ފިނޭންސް މިނިސްޓަރު ޒަރީރަށް މަޖިލީހުން ރުހުން ދީފި

ފިނޭންސް މިނިސްޓަރުގެ މަގާމަށް މި ފަހުން އައްޔަން ކުރެއްވި ހަސަން ޒަރީރަށް ރުހުން ދޭން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - މީރާގެ ކޮމިޝަނަރުގެ މަގާމުގައި ހުންނަވަނިކޮށް، ޒަރީރު ފިނޭންސް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ މި މަހު 2 ވަނަ ދުވަހު އެވެ. ފިނޭންސް މިނިސްޓަރުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި މޫސާ ޒަމީރު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެހެންވެ ޒަމީރުގެ ބަދަލަށް ޒަރީރު އައްޔަންކުރައްވައި އޭނާއަށް ރުހުން ހޯދުމަށް ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި އެވެ. ޒަރީރުގެ ނަން ދިރާސާ ކުރި މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ވަނީ އޭނާއަށް ރުހުން ދިނުމަށް ނިންމާފަ އެވެ.
ތަފްސީލު - މިއަދުގެ މަޖިލިސް ޖަލްސާގެ ވޯޓު ގަޑީގައި ކޮމިޓީ ރިޕޯޓަށް ވޯޓަށް އެހުމުން، ޒަރީރު އެ މަގާމަށް އައްޔަން ކުރަން ރުހުން ލިބުނީ 49 ވޯޓުންނެވެ.
އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމާފައި އޮތީ ޒަރީރަށް ރުހުން ނުދިނުމަށެވެ. ސަބަބެއްގެ ގޮތުގައި އެ މެންބަރުން ބުނީ، އެއީ ސަރުކާރުގެ ވަޒީފާތަކުން 'ނުހައްގުން' ބައެއް މީހުން ވަކިކުރަމުންދާ މައްސަލައާ ގުޅިގެން ކަމަށެވެ.
2000 ވަނަ އަހަރުން ފެށިގެން ދައުލަތުގެ އެކިއެކި މަގާމުތަކުގައި ވަނީ މަސައްކަތްކުރައްވާފައި؛ ކުރިން ފިނޭންސް މިނިސްޓްރީގެ ޗީފް ޕަބްލިކް އެކައުންޓްސް އެގްޒެކެޓިވް ކަމާއި ޕަބްލިކް އެންޓަޕްރައިޒަސް މޮނިޓަރިން އެންޑް އިވެލުއޭޝަން ބޯޑުގެ އިސްވެރިޔާގެ މަގާމު ފުރުއްވި
ޓެކްސް ކޮމިޝަނަރު ކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އޭނާ ހުންނެވީ ބީއެމްއެލްގެ ޗެއާމަނަކަށް؛ 2010 އިން 2019އަށް ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ފުރުއްވި
އެމްޓީޑީސީ، ސްޓެލްކޯ، މޯލްޑިވްސް ޕޯސްޓް ލިމިޓެޑް އަދި މޯލްޑިވްސް ނޭޝަނަލް އޮއިލް ކޮމްޕެނީ ފަދަ ދައުލަތުގެ ކުންފުނިތަކުގެ ބޯޑު މެންބަރުކަން ވެސް ކުރެއްވި
2019 ވަނަ އަހަރު އަމިއްލަ ވިޔަފާރީގެ ދާއިރާއަށް ބަދަލުވެވަޑައިގެން، ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީގެ ޑިރެކްޓަރު އޮފް ފައިނޭންސް އަދި ގްރޫޕް ޗީފް ކޮމްޕްލަޔަންސް އޮފިސަރުގެ މަގާމު އަދާކުރެއްވި
މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން އެކައުންޓިންގެ ދާއިރާއިން ބެޗްލާސް ޑިގްރީއެއް އަދި ހަމަ އެ ޔުނިވަސިޓީން މާލީ ދާއިރާއިން މާސްޓާޒް ޑިގްރީއެއް ހާސިލުކުރައްވާފައިވޭ 
އިނގިރޭސިވިލާތުގެ ފެލޯ ޗާޓަޑް މެނޭޖްމަންޓް އެކައުންޓެންޓް އަދި އޮސްޓްރޭލިއާގެ ސަޓިފައިޑް ޕްރެކްޓިސިން އެކައުންޓެންޓްގެ ސަނަދު އޭނާ ވަނީ ހާސިލުކުރައްވާފައި
ޒަރީރަކީ މި ސަރުކާރުގެ ތިން ވަނަ މާލީ ވަޒީރެވެ. މި ސަރުކާރުގެ ފުރަތަމަ މާލީ ވަޒީރަކީ މުހައްމަދު ޝަފީގެވެ. އެ ފަހުން ދެން އެ މަގާމު އަދާކުރެއްވީ ޒަމީރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ