މެދާއި ދެކުނު އޭޝިއާއަށް އެމެރިކާއިން ކަނޑައަޅުއްވާފައި ހުންނަވާ ހާއްސަ މަންދޫބުގެ ނައިބު، ޕައުލް ކަޕޫރު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި އެމެރިކާ އާއި ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ މި އަހަރަށް 60 އަހަރު ފުރޭކަން ފާހަގަކޮށް ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ބެހޭގޮތުން މަޝްވަރާކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެގޮތުން، ދިވެހިރާއްޖޭގެ އިގުތިސާދީ ތަރައްގީ އާއި އިންވެސްޓްމެންޓުތައް އިތުރުކުރުމާއި ރާއްޖޭގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ހިމެނޭހެން ދެ ގައުމުން ވެސް ޝައުގުވެރިވާ ދާއިރާތަކުން އެއްބާރުލުން އިތުރުކުރަން އެމެރިކާއިން ޝައުގުވެރިވާކަން ޕައުލް ހާމަކުރެއްވި އެވެ.
މުއިއްޒު ވަނީ އެ ކަންކަމަށް ޝުކުރު އަދާކުރައްވައި ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތީން އެމެރިކާއިން ވެދޭ އެހީތެރިކަމަށް ރާއްޖެއިން މަރުހަބާ ކިޔާނެކަމުގެ ޔަގީންކަން އަރުވައިފަ އެވެ.
ޕައުލް މިއަދު މުއިއްޒުއާ ބައްދަލުކުރެއްވިއިރު، އިއްޔެ ވަނީ ފޮރިން މިނިސްޓަރު، އިރުތިޝާމް އާދަމްއާ ވެސް ބައްދަލުކުރައްވައިފަ އެވެ.
އޭގެ އިތުރުން، ގައުމުތަކުގެ ބޯޑަރު ހުރަސްކޮށް ހިންގާ ބައިނަލްއަގުވާމީ ބޮޑޭތި ކުށްތައް ހުއްޓުވުމަށް އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އާއި އިމިގްރޭޝަންސް އެންޑް ކަސްޓަމްސް އެންފޯސްމަންޓު (އައިސް) އާއެކު ދިވެހި ފުލުހުން އިއްޔެ ވަނީ އެމްއޯޔޫއެއްގައި ވެސް ސޮއިކޮށްފަ އެވެ.
ބޯޑަރު ހުރަސްކޮށް ހިންގާ ބައިނަލްއަގުވާމީ ބޮޑެތި ކުށްތައް ހުއްޓުވުމަށްޓަކައި، ދިވެހި ފުލުހުންނާއި އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އަދި އައިސްއާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ޓެރަރިޒަމާއި، މަސްތުވާތަކެތީގެ ވިޔަފާރި އަދި ސައިބާ ކްރައިމް ފަދަ ކުށްތައް ހުއްޓުވުމަށް މައުލޫމާތު ބަދަލުކުރުމާއި، ގުޅިފައިވާ އޮޕަރޭޝަންތައް ހިންގުމުގެ އިތުރުން ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ތަމްރީނުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެމްއޯޔޫގެ މައިގަނޑު މަގުސަދަކީ ގައުމުތަކުގެ ބޯޑަރު ހުރަސްކޮށް ހިންގާ ނުރައްކާތެރި ކުށްތަކަށް ހުއްޓުވުމާއި، އެފަދަ އަމަލުތައް ހިންގާ ނެޓްވޯކްތައް ނައްތާލުމެވެ.
އޭގެ ތެރޭގައި ޓެރަރިޒަމްގެ އަމަލުތަކާއި، މަސްތުވާތަކެތީގެ ވިޔަފާރި އާއި، އިންސާނީ ވަގުފާރި އަދި ސައިބާ ކްރައިމް ކުށްތައް ހިމެނެ އެވެ. ހަމައެހެންމެ، މާލީ އަދި އިގުތިސާދީ ކުށްތަކާއި، ފިކުރީ މުދަލުގެ ހައްގުތަކަށް އަރައިގަތުމާއި، ނުރައްކާތެރި ހަތިޔާރު ފެތުރުން ހުއްޓުވުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ނިންމާފަ އެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ތަންފީޒީ އިދާރާތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުން އިތުރުވެ، ކުށްތައް ތަހުގީގު ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އެމެރިކާ އެމްބަސީން ބުނެ އެވެ. އަދި ވަކިވަކި ކުށްތަކަށް އަމާޒުކޮށްގެން ގުޅިފައިވާ އޮޕަރޭޝަންތައް ހިނގުމާއި، މިހާރުވެސް ގާއިމުކުރެވިފައިވާ ގުޅުންތައް އިތުރަށް ވަރުގަދަކުރުން މި މަސައްކަތުގެ ތެރޭގައި ހިމެނެ އެވެ.
މި އެމްއޯޔޫގެ ދަށުން ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށްޓަކައި ތަމްރީނު ޕްރޮގްރާމްތަކާއި، ސެމިނާރުތައް އަދި ތަޖުރިބާ ބަދަލުކުރުމުގެ ދަތުރުތައް ރޭވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ސަރުކާރު އައުމަށް ފަހު އަންނަނީ އެމެރިކާ އާއެކު ވަރަށް ބޮޑަށް ސަލާމާތީ ހިދުމަތްތަކުގެ ދާއިރާއިން ގުޅުން ބަދަހިކުރަމުންނެވެ. ފުލުހުންގެ އިތުރުން ދިވެހި އަސްކަރިއްޔާއަށް ވެސް އެމެރިކާއިން އަންނަނީ އެހީވަމުންނެވެ. އަދި އެ ގައުމުގެ އިސްވެރިން އަންނަނީ ރާއްޖެއަށް ގިނަ ދަތުރުތަކެއް ކުރަމުންނެވެ.
މި ސަރަހައްދަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ހާއްސަ މަންދޫބުގެ ނައިބު މުއިއްޒުއާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ