ސްކޫލުތަކުގެ ނަން ބޭނުންކޮށްގެން ޔޫނިއަންތައް ނުއުފެއްދޭނެ: ޝަފީއު

ސްކޫލްތަކުގެ ނަން ބޭނުންކޮށްގެން ޔޫނިއަން ނުއުފެއްދޭނެކަމަށް ތަޢުލީމާއި މަތީތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ކުރައްވާފައިވާ ސުވާލަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން، މަޢުރޫފް ސުވާލުކުރައްވާފައިވަނީ، އިންޑަސްޓްރިއަލް ޤާނޫނުގެ ދަށުން ޔޫނިއަން ހަދާ ހިންގުމަކީ ކޮންމެ މަސައްކަތްތެރިއަކަށް ލިބޭ ޙައްޤެއް ކަމަށްވާއިރު، އިސްކަންދަރު ސްކޫލްގެ ޓީޗަރުން އިސްކަންދަރު ވޯރކް ޔޫނިއަންގެ ނަމުގައި އުފައްދާފައިވާ ޔޫނިއަން ބަލައިނުގަންނާނެ ކަމަށާއި އެ ޔޫނިއަންގެ އެއްވެސް ޙަރަކާތެއް ސްކޫލްގައި ނުހިންގޭނެކަމަށް ސްކޫލްގެ ޕްރިންސިޕަލް ޔޫނިއަންގެ މަސްއޫލުވެރިޔާއަށް އަންގާފައިވަނީ ކޮން ޤާނޫނެއްގެ ދަށުންތޯ ސާފުކުރެއްވުމަށެވެ.
މި ސުވާލަށް ޖަވާބުދެއްވަމުން ޝަފީޢު ވިދާޅުވީ، ދައުލަތުގެ މުއައްސަސާއެއްގެ ނަން ނުވަތަ އެފަދަ މުއައްސަސާއަކާ އޮޅުން އަރާ ފަދަ ނަމެއް ޔޫނިއަންއަކަށް ކިޔައިގެން ނުވާނެކަމަށް ޔޫނިއަން ހިންގުމާއި ރަޖިސްޓްރީ ކުރުމާ ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން، ދިވެހި ދައުލަތުގެ ނުވަތަ ސަރުކާރުގެ މުއައްސަސާއެއްގެ ނަމެއް ނުވަތަ އެފަދަ ނަމަކާ އޮޅުންއަރާފަދަ ނަމެއް ޔޫނިއަންއަކަށް ބޭނުންނުކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"ހުށަހެޅިފައިވާ ސުވާލުގެ ކުރު ޖަވާބެއްގެ ގޮތުގައި ބުނަންޏާ އަޅުގަނޑަށް ބުނެވޭނީ ކުރިން މި ދެންނެވި ގަވާއިދުގެ (ޔޫނިއަން ހިންގުމާއި ރަޖިސްޓްރީކުރުމާ ބެހޭ ގަވާއިދު)ގެ 12 ވަނަ މާއްދާގެ (ހ)ގެ ހަތަރަކާ ޙަވާލާދީ އަޅުގަނޑުމެން ޤަބޫލެއް ނުކުރަމޭ އިސްކަންދަރު ނަން ބޭނުންކޮށްގެން، މަޖީދިއްޔާގެ ނަން ބޭނުންކޮށްގެން، އަމީނިއްޔާގެ ނަން ބޭނުންކޮށްގެން އަދި އެހެން ސްކޫލެއްގެވެސް ނަން ބޭނުންކޮށްގެން ޔޫނިއަން އެއް އުފެއްދިދާނެ ކަމަކަށް،" ޝަފީޢު ވިދާޅުވިއެވެ.
އާންމު އިދާރާތަކާއި ކުންފުނިތަކާ ޚިލާފަށް ސްކޫލުތަކަކީ ޚާއްސަ ހިފެހެއްޓުންތަކާއި، ސިފަތަކެއް ލިބިގެންވާ ތަންތަން ކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އިސްކަންދަރުގެ ޓީޗަރުން އުފެއްދި ޔޫނިއަން ބަލައިނުގަންނާނެކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް އެންގެވީ އެޑިއުކޭޝަން މިނިސްޓްރީން ދިން އިރުޝާދާ އެއްގޮތަށް ކަމަށެވެ. ހަމައެހެންމެ، އެ ޔޫނިއަން ރަޖިސްޓްރީކޮށްފައި އޮތީ އެންމެ ރަނގަޅުގޮތަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ނުދެކޭ ކަމަށާއި އެހެންކަމުން، ޔޫނިއަންތަކުގެ ރަޖިސްޓްރާއަށް އެ މައްސަލަ ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށްވެސް ޝަފީޢު ވިދާޅުވިއެވެ.
ވަޒީރު ވަނީ، ސްކޫލް މަދަރުސާތެރޭގައި މުދައްރިސުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ސަރުކާރުން ފުރުސަތު ދިންނަމަވެސް ވަކިވަކި ނަންތަކާއި ވަކިވަކި ޔޫނިއަންތައް ހަދައިގެން އެކަން ކުރުމަށް ފުރުސަތު ނުދެއްވާނެކަމަށް ވިދާޅުވެފައެވެ. ހަމައެއާއެކު، ސްކޫލްތަކާއި ގުޅުން ހުރި ޔޫނިއަންތައް ހިންގުމުގައި އިތުރަށް ސަމާލުވާން ޖެހޭކަން ފާހަގަކުރައްވަމުން ޝަފީޢު ވިދާޅުވީ، މުދައްރިސުންގެ ޙައްޤުތައް ހޯދައިދިނުމަކީ މިހާރުވެސް ސަރުކާރުން އިސްކަންދެއްވާ ކަމެއް ކަމަށާއި އެފަދަ ކަންކަމަށް ޔޫނިއަންތަކަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ