގެ ޓްރާންޗް ކާމިޔާބުކަމާއެކު ނިންމާލެވުމުން ދޭހަވަނީ، ރާއްޖޭގެ މުއައްސަސާތަކާއި ގާބިލު އިންވެސްޓަރުންގެ މެދުގައި އިތުރު އިންވެސްޓްމަންޓް ފުރުސަތުތަކަށް އޮތް ޑިމާންޑް ބޮޑުވަމުންދާކަމަށް އެ ފަންނު ހިންގާ ދިވެހި އިންވެސްޓްމެންޓު ޕާޓްނާސް (ޑީއައިޕީ) އިން ބުންޏެވެ.
މީގެ އިތުރުން، އެކަށީގެންވާ ފައިދާއެއް ލިބޭ އަދި އާންމުކޮށް އިންވެސްޓްކުރަން ދަތި ދާއިރާތަކަށް މަގުފަހިކޮށްދޭ، ފަންނީގޮތުން މެނޭޖްކުރާ ފަންޑުތަކަށް އިންވެސްޓަރުންގެ އިތުބާރު ބޮޑުވަމުންދާކަން ވެސް އެ ކުންފުނިން ބުންޏެވެ.
ދިނަފު އިން މައިގަނޑު ގޮތެއްގައި އިންވެސްޓްކުރަނީ ފަތުރުވެރިކަން، ރިއަލް އެސްޓޭޓް، އިންފްރާސްޓްރަކްޗާ އަދި ޓްރޭޑް ފައިނޭންސްގެ ދާއިރާތަކުން ފަސް އަހަރަށްވުރެ ކުރު މުއްދަތުގެ މަޝްރޫއުތަކަށެވެ. ގިނަ އިންވެސްޓަރުންގެ ފައިސާ އެއްކޮށްލުމުގެ ސަބަބުން، ކުދި އިންވެސްޓްމަންޓްތަކާއެކު ބޮޑެތި މަޝްރޫއުތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބި، އެކި ދާއިރާތަކުން ރިސްކު ކުޑަކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.
ފަންޑު ފެށީއްސުރެ، މިއަދާ ހަމައަށް ވަނީ ބެންޗްމާކް (365 ދުވަހުގެ ޓްރެޒަރީ ބިލް ރޭޓް + 10 ޕަސެންޓު، އެއީ އަހަރަކަށް 14.6 ޕަސެންޓު) އަށްވުރެ މަތީ ނަތީޖާއެއް ހާސިލްކޮށްފަ އެވެ. އަދި އިންވެސްޓަރުންނަށް ދޭންޖެހޭ ހުރިހާ ފައިދާއެއް ވެސް މިއަދާ ހަމައަށް ގަވާއިދުން ދައްކާފައިވެ އެވެ.
އަލަށް ތައާރަފްކުރި 40 މިލިއަން ރުފިޔާގެ ޓްރާންޗުން ލިބޭ އިންވެސްޓްމަންޓް ފުރުސަތުތައް:
މި އާ ޓްރާންޗާއެކު ދިނަފުގެ މުއްދަތު 4 އަހަރަށް އިތުރުވެގެން ދާއިރު، ކުރިއަށް އޮތް ތަނުގައި ތައާރަފުކުރާ ޓްރާންޗްތަކުގެ ރޭޓްތަކަށް ބަދަލުއައުމަކީ އެކަށީގެންވާ ޑީއައިޕީން ބުނެ އެވެ. 
މި އާ ޓްރާންޗްގައި ބައިވެރިވުމުގެ ފުރުސަތު މުއައްސަސާތަކަށާއި ޝަރުތުހަމަވާ އިންވެސްޓަރުންނަށް 24 ޖޫން 2026 އިން ފެށިގެން ވަނީ ހުޅުވާލެވިފަ އެވެ. އެންމެ މަދުވެގެން އިންވެސްޓް ކުރެވޭނެ އަދަދަކީ 50,000ރ. އެވެ. ޝައުގުވެރިވާ ފަރާތްތަކުން info@dip.mv ނުވަތަ info@dhinaf.com މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ