ފުވައްމުލަކު ސިޓީގައި ޤާއިމްކުރި ޤުރުއާނާއި ބެހޭ މަރުކަޒު ހުކުރު ދުވަހު ހުޅުވުމަށް ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާއިބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ފުވައްމުލައް ސިޓީގައި ޤުރުއާނާބެހޭ މަރުކަޒެއް ޢިމާރާތްކުރުމަށް ކުންފުންޏަކާއި ޙަވާލުކޮށްފައިވަނީ 2022ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.
އިސްލާމީ ކަންތައްތަކާއި އައުޤާފާއިބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ފުވައްމުލަކު ސިޓީގައި ޤާއިމްކުރާ ޤުރުއާނާއި ބެހޭ މަރުކަޒު އަންނަ ހުކުރު ދުވަހުގެ ހަވީރު ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ. މިތަން ހުޅުވުމާއެކު ފުވައްމުލަކުގައި ޤުރުއާން ހިފްޒު ކުރުމުގެ ޕްރޮގްރާމްތައް އިތުރުކޮށް މުދައްރިސުންވެސް އިތުރު ކުރާނެ ކަމަށެވެ.
ވަޒީރު ވިދާޅުވީ، ފުވައްމުލަކު ސިޓީގެ އިސްލާމިކް ސެންޓަރު ޑިޒައިންކޮށް ނިމި، ކައުންސިލްގެ ބަހެއް ހޯދުމަށް ކޮންސެޕްޓު ފުވައްމަލު ސިޓީ ކައުންސިލަށް ފޮނުވާފައިވާ ކަމަށެވެ. އިސްލާމިކް ސެންޓަރ ނިމުމުން އެތަން ބަދަލު ވާނީ ޤުރުއާނާއި ބެހޭ މަރުކަޒަށް ކަމަށާއި، މިހާރު ހުޅުވާ ޤުރުއާނާއި ބެހޭ މަރުކަޒު ބަދަލުވާނީ ވަޤުފު ބިނާއަކަށް ކަމަށެވެ. މިތަނުން ލިބޭ ފައިސާ ޚަރަދު ކުރާނީ ފުވައްމުލަކު ސިޓީގެ ދީނީ އެކި ކަންކަމަށް ކަމަށްވެސް އިސްލާމީ ކަންތައްތަކާއި އައުޤާފާއިބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.
ފުވައްމުލަކުގައި އިމާރާތް ކުރާ ޤުރުއާނާބެހޭ މަރުކަޒަކީ، ދައުލަތުން 12 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ހަދާ އިމާރާތެކެވެ. މި އިމާރާތުގެ ގްރައުންޑް ފްލޯގައި އޮޑިޓޯރިއަމަކާއި، ލައިބްރަރީއެއްގެ އިތުރުން މީޓިން ރޫމެއް ހުންނާނެއެވެ. އަދި ފުރަތަމަ ފަންގިފިލާގައި ހަތަރު ކްލާސް ރޫމާއި، ނަމާދު ކުރާނެ ތަނެއް ހަދާފައިވާއިރު، ނަމާދުކުރާ ބައިގައި އެއްފަހަރާ 30 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ ހުންނާނެ ކަމަށްވެސް އެވުޒާރާއިން ވިދާޅުވިއެވެ.
ރާއްޖޭގައި އިސްލާމީ ޝިޢާރުތައް ކުރިއަރުވައި، އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ދީނުގެ ކަންކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން، މި ދައުރުގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ފުވައްމުލަކު ސިޓީގެ ޤުރުއާނާބެހޭ މަރުކަޒު ހުކުރު ދުވަހު ހުޅުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ