އިންގްލެންޑާއި ގާނާ 0-0 އިން އެއްވަރުވި މެޗުގައި ޖޫޑް ބެލިންހަމް ގާނާގެ ފޯވާޑް ޖޯޑަން އަޔޫއާ ވާހަކަދައްކަމުން އަނގަ ނިވާކުރި މަންޒަރު ކެމެރާތަކަށް އެރި ނަމަވެސް އެ ހާލަތު ކުރިމަތިލުމެއްގެ ގޮތުގައި ނުބެލެވުމުން ރަތް ކާޑުން ސަލާމަތްވީއެވެ.
މި ފަހަރުގެ ވޯލްޑް ކަޕަށް ފީފާއިން ތައާރަފުކުރި އާ ގަވާއިދުތަކުގެ ތެރޭގައި ކުޅުންތެރިން ވާހަކަދައްކާ ވަގުތު އަނގަ ނިވާކުރުން މަނާކުރެވިފައިވެއެވެ. މި ގަވާއިދު ތައާރަފުކުރެވުނީ ޗެމްޕިއަންސް ލީގުގެ މެޗެއްގައި ވިނީޝިއަސް ޖޫނިއާއާ ދިމާއަށް ޖިއާންލޫކާ ޕްރެސްޓިއާނީ ”ހޯމޮފޯބިކް“ ބަހުރުވައިން މުއާމަލާތްކުރި މައްސަލައިގައެވެ. އެ މައްސަލައިގައި ޕްރެސްޓިއާނީއަށް ހަ މެޗުގެ ސަސްޕެންޝަނެއް އައެވެ.
މި ވޯލްޑް ކަޕްގައި ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުގައި ޕެރެގުއޭގެ މިގެލް އަލްމިރޯން، މި ގަވާއިދުގެ ދަށުން ވީއޭއާރް މެދުވެރިކޮށް ރެފްރީއަށް އެ އަމަލު ފާހަގަކޮށް ރަތް ކާޑު ދައްކާފައިވެއެވެ.
ނަމަވެސް ބެލިންހަމް އެ އަދަބުން ސަލާމަތްވީ އެ ގަވާއިދު ހިނގާނީ ހަމައެކަނި ކުރިމަތިލުމެއްގެ ތެރޭގައި އެ އަމަލު ހިންގާ ހާލަތުގައި ކަމަށް ވާތީއެވެ. ބެލިންހަމާއި އަޔޫގެ ބައްދަލުވުން ކުރިމަތިލުމެއްގެ ގޮތުގައި ނުބެލެވުނީ އަޔޫ އެކަމާ ރައްދު ނުދިނުމުންނެވެ. އަލްމިރޯންގެ ހާލަތުގައި ތުރުކީގެ މެޓް މުލްޑާ ވަގުތުން ރެފްރީ ގާތަށް ޝަކުވާ ހުށަހެޅުމުން ތަފާތު ނަތީޖާއެއް ނުކުތީއެވެ.
ފީފާގެ ރެފްރީޒް ކޮމިޓީގެ ޗެއާމަން ޕިއެލުއީޖީ ކޮލީނާ މި ގަވާއިދާ ބެހޭގޮތުން މުބާރާތް ފެށުމުގެ ކުރިން ވިދާޅުވެފައިވަނީ ”ވާހަކަދެއްކުން ރައްޓެހި ގޮތެއްގައި ނަމަ އެއްވެސް މައްސަލައެއް ނެތި ކުރިއަށް ގެންދެވޭނެ. ކުރިމަތިލުމެއްގެ ތެރޭގައި އަނގަ ނިވާކުރުމުގެ އަދަބަކީ ރަތް ކާޑު،“ ކަމަށެވެ.
މި މެޗުގައި ހާފް ޓައިމުގައި ބެލިންހަމް ގާނާ ބެންޗާ ދެމެދު ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކުރެވި ގާނާގެ ކޯޗު ކާލޮސް ކެއިރޯޒް އެ ކުރިމަތިލުމުގެ ތެރެއަށް ވަނެވެ. ކެއިރޯޒް ބުނީ ބެލިންހަމް ބޭނުންކުރި ބަހުރުވައިގެ ސަބަބުން ދެ ޓީމު ދެމެދު ”އިތުރު ނުތަނަވަސްކަން“ އުފެދުނު ކަމަށެވެ.
ރެފްރީން އެ ވަގުތުކޮޅު ތަފާތު ގޮތަކަށް ބެލި ނަމަ، ”ގްރޫޕް އެލް“ ގެ ފަހު މެޗުގައި ކޯޗު ތޯމަސް ޓުޗެލްގެ ޓީމުން އެންމެ މުހިންމު އެއް ކުޅުންތެރިޔާ ގެއްލުނީހެވެ.
ވޯލްޑްކަޕް ވޯލްޑްކަޕް ބެލިންހަމް އަނގަ ނިވާކުރި މައްސަލައިގައި ރަތް ކާޑުން ސަލާމަތްވީ ކިހިނެއް؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ