ސިނގިރޭޓު ޑިއުޓީ ބޮޑު ކުރުމުން ރައީސަށް ތައުރީފުކޮށް، ލުއިތަކަށް ސަރުކާރު ދިފާއު ކުރުމަކީ ޖޯކެއް: ނާޒިލް

ދުންފަތާއި ދެކޮޅަށް ފިޔަވަޅު އަޅައި، ސިނގިރޭޓުގެ ޑިއުޓީ ބޮޑު ކުރުމުން ސަރުކާރަށް ސަނާކީ މެމްބަރުން ފިޔަވަޅުތަކަށް ލުއި ދިނުމަށް ތާއީދުކޮށް ސަރުކާރުގެ ދިފާއުގައި ވާހަކަ ދެއްކުމުން އެއްވެސް ރޭވުންތެރިކަމެއް ނެތްކަން ހާމަވާކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.
ނާޒިލް މިހެން ވިދާޅުވީ ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރުމަށް ސަރުކާރުގެ ފަރާތުން އިމްޕޯޓް އެކްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ. ބިލުގެ ބަހުސްގައި ނާޒިލް ވަނީ ހުށަހަޅާ ބިލުތަކުގެ މައުލޫމާތުތައް ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެނގިވަޑައިގަންނަވާތޯ ސުވާލު އުފައްދާފަ އެވެ.
ނާޒިލް ވިދާޅުވީ، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސިނގިރޭޓަކުން ނަގާ ޑިއުޓީ 8 ރުފިޔާއަށް ބޮޑުކުރުމަށްފަހު، އަނެއްކާވެސް އެ އަދަދު ދެގުނަ ކުޑަކުރަން ހުށަހެޅުމަކީ ސަރުކާރުގެ ސިޔާސަތުތަކުގައި އެއްގޮތްކަމެއް ނެތްކަމުގެ ހެއްކެއް ކަމަށެވެ. ނާޒިލް ވިދާޅުވީ ސިނގިރޭޓުގެ ޑިއުޓީ ބޮޑުކޮށް، ދުންފަތާއި ދެކޮޅަށް ފިޔަވަޅު އަޅައި ސަރުކާރުން ގެނައި ބަދަލުތަކަކީ އެއްވެސް ރޭވުންތެރިކަމެއް ނެތި ގެނައި ބަދަލުތަކެއްކަން މިއަދު މިވަނީ ހާމަވެފައެވެ.
އިދިކޮޅު މެމްބަރުންނަށް ފާޑުކިއުން އަމާޒު ކުރުމަށް 19 ވަނަ މަޖިލީހުގެ ކަންކަން ހިނގި ގޮތް ތަކުރާރު ކުރަމުން ގެންދާތީ އެކަމުގެ ރައްދުގައި ނާޒިލް ވިދާޅުވީ އެއީ ރައީސުލްޖުމްހޫރިއްޔާއަށް ސަނާ ކިޔައި އުޅުނު މަޖިލީހެއް ނޫންކަމަށެވެ. އަދި އޭރު އޮތް އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އަދާކުރީ ސަރުކާރު ޒިންމާދާރު ކުރުވުމުގެ ޒިންމާކަމަށް ނާޒިލް ވިދާޅުވި އެވެ.
ނާޒިލް ވިދާޅުވި ގޮތުގައި މިއަދުގެ މަޖިލީހަކީ 80 މެމްބަރުން ތިއްބަވައިގެން 24 ގަޑިއިރު ސަރުކާރަށް ސަނާކިޔާ މަޖިލީހެކެވެ. ދުންފަތާއި ދެކޮޅަށް އެޅި ފިޔަވަޅުތަކަކީ، ގައުމުގެ ހައްގުގައި ކުރެވޭ މަސައްކަތެއްކަމަށް ސިފަ ކުރުމަށް ފަހު އެ ވިސްނުން ބަދަލުވީ ސަބަބާއި މެދު ނާޒިލް ސުވާލު އުފެއްދެވި އެވެ. ނާޒިލް ވިދާޅުވި ގޮތުގައި ސަރުކާރުގެ ނިންމުން އެދުވަހު ދިފާއު ކުރި މެމްބަރުން، މިއަދު އަނެއްކާވެސް މިއީ އެންމެ ރަނގަޅު ބަދަލުކަމަށް ސިފަ ކުރަމުން ގެންދިއުން ސިފަވަނީ ދިރާސާއެއް ޕްލޭން ކުރުމެއް ނެތްކަމެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު މެމްބަރުން ވަނީ، ސަރުކާރުގެ ސިޔާސަތުތަކާއި މެދު ސުވާލު އުފައްދައި ބޮޑެތި ފާޑުކިއުންތައް އަމާޒުކޮށްފަ އެވެ. މެންބަރުން ވަނީ އެމްޑީޕީގެ މެންބަރުން ވަނީ ދުންފަތުގެ މިއީ ރައްޔިތުންގެ ސިއްހަތަށްވުރެ ބޮޑަށް، ވައްކަން ކުރުމަށް މަގުފަހިކުރުމަށް ކުރި ކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި ރާއްޖެއަށް ވަގަށް ވޭޕާއި ސިނގިރޭޓް އެތެރެކުރުމުގައި ސަރުކާރުގެ ބައިވެރިވުން ހިމެނޭކަމަށް ތުހުމަތުކޮށް ވަނީ، ސިނގިރޭޓް ކޮންޓެއިނާތައް ގެއްލުވާލުމުގައި ވެސް ސަރުކާރު ޝާމިލުވާކަމަށް ބުނެފަ އެވެ.
އެވާހަކަތަކަށް ރައްދު ދެއްވައި، މަޖިލީހުގެ ރިޔާސަތުގައި ހުންވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ވައްކަންކުރާ ސަރުކާރުތަކަށް ރައްޔިތުން މާޒީގައި ނޫނެކޭ ބުނެފައިވާ ކަމަށެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމި ނިންމުމަކީ އިހުލާސްތެރި އަދި ހެޔޮވެރިކަމެއް ގާއިމުކުރުންކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ