އެމެރިކާގެ ސިއްހީ ނިޒާމުން ބިލިއަނުން ފައިސާ ލޫޓުވާލި ކަމަށް ތުހުމަތު ކުރެވޭ ވިޔަފާރިވެރިއެއް ކަމަށްވާ އިބްރާހިމް ޚަލްދޫން ހިލްމީ ފިލައިގެން އުޅޭތާ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން ތުރުކީން އަތުލައިގަނެ، އެމެރިކާއަށް ގެންގޮސްފައިވާ ކަމަށް ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ހޯމަ ދުވަހު ބުނެފި އެވެ.
ހިލްމީގެ މައްޗަށް ތުހުމަތު ކުރެވެނީ މެޑިކެއާ ނިޒާމުގެ ތެރެއިން ފުޅާ ދާއިރާއެއްގައި ހިންގި އޮޅުވާލުންތަކުން 3.7 ބިލިއަން ޑޮލަރު ލޫޓުވާފައިވާ ކަމަށެވެ. އެފްބީއައިގެ ޑިރެކްޓަރު ކޭޝް ޕަޓޭލް ވިދާޅުވި ގޮތުގައި މިއީ އެމެރިކާގެ ތާރީހުގައި ވެސް ސިއްހީ ނިޒާމުގެ ތެރެއިން ހިންގި މިފަދަ އެންމެ ބޮޑު އެއް އޮޅުވާލުމެވެ.
މެޑިކެއާ އަކީ އުމުރުން 65 އަހަރުން ފެށިގެން ދޮށީ އުމުރުގެ މީހުންނަށާއި، ނުކުޅެދުންތެރިކަން ހުންނަ ޒުވާނުންނަށް އެމެރިކާ ސަރުކާރުން ހިންގާ ސިއްހީ އިންޝުއަރެންސް ޕްރޮގްރާމެކެވެ.
ހިލްމީގެ މައްޗަށް ތުހުމަތު ކުރެވެނީ ފެޑެރަލް ސަރުކާރުގެ 3.7 ބިލިއަން ޑޮލަރު ވަގަށް ނެގުމަށްޓަކައި ހީލަތްތެރި އަމަލުތައް ހިންގި ކަމަށެވެ.
އޭނާގެ ނެޓްވޯކުން އެމެރިކާގެ ސައްހަ ބައެއް ކުންފުނިތައް މެދުވެރިކޮށް ވިޔަފާރީގެ މުއަމަލާތްތައް ހިންގަމުން ދިޔަ އެވެ. އޭގެ ތެރޭގައި ސަންޝައިން ސީނިއާ ސޮލިއުޝަން ވެސް ހިމެނެ އެވެ. ދިގު މުއްދަތަކަށް ބޭނުންކުރާ ސިއްހީ ސާމާނު (ޑިއުރަބްލް މެޑިކަލް އިކުއިޕްމަންޓް) ކަމަށްވާ ކަކުލުގެ ބްރޭސް، ކުޑަހުޅުގެ ސަޕޯޓް، ފާރުގަނޑުތަކަށް ބޭނުންކުރާ ކުޝަން، ކެތީޓާ އަދި އެހެނިހެން ސާމާނުތަކަށް އެ ކުންފުނިތައް ބޭނުންކޮށްގެން މެޑިކެއާ އަށް ދޮގު ކްލެއިމްތައް ހުށަހަޅަމުން ދިޔަ އެވެ. ނަމަވެސް، އޯޑަރުތަކުގައި ހިމަނާފައިވާ ގިނަ ބަލިމީހުންނަކީ އެފަދަ ސާމާނަކަށް ދުވަހަކުވެސް އެދިފައިވާ ބައެއް ނޫނެވެ. ނުވަތަ އެ ތަކެތި ދުވަހަކު ވެސް އެ މީހުންނަށް ލިބިފައެއް ވެސް ނުވެ އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންނަކީ ދުނިޔޭގައި ތިބި މީހުންނެއް ވެސް ނޫނެވެ.
މި ބޮޑު މަކަރު އޮތީ އަހަރުތަކެއް ވަންދެން ސިއްރުވެފަ އެވެ. ސައްހަ ގޮތުގައި ހިންގާ ކަމަށް ދައްކާ އެތައް ކުންފުންޏެއް މެދުވެރިކޮށް ކްލެއިމްތައް ހުށަހަޅަމުން ދިއުމުން، މެޑިކެއާގެ އޮޑިޓްތަކަށް އާންމުކޮށް ޝައްކު އުފެދޭ ފަދަ އެއްވެސް "ރެޑް ފްލެގް" އެއް ހިލްމީގެ ނެޓްވޯކުގެ ތެރެއިން ފާހަގައެއް ވެސް ނުވެ އެވެ. ސައްހަ ވިޔަފާރި ނަންތަކާއި، އަސްލު ބޭނުންކުރާ ސިއްހީ ސާމާނުގެ ބައިތަކާއި އަސްލު ކަމަށް ހީވާ ބަލިމީހުންގެ ރެކޯޑްތައް ބޭނުންކުރުމުގެ ސަބަބުން، މި ބިލްތަކަށް ގާނޫނީ ސައްހަކަމުގެ ސިފައެއް ލިބިފައި އޮތީ އެވެ.
ތަހުގީގު ކުރާ ފަރާތްތަކަށް މި ހީލަތުގެ ހަގީގަތް ހާމަވާން ފެށިކަން އެނގުމާ އެކު ހިލްމީ ފިލީ އެވެ.
އެފްބީއައި އިން ބުނާ ގޮތުގައި، ކަމާބެހޭ ފަރާތްތަކުން އޭނާ ހައްޔަރުކުރުމުގެ ކުރިން، 2025 ވަނަ އަހަރުގެ މެއި މަހު ވަނީ އެމެރިކާ ދޫކޮށް ގޮސްފަ އެވެ. ބޭރު ގައުމަކަށް ފިލައިގެން ގޮސް، އެމެރިކާގެ ތަންފީޒީ އިދާރާތަކުގެ އަތް ނުފޯރާ ފަށުގައި އޭނާ އުޅެމުންދިޔަ އެވެ.
ހިލްމީ ވަނީ އަހަރަކަށްވުރެ ގިނަ ދުވަހު އަތުނުވެ ފިލައިގެން އުޅެފަ އެވެ. އެންމެ ފަހުން، ތުރުކީގެ ކަމާބެހޭ ފަރާތްތަކުން އޭނާ ހޯދައި، ތުރުކީން ހައްޔަރުކުރި އެވެ. އެއަށްފަހު އެފްބީއައިގެ 'ކްރިޓިކަލް އިންސިޑެންސް ރެސްޕޯންސް ގްރޫޕް' އިން 'ފޮރިން ޓްރާންސްފާ އޮފް ކަސްޓަޑީ' އެއް ހިންގި އެވެ. މިއީ ބޭރު ގައުމެއްގައި ހުންނަ ކުށްވެރިއަކު އަނބުރާ އެމެރިކާގެ އިހުތިސާސްގެ ދަށަށް ބަދަލުކުރުމަށް ހިންގާ ރަސްމީ މަރުހަލާއެއް ކަމަށް އެފްބީއައި އިން ބުނެ އެވެ.
އޭނާ އަނބުރާ އެމެރިކާއަށް ގެންދިޔައީ ޕްރައިވެޓް ޖެޓެއްގަ އެވެ. ބަންދު މީހުން ލައްވާ މަޑު ނޫކުލައިގެ ހެދުމެއްގައި އޭނާ ޖެޓުން ބާލައިގެން ގެންދިޔައީ އަތުގައި ބާޑި އަޅުވާފައި ބަހައްޓައިގެން، އޭނާގެ ދެފަރާތުގައި އެފްބީއައިގެ އެޖެންޓުން ތިބެގެންނެވެ.
ޕަޓޭލް ވަނީ މި މީހާ ހައްޔަރުކުރިކަން ރަސްމީ އެކްސް އެކައުންޓުގައި އިއުލާނުކުރައްވައިފަ އެވެ. އަދި މި އޮޕަރޭޝަން ކާމިޔާބު ކުރުމުގައި އެފްބީއައި މަޔާމީ، ޑިޕާޓްމަންޓް އޮފް ޖަސްޓިސް، ތުރުކީގެ ކަމާބެހޭ ފަރާތްތައް އަދި ތުރުކީއަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޓޮމް ބަރަކް ކުރެއްވި ހިކުމަތްތެރި ހާރިޖީ މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.
އޭނާ ހައްޔަރުކޮށްފައި މިވަނީ، 1.3 ބިލިއަން ޑޮލަރުގެ މެޑިކެއާ އޮޅުވާލުމުގެ މައްސަލައެއްގައި ފިލައިގެން އުޅުނު އެހެން ކުށްވެރިއެއް ކަމަށްވާ ހާބަޓް ކިމްބަލް ވެސް އެފްބީއައި އިން އަނބުރާ ގައުމަށް ގެނައިތާ ހަފުތާއެއް ވެސް ނުވަނީހުހެވެ. މި ދެ މައްސަލަ އެއްކޮށްލުމުން، އެމެރިކާގެ ޓެކްސް ދައްކާ މީހުންގެ އަތުން ގާތްގަނޑަކަށް 5 ބިލިއަން ޑޮލަރު ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ.
މެޑިކެއާ އޮޅުވާލުމުގެ ދައުވާތަކާ ކުރިމަތިލުމަށް ހިލްމީ ފެޑެރަލް ކޯޓަށް ހާޒިރުކުރާނެ އެވެ. ގެއްލިފައިވާ ފައިސާގެ ތެރެއިން އެއްވެސް މިންވަރެއް އެމެރިކާ ސަރުކާރަށް އަނބުރާ ހޯދޭނެ ކަމެއް އަދި ނޭނގެ އެވެ.
އެމެރިކާގައި، މެޑިކެއާ އޮޅުވާލުމުގެ ކުށް ސާބިތުވާ މީހުންނަށް ޖޫރިމަނާ އާއި މަދަނީ އަދަބުތަކުން ފެށިގެން، އެތައް އަހަރެއްގެ ޖަލު ހުކުމްތަކާ ހަމައަށް އަދަބު ލިބެ އެވެ.
ޕްރޮސެކިއުޓަރުން، ކުރިއަށް އޮތް ދުވަސްތަކުގައި މި މައްސަލައިގެ އިތުރު ތަފްސީލުތައް ހާމަކުރާނެ ކަމަށް ބެލެވެ އެވެ.
މި މައްސަލައަކީ 'އޮޕަރޭޝަން ގޯލްޑް ރަޝް' ގެ ބައެކެވެ. މިއީ މެޑިކެއާ ޕްރޮގްރާމުގެ ނާޖާއިޒު ފައިދާ ނަގަމުންދާ ބައިނަލްއަގުވާމީ ޖިނާއީ ނެޓްވޯކްތަކަށް އަމާޒުކޮށްގެން ފެޑެރަލް ސަރުކާރުން ގުޅިގެން ހިންގާ ވަރުގަދަ ހަރަކާތެކެވެ. މި އޮޕަރޭޝަނުގެ ދަށުން މުޅި ގައުމުގައި އެތައް ސަތޭކަ ބައެއްގެ މައްޗަށް ވަނީ ޖިނާއީ ދައުވާ އުފުލައިފަ އެވެ.
ޕަޓޭލް ވިދާޅުވީ، "އެމެރިކާގެ ޓެކްސް ދައްކާ މީހުންގެ ފައިސާއިން ވައްކަންކުރާ ކޮންމެ ކުށްވެރިއަކު، ކޮންމެ ތަނެއްގައި ފިލައިގެން އުޅުނަސް އަތުލައިގަންނާނެ" ކަމަށެވެ.
ނަމަވެސް، ޓްރަމްޕްގެ ރައީސްކަމުގެ ދެ ދައުރުގައި، އޮޅުވާލުމުގެ ކުށް ސާބިތުވެފައިވާ 70 އަށްވުރެ ގިނަ މީހުންނަށް ވަނީ މާފު ދީފަ އެވެ. މީގެ ތެރޭގައި ފިލިޕް އެސްފޯމްސް ހިމެނެ އެވެ. އޭނާ ހިންގި 1.3 ބިލިއަން ޑޮލަރުގެ މެޑިކެއާ އޮޅުވާލުމުގެ މައްސަލައަކީ، މިހާތަނަށް އެމެރިކާގެ ތާރީހުގައި ވަކި ފަރުދަކު ހިންގި އެންމެ ބޮޑު ސިއްހީ ނިޒާމުގެ އޮޅުވާލުމުގެ މައްސަލަ ކަމަށް ބެލެވުނު މައްސަލައެވެ. ޓްރަމްޕް ވަނީ 2020 ވަނަ އަހަރު އޭނާގެ ހުކުމް ލުއިކޮށްދެއްވައިފަ އެވެ. -- އަލް ޖަޒީރާ
އެމެރިކާގެ ސިއްހީ ނިޒާމުގެ ތެރެއިން 3.7 ބިލިއަން ޑޮލަރު ލޫޓުވާލި މީހާ ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ