މި ސަރުކާރުން ނާއިންސާފުން ކުރާ ކޮންމެ ކަމަކުން ރައީސް މުހައްމަދު މުއިއްޒު އުފައްދަވަމުން އެ ގެންދަވަނީ އިންގިލާބެއް ކަމަށާއި އެ އިންގިލާބަށް ރައްޔިތުން ނުކުމެ މި ސަރުކާރު ބަދަލުކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީގެ ޗެއާޕާސަން ކަމާ މި ފަހުން ހަވާލުވި ނަޝީދު މިހެން ވިދާޅުވީ، 'ވަޒީފާ ބުރާސްފަތި' ނަމުގައި މިރޭ މާލޭގައި އެމްޑީޕީން ކުރި އިހުތިޖާޖު ނިންމާލުމަށް ފަހު ވާހަކަފުޅުދައްކަވަމުންނެވެ. ރަސްފަންނު ސަރަހައްދުން މިރޭ 8:30ގައި ފެށި މި އިހުތިޖާޖު ދާދި ދެންމެއަކު އާޓިފިޝަލް ބީޗު ސަރަހައްދަށް ގޮސް ސުލުހަވެރިކަމާ އެކު ވަނީ ނިންމާލައިފަ އެވެ.
މިއީ، ސަރުކާރާ ދެކޮޅު މީހުން ސަރުކާރުގެ ވަޒީފާތަކުން ވަކިކުރަމުންދާތީ އެކަމާ ދެކޮޅަށް ބޭއްވި އިހުތިޖާޖެކެވެ.
ބުނީ ކީކޭ؟ - ނަޝީދު ވިދާޅުވީ އެމްޑީޕީ އުފެދިގެން އައީ ރާއްޖޭގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ކަމަށާއި އެ ޕާޓީގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދިނުން ކަމަށެވެ. އެ ތަނަވަސްކަން ބިނާވެފައި އޮންނަނީ ރައްޔިތުންގެ އަސާސީ ހައްގުތައް ރައްކާތެރިވުމުގެ މައްޗަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ:
ގާނޫނުއަސާސީގައި ވަޒީފާ އަދާކުުރާ މީހުންގެ ހައްގުތައް ރައްކާތެރިކުރުމުގެ އެންމެހާ އަސާސީ އުންސުރުތައް އޮތީ ލިބިދީފައި؛ ރައްޔިތުން އެ ހައްގުތައް ހޯދީ އެތައް ޒަމާނެއްގެ ބުރަ މަސައްކަތުން
އެމްޑީޕީއަކީ ހަރަކާތެއް، މުވައްސަސާއެއް؛ މި ޕާޓީ ފަހަތަކަށް ނުޖެހޭނެ
މި ވެރިކަން ބަދަލުކުރާނަން
ސަރުކާރު ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުންދަނީ އެއްެވެސް ހަމައެއް، އިންސާފެއް ނެތި؛ މިކަންކަމުގެ އަޑު އުފުލުމުގައި އެމްޑީޕީ އެ މުވައްޒަފުންނާ އެކު ތިބޭނެ
ވަޒީފާ އަދާކުރާ ހުރިހާ ރައްޔިތުންނަށް ޔަގީންކަން އަރުވަން ބޭނުންވަނީ އެބޭފުޅުން އެކަންޏެއް ނުވާނެކަމާއި އެފަދަ ކޮންމެ އާއިލާއަކާ އެކު އެމްޑީޕީ ތިބޭނެކަން
"ޑރ. މުއިއްޒަށް އެނގިވަޑައިގަންނަވަންވީ އެބޭފުޅާ އެ އުފައްދަވަމުން އެގެންދަވަނީ އިންގިލާބެއްގެ މަސައްކަތް. ރާއްޖޭގެ ރައްޔިތުން އިންގިލާބަށް ނުކުންނާނެ. އެ ރައްޔިތުން އެމީހުންގެ ހައްގުގައި އަދާކުރަން ޖެހޭ ހުރިހާ ވާޖިބެއް އަދާކުރަމުން ގެންދާނެ. އެމްޑީޕީ އެމީހުންނާ އެކީގައި، ރާއްޖޭގެ ރައްޔިތުންނާ އެކުގައި ތިބޭނެ،" ނަޝީދު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މިރޭ މި އިހުތިޖާޖުގައި ގިނަ ބަޔަކު ބައިވެރިވި އެވެ. އިހުތިޖާޖުގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގަ އެވެ. އަދި އެހެން ފަހަރުތަކާ ހިލާފަށް ފުލުހުން ވެސް މި އެއްވުމަށް ހުރަސް އަޅާފައެއްނުވެ އެވެ.
މިއީ ޗެއާޕާސަންކަމާ ނަޝީދު ހަވާލުވެވަޑައިގެންނެވި ފަހުން އެ ޕާޓީން ބޭއްވި މިފަދަ ފުރަތަމަ ހަރަކާތެވެ. މި ހަރާކަތުގައި ނަޝީދުގެ އިތުރުން، އެމްޑީޕީގެ ލީޑާޝިޕް ގިނަ ބޭފުޅުންތަކެއް ކުރީ ސަފުގައި ތިއްބެވި އެވެ.
މުއިއްޒު އުފައްދަވަމުން އެދަނީ އިންގިލާބެއް، އެ އިންގިލާބަށް ރައްޔިތުން ނުކުންނާނެ: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ