ޕެނެމާ މެޗުގައި ދެޓީމުން ދެއްކި ކުޅުމަށް ކްރޮއޭޝިއާ ކޯޗު ތައުރީފް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެލްގައި ކްރޮއޭޝިއާ އާއި ޕެނެމާ ބައްދަލުކުރި މެޗުގައި ދެޓީމުން ދެއްކި ކުޅުމަށް ކްރޮއޭޝިއާގެ ކޯޗު ޒުލަޓްކޯ ޑަލިޗް ތައުރީފް ކޮށްފިއެވެ.
ޑަލިޗް ބުނީ ފުރަތަމަ ކަމަކަށް ބޭނުންވަނީ އޭނާގެ ކުޅުންތެރިންނަށް މަރްހަބާ ކިޔަން ކަމަށާއި އަދި އެއަށްފަހު އިދިކޮޅު ކުޅުންތެރިންނަށް ކަމަށެވެ. މިމެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ވަރަށް މޮޅު ކުޅުމެއް ކަމަށް އޭނާ ފާހަގަ ކުރިއެވެ.
މިމެޗުގައި ޕެނެމާއިން ވަނީ ކްރޮއޭޝިއާ ޓީމު ވަރަށް ބޮޑަށް ހާސްކަމުގެ ތެރެއަށް ވައްޓާލާފައިކަމަށާއި އަދި ވަރަށް ގިނަ ގޮތް ގޮތަށް ކުޅުން ބަދަލުކޮށްގެންވެސްް މާބޮޑު ކުރިއެރުމެއް ލިބިގެން ނުދިޔަ ކަމަށެވެ. ނަމަވެސް މިހުރިހާ ކަމަކާއެކު މިމެޗު ކާމިޔާބު ކުރެވުމުން ކުރިއަށް އޮތް ގާނާ މެޗާއި ކުރިމަތިލާއިރު ކޮންމެވެސް ވަރަކަށް ކުޅުންތެރިންނަށް ހިތްހަމަ ޖެހުން އޮންނާނެ ކަމަށެވެ.
ޑަލިޗްވަނީ ކްރޮއޭޝިއާގެ މިކާމިޔާބީ އެޓީމުގެ ތަޖްރިބާކާރު ކެޕްޓަން ލޫކާ މޮޑްރިޗަށް ޑެޑިކޭޓް ކޮށްފައެވެ. މިއީ މޮޑްރިޗް ޤައުމީ ޓީމަށް ކުޅުނު 200 ވަނަ މެޗެވެ.
ޑަލިޗް ބުނީ ކުޅުންތެރިޔަކު އޭނާގެ ކްލަބަށް 200 މެޗު ކުޅުންވެސް އެއީ ވަރަށް ހާއްސަ ކަމެއް ކަމަށާއި އެހެން ކަމުން ޤައުމީ ޓީމަށް 200 މެޗު ހަމަކުރުން އެއީ އެއަށް ވުރެ ހާއްސަ ކަމެއް ކަމަށެވެ. އަދި މޮޑްރިޗް ވެގެންދާނީ ކްރޮއޭޝިއާގައި ތާރީހްގައި އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރިޔާއަށް ކަމަށްވެސް އޭނާ ފާހަގަ ކުރިއެެވެ.
ޕެނެމާގެ ކޯޗު ތޯމަސް ކްރިސްޓިއަންސެން ބުނީ އެންމެ ފުރަތަމަ ކަމަކަށް މިމެޗުގައި ޕެނެމާއިން ދެއްކި ކުޅުމަށް ތައުރީފް ކުރަން ޖެހޭ ކަމަށެވެ. މިމެޗުގައި އޭނާގެ ކުޅުންތެރިންގެ ފަރާތުން ހިތްވަރާއި މެޗުން މޮޅުވުމުގެ އަޒުމު އެންމެ ފަހު ވަގުތާއި ޖެހެންދެން ފެނިގެންދިޔަ ކަމަށާއި މިއީ އޭނާގެ ޓީމުން ފެންނަން ބޭނުންވި ކަންތައްކަމުގައިވެސް އޭނާ ފާހަގަ ކުރިއެވެ.
މިމެޗުގައި ޕެނެމާއިން އެންމެ ފަހު ވަގުތާއި ޖެހެންދެން ކްރޮއޭޝިއާ ހާސް ކަމުގެ ތެރޭގައި ބެއިތިއްބުމަކީވެސް ކާމިޔާބީއެއް ކަމަށް ޕެނެމާގެ ކޯޗު ފާހަގަ ކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ