ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ ގައުމުތަކާއި ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިވާ ބޮޑެތި ބޭންކުތައް ގުޅިގެން، މޫސުމީ ކާރިސާތަކާއި ދަރަނީގެ ބުރަ އުފުލަންޖެހިފައިވާ ގައުމުތަކަށް އަގުހެޔޮކޮށް އަދި އިތުބާރު ހުރި ގޮތެއްގައި ފައިސާ ހޯދޭނެ އާ ނިޒާމެއް އަންގާރަ ދުވަހު އިފްތިތާހުކޮށްފި އެވެ.
"ވަލްނަރަބިލިޓީ ޓު ވައިބިލިޓީ (ވީ2ވީ) ކޮމްޕެކްޓް" ގެ ނަމުގައި ފެށި މި އިސްނެގުމަކީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އާއި އެ ފޯރަމްގެ "ވީ20" މާލީ ވަޒީރުން އެއްބަސްވެފައިވާ ކަމެކެވެ. މި އެއްބަސްވުމުގައި 74 ގައުމެއްގެ އިތުރުން ވޯލްޑް ބޭންކާއި ވިއެނާގައި ހުންނަ އޯޕެކް ފަންޑު ހިމެނޭހެން ބައިނަލްއަގުވާމީ 12 އަށް ވުރެ ގިނަ މާލީ އިދާރާތަކުން ބައިވެރިވެ އެވެ.
މި މަސައްކަތުގެ މަގްސަދަކީ ދުނިޔެއަށް ކުރިމަތިވަމުންދާ އެކި ކާރިސާތަކާއި، އިތުރުވަމުންދާ ހަނަފަސްކަމާއި، ތޫފާންތަކާއި ފެންބޮޑުވުމުގެ ސަބަބުން މާލީ ގޮތުން އުފެދިފައިވާ ހުސްކަން ފޫބެއްދުމެވެ. އަދި ފަގީރު ގައުމުތަކުން ދަރަންޏަށް ފައިސާ ނަގާއިރު، އެ ގައުމުތަކުގެ ހާލަތަށް ނުބަލައި ރިސްކު ކަނޑައަޅާ މިންގަނޑުތަކުގެ ސަބަބުން އިންޓްރެސްޓް ރޭޓް ބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމެވެ.
މީގެ މައިގަނޑު އަމާޒަކީ އަގުހެޔޮ އަދި ލުއި ލޯނުތައް ހޯދައިދިނުމާއި، އަމިއްލަ އިންވެސްޓަރުންގެ ފައިސާ މި ދާއިރާއަށް ނެރުމެވެ. މީގެ އިތުރުން، ކާރިސާއެއް ދިމާވާ ހާލަތްތަކުގައި ލޯނު ދެއްކުން މެދުކަނޑާލެވޭ ފަދަ "ޝޮކް-ރެސްޕޮންސިވް" ނުވަތަ ކާރިސާތަކަށް އިޖާބަދޭ މާލީ ނިޒާމުތައް ތަރައްގީކުރުމެވެ. މީގެ ސަބަބުން ކާރިސާގެ ވަގުތުތަކުގައި އަސާސީ ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ސަރުކާރުތަކަށް ފުރުސަތު ލިބޭނެ އެވެ.
މި އިސްނެގުމުގެ އައުޓްލައިންގައި ބަޔާންކޮށްފައިވާ ގޮތުގައި، އެންމެ އިސްކަމެއް ދޭނީ ފެނާއި، ތައުލީމާއި، ސިއްހީ ނިޒާމުތަކަށް އިންވެސްޓް ކުރުމަށެވެ. އެއީ އިންސާނީ ރައްކާތެރިކަމުގެ ބިންގަލަކީ އެ ދާއިރާތައް ކަމަށް ވާތީ އެވެ.
މި މަސައްކަތުގައި އިސްކޮށް އުޅުއްވާ ބާބަޑޯސްގެ ބޮޑު ވަޒީރު މިއާ މޮޓްލީ ވިދާޅުވީ، ނަރުދަމާ ނިޒާމުތަކާއި، ސްކޫލްތަކާއި ހޮސްޕިޓަލްތަކަކީ އެތައް ޖީލަކަށް ހިދުމަތްދޭ ތަންތަނަށް ވީނަމަވެސް، އެފަދަ ކަންކަމަށް ނަގާ ދަރަނި 10 ނުވަތަ 20 އަހަރު ތެރޭގައި އަނބުރާ ދައްކަން ޖެހުމަކީ ބޮޑު "ބޭއިންސާފެއް" ކަމަށެވެ.
މި އިސްނެގުމުގެ އިތުރު ތަފްސީލުތަކާއި، ފައިސާ ހޯދާނެ ގޮތްތަކާއި މިންގަނޑުތައް ހިމެނޭ ކަރުދާހެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި ކަރުދާސް އަންނަ އޮކްޓޫބަރު މަހުގެ މެދުތެރޭގައި ތައިލެންޑުގައި ބާއްވާ ވޯލްޑް ބޭންކާއި އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގައި ހުށަހެޅުމަށް ވަނީ ނިންމާފަ އެވެ.
މި މަސައްކަތުގައި ބައިވެރިވާ ގައުމުތަކާއި ބޭންކުތަކުން ބުނީ، ލުއި އެހީތައް ބޭނުންކުރާނީ ސްޓްރެޓީޖިކް ގޮތެއްގައި ބޮޑެތި ބަދަލުތަކެއް ގެނައުމަށް ކަމަށާއި، މިކަމުގައި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
މޫސުމީ ނުރައްކާ އޮތް ގައުމުތަކަށް ފައިސާ ހޯދޭނެ އާ ނިޒާމެއް އިފްތިތާހުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ