ބޮޑު ކުރިއެރުމަކާ އެކު ޝާޔާ، ޝޮޓް ޕުޓް އުކުމުގެ ގައުމީ ރެކޯޑް މުގުރާލައިފި

މިހާރު ކުރިއަށްދާ 35 ވަނަ ގައުމީ އެތުލެޓިކްސް މުބާރާތުގައި ޓްރެކް އެންޑް ފީލްޑް އެެސޯސިއޭޝަންގެ އައިޝަތު ޝާޔާ ޝަފީއު، ބޮޑު ކުރިއެރުމަކާ އެކު ރާއްޖޭގެ ގައުމީ ޝޮޓް ޕުޓް އުކުމުގެ ގައުމީ ރެކޯޑް މުގުރާލައިފި އެވެ.
މީގެ ކުރިން، މިދިޔަ އަހަރުގެ ގައުމީ މުބާރާތުގައި ޝާޔާ އެ ރެކޯޑް އާ ކުރީ، 9.80 މީޓަރު ދުރަށް އެއްލައިގެންނެވެ. މިއަދު ކުރިއަށްދިޔަ ގައުމީ އެތުލެޓިކްސް މުބާރާތުގައި ޝާޔާ އެ ރެކޯޑް މުގުރާލީ، އިތުރު 40 ސެންޓިމީޓަރު ދުރަށް އެއްލައި، 10.20 މީޓަރަށް ކުރިއަށް ޖައްސާލައިގެންނެވެ. 
މި ފަހަރުގެ އެތުލެޓިކްސް ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ހޯދި ޝާޔާގެ ފަހަތުން ދެ ވަނަ އަށް ދިޔަ، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ  އައިޝާ އައިލީން އަހުމަދު ވަނީ  8.76 މީޓަރު ދުރަށް އެއްލައިފަ އެވެ. އަދި، ތިން ވަނަ އަށް ދިޔަ، އައިޝަތު އައިނީ މުހައްމަދު ވަނީ 8.03 މީޓަރު ދުރަށް އެއްލައިފަ އެވެ. 
އެސޯސިއޭޝަން ޗެމްޕިއަންޝިޕަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ޝާޔާ ބުނެފައިވަނީ، ފަސް ވަރަކަށް އަހަރު ފީލްޑް އިވެންޓްތަކަށް ޓްރެއިނިން ހަދަމުން އަންނައިރު، އަމާޒުހުރީ، އިންޓަނޭޝަނަލް ލެވަލަށް ދިއުމަށް ކަމަށެވެ. 
"މި މުބާރާތް (އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް) ދިޔަ ގޮތާ މެދު ހިތްހަމަޖެހޭ، ދެން، މިއަދު މި ލިބުނު ކާމިޔާބަކީ އަދި ސްޓާޓެއް، ދެން، ޝާގެ ޓާގެޓަކީ ނެޝަނަލް ރެކޯޑަށް ވުރެން ވެސް ދުރަށް 11 އާ ހިސާބަށް ޓާގެޓްކޮށްގެން އިންޓަނޭޝަނަލް ލެވަލް އަށް ހަމަ ކުރިއަށްދާން،" ކުރިމަގަށްޓަކައި ކުރާ ބޮޑު އުންމީދެއް ހިއްސާކުރަމުން ޝާޔާ ބުންޏެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ ގައުމީ މުބާރާތުގައި ޖުމްލަ އެކު، 153 އެތުލީޓުން ވާދަކުރެ އެވެ. އެއީ، އަންހެން 56 އެތުލީޓުންނާއި ފިރިހެން 97 އެތުލީޓުންނެވެ. އެއީ، ޖުމްލަ 19 ކްލަބަކަށް ނިސްބަތްވާ އެތުލީޓުންނެވެ. އެންމެ ގިނަ އެތުލީޓުން ނިސްބަތްވަނީ ދިވެހި ސިފައިންގެ ކްލަބް (36) އާއި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން (40) އެވެ. 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ