ޖަޕާނުގެ މަރުކަޒީ ބޭންކުން އިންޓަރެސްޓް ރޭޓް 1 އިންސައްތަ މަތިކޮށްފި

ޖަޕާނުގެ މަރުކަޒީ ބޭންކު، ބޭންކް އޮފް ޖަޕާން (ބީއޯޖޭ) އިން އެ ގައުމުގެ ބެންޗްމާކް އިންޓަރެސްޓް ރޭޓް އެއް އިންސައްތައަށް މަތިކޮށްފިއެވެ. މިއީ 1995 ވަނަ އަހަރަށްފަހު ޖަޕާނުގެ އިންޓަރެސްޓް ރޭޓް މިހާ މައްޗަށް ޖެހުނު ފުރަތަމަ ފަހަރެވެ. ބީއޯޖޭގެ ބޯޑުން މިގޮތަށް ފާސްކުރީ 7-1 ގެ ވޯޓަކުންނެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ބަދަލަކީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ތަކެތީގެ އަގުތައް އުފުލުމާ ގުޅިގެން ގެނައި ބަދަލެކެވެ. މިއީ ޖަޕާނުގެ އިގުތިސާދު ހީނަރުވުމުން ސަލާމަތްކުރުމަށް އެތައް އަހަރެއް ވަންދެން ގެންގުޅުނު ލުއި މަނިޓަރީ ސިޔާސަތު ދޫކޮށްލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެކެވެ. ބީއޯޖޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖަޕާނުގެ އިންފްލޭޝަން ރޭޓް އަމާޒުކުރި މިންވަރުގައި ހުރި ނަމަވެސް، ތެލުގެ އަގު ބޮޑުވުމުގެ އަސަރު ވިޔަފާރިތަކުގެ މުއާމަލާތްތަކަށް ކުރަމުންދާ ކަމަށެވެ. މީގެ ސަބަބުން ގިނަ ބާވަތްތަކެއްގެ މުދަލުގެ އަގު އުފުލުމުގެ ފުރުސަތު އޮތް ކަމަށް އެ ބޭންކުން ފާހަގަކުރިއެވެ. މެދު ރާސްތާއާއި ދިގު ރާސްތާގެ އިންފްލޭޝަން މައްޗަށް ދާނެ ކަމަށް ލަފާކުރެވޭތީ، ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) އިންފްލޭޝަން، ބޭންކުން ކަނޑައަޅާފައިވާ ދެ އިންސައްތައިގެ އަމާޒަށްވުރެ މައްޗަށް ދިއުމުގެ ނުރައްކާ އޮތް ކަމަށްވެސް ބީއޯޖޭއިން ބުނެފައިވެއެވެ. ހަނގުރާމަ ފެށުމުގެ ކުރިން ޖަޕާނުން ބޭނުންކުރާ ސާފުނުކުރާ ތެލުގެ 95 އިންސައްތަ އެތެރެކުރަމުން ދިޔައީ މެދުއިރުމަތިންނެވެ. އެހެންކަމުން، ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު އިގުތިސާދު އޮތީ ތެލުގެ އަގަށް އަންނަ ކުއްލި ބަދަލުތަކުގެ ނުރައްކަލަށް ހުށަހެޅިފައެވެ. މިކަމާ ގުޅިގެން، ބޮޑުވަޒީރު ސަނައޭ ތަކައިޗީގެ ސަރުކާރުން ވަނީ ހަކަތައިގެ އަގުތައް ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއް އަޅައިފައެވެ. މީގެ ތެރޭގައި ޖަޕާނުގެ ސްޓްރެޓީޖިކް ތެލުގެ ރިޒާވް ބޭނުންކުރުމާއި، ގޭބިސީތަކުގެ ގޭހާއި ކަރަންޓު ބިލުތަކަށް ސަބްސިޑީ ދިނުން ހިމެނެއެވެ. ތާޒާ ކާބޯތަކެތީގެ އަގު ނުހިމަނައި ގުނާ ޖަޕާނުގެ ކޯ ސީޕީއައި، މިދިޔަ އޭޕްރީލް މަހު އަހަރުން އަހަރަށް ބަލާއިރު މައްޗަށް ގޮސްފައިވަނީ އެންމެ 1.4 އިންސައްތައެވެ. ބީއޯޖޭއިން ބުނި ގޮތުގައި މިއީ ހަކަތައިގެ އަގު ބޮޑުވުމުން އާންމުންނަށް ކުރިމަތިވާ ތަކުލީފު ކުޑަކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ނަތީޖާއެވެ. އައިއެންޖީގެ ސީނިއާ އިކޮނޮމިސްޓް މިން ޖޫ ކަންގް އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިންޓަރެސްޓް ރޭޓް މަތިކުރުމަކީ ޖަޕާނުގެ އިގުތިސާދަށް އައި ހެޔޮ ބަދަލެއް ކަމަށާއި، މިއީ ދެމެހެއްޓެނިވި ކުރިއެރުމަކާއި އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި ބީއޯޖޭއިން ކަނޑައަޅާފައިވާ ދެ އިންސައްތައިގެ އިންފްލޭޝަން އަމާޒަށް ވާސިލުވެވޭނެ ކަމުގެ ޔަގީންކަން މިހާރު އެ ބޭންކަށް އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޖަޕާނުން އެތައް އަހަރެއް ވަންދެން ގެންގުޅުނު ނެގެޓިވް އިންޓަރެސްޓް ރޭޓްތައް ދޫކޮށްލަން ފެށީ 2024 ވަނަ އަހަރުއެވެ. އެގޮތުން، 17 އަހަރަށްފަހު ފުރަތަމަ ފަހަރަށް އިންޓަރެސްޓް ރޭޓް މަތިކޮށް، -0.1 އިންސައްތައިގައި ހުރި ރޭޓް އެ އަހަރުގެ މާޗު މަހު ވަނީ އުވާލައިފައެވެ. 1990 ގެ އަހަރުތަކުގެ ކުރީކޮޅު ޖަޕާނުގެ އެސެޓް ބަބްލް ފަޅައިގެން ދިއުމާ ގުޅިގެން، އެ ގައުމުގެ އިގުތިސާދީ ކުރިއެރުން މަޑުޖެހި، ޑިފްލޭޝަންގެ ދިގު މުއްދަތަކާ ކުރިމަތިލާން ޖެހުނެވެ. މި މުއްދަތަށް ގެއްލުނު އަހަރުތައް ކިޔައި އުޅެއެވެ. ނަމަވެސް، ފަހަކަށް އައިސް ޖަޕާނުގެ އިގުތިސާދު ރަނގަޅުވަމުން އަންނަ ކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ. އެގޮތުން، މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ޖަޕާނުގެ ޖީޑީޕީ ވަނީ އަހަރީ ނިސްބަތުން 2.1 އިންސައްތަ ކުރިއަރައިފައެވެ. މިއީ ފާއިތުވި ހަ ކުއާޓަރުގެ ތެރޭގައި އިގުތިސާދު އެންމެ ހަލުވިކޮށް ކުރިއަރައިގެން ދިޔަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ