ބޮސްނިއާ ބަލިކޮށް ސްވިޒަލެންޑުން ހިންދެމިލައިފި

ކެލިފޯނިއާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 19) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ބޮސްނިއާ އަތުން 4-1 އިން މޮޅުވެ، ސްވިޒަލެންޑުން އުނދަގޫކޮށް ފަށަން ޖެހުނު މި ފަހަރުގެ މުބާރާތުގައި ހިންދެމިލުމުގެ ފުރުސަތު ހޯދައިފި އެވެ. 
ގްރޫޕް ބީގައި ސްވިޒަލެންޑުން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ފަހު ވަގުތު 1-1 އިން ގަތަރާ އެއްވަރުވެފަ އެވެ. އެހެންކަމުން، މި މެޗަށް ބޮސްނިއާއާ ދެކޮޅަށް ނުކުތީ ކޮންޓްރޯލްގައި އޮވެގެން ކުރިއަށްދާނަަމަ ކޮންމެހެން މޮޅުވާން ޖެހޭ މެޗެއްގެ ގޮތުގައި ދެކިގެންނެވެ. ސްވިޒަލެންޑަށް މެޗުގައި ގޯލެއް ޖެހޭގޮތްވީ 74 ވަނަ މިނިޓްގަ އެވެ. އޭގެ ކުރިން، އެ ޓީމުން މެޗުގެ ބޮޑުބައި ކުޅެން ޖެހުނީ ޕްރެޝަރުގައި އޮވެ އެވެ. އެކަމަކު، ފުރަތަމަ ލަނޑަށް ފަހު މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅެ، ލީޑުފުޅާކުރި އެވެ. 
ލޮސް އެންޖެލްސް ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން ސްވިޒަލެންޑާއި ބޮސްނިއާ އިން ވެސް ދިޔައީ ލިބޭ ބޯޅަތަކުގައި އަވަސް ކުޅުމެއް ދައްކައި ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާލަން ލިބޭ ފުރުސަތުތަކުގެ ބޭނުންހިފޭތޯ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން، ސްވިޒަލެންޑުގެ ކީޕަރު ގްރެގޯރީ ކޮބެލް އާއި ބޮސްނިއާ ކީޕަރު ނިކޯލާ ވަސީލް ދިޔައީ، އިދިކޮޅު ޓީމުތަކުގެ އެޓޭކަރުން ގޯލެއް ޖަހަން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވިޔަ ނުދޭން ރަނގަޅު ހިތްވަރެއް ދައްކަމުންނެވެ. 
އެ ގޮތުން، މެޗުގެ ދެ ވަަނަ ހާފުގެ ކުރީކޮޅުގައި ސްވިޒަލެންޑުގެ ޑޭން އެންޑޯއި އޭރިއާތެރެއިން އެކްރަބެޓިކް ކިކަކުން ޖެހި ބާރު ބޯޅަ ބޮސްނިއާގެ ކީޕަރު، ވަސީލް ވަނީ މަތަކޮށްފަ އެވެ. އަދި، ބޮސްނިއާގެ އަމާރު ޑެޑިޗް އޭރިއާބޭރުން ފޮނުވާލި ބާރު ބޯޅަ ކީޕަރު ކޮބެލް ވަނީ ހުއްޓުވައިފަ އެވެ. 
ސްވިޒަލެންޑުން ލަނޑެއް ޖެހޭތޯ ކުރަމުންދިޔަ މަސައްކަތް ކާމިޔާބުކޮށްދިނީ ބަދަލެއްގެ ގޮތުގައި ކުޅެން އެރި އުމުރުން 20 އަހަރުގެ ފޯވާޑް، ޖޯހާން މަންޒަމްބީ އެވެ. ކުޅެން އެރިތާ ތިން މިނިޓް ތެރޭ، މެޗުގެ 74 ވަނަ މިނިޓްގައި ބޮސްނިއާ އޭރިއާތެރެއިން މަންޒަަމްބީ އަށް ލިބުނު ބޯޅައެއް ވޮލީ އަކުން ފޮނުވާލިއިރު، ގޯލަށް ވަނީ ކީޕަރު ވަސީލް އަތުގައި ޖެހިފަ އެވެ. 
ބޮސްނިއާ އަށް އިތުރު މައްސަލަތައް ކުރިމަތިވީ، މެޗުގެ 80 ވަނަ މިނިޓްގައި އެ ޓީމުގެ ޑިފެންޑަރު، ޓަރީކް މުހަރެމޮވިޗަށް ރަތެއް ދެއްކުމުންނެވެ. ސްވިޒަލެންޑްގެ ބްރީލް އެމްބޯލޯ އަށް ކުރި ފައުލަކަށް މުހަރެމޮވިޗަށް ރަތެއް ދެއްކިއިރު، އެ ޓީމުގެ ކުޅުންތެރިއެއް މަދުވުމުގެ ފައިދާނަގައި، ތިން މިނިޓް ފަހުން، ރުބެން ވާގާސް ވަނީ ސްވިޒަލެންޑަށް ދެ ވަނަ ލަނޑެއް ޖަހައިދީފަ އެވެ. އޭރިއާތެރެއިން ވާގާސް އަށް މި ލަނޑު ޖަހަން ބޯޅަ ދިނީ އެމްބޯލޯ އެވެ. 
އިތުރު ވަގުުތުގެ ފުރަތަމަ މިނިޓްގައި، މަންޒަމްބީ ވަނީ ސްވިޒަލެންޑުގެ ތިން ވަނަ ލަނޑު އަދި އޭނާގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، ވާގާސް އޭރިއާތެރެއަށް ނަގައިދިން ހުރަހަކުން މަންޒަމްބީ ޖެހި ގޯލެކެވެ. 
އޭގެ ފަހުން، ބަދަލަކަށް ކުޅެން އެރި ބޮސްނިއާގެ އެެރްމިން މަމިޗް ވަނީ އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިފަ އެވެ. އެ ގޮތުން، ކޯނަރެއްގައި ސްވިޒަލެންޑު ޑިފެންޑަރުންނަށް ސަލާމަތްނުކުރެވިދިޔަ ބޯޅައެއްގައި މަމިޗް ވަނީ ކުޅެން އަރައި ފައިގައި ޖެހުނު ފުރަތަމަ ބޯޅަ ގޯލުގެ މަތީ ދާގަނޑަށް ފޮނުވާލައިފަ އެވެ.
ސްވިޒަލެންޑަށް މެޗުގައި ލިބުނު ދެ ވަނަ ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ ވަނީ އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، 1994 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފަހުން، ސްވިޒަލެންޑުން ވޯލްޑް ކަޕެއްގައި ހަތަރު ލަނޑު ޖެހި ފުރަތަމަ ފަހަރެވެ. 
ބޮސްނިއާ އަށް އަދިވެސް މުބާރާތުގައި ކުރިއަށްދިއުމުގެ ފުރުސަތު އެބައޮތެވެ. އެ ޓީމުން ގްރޫޕްގެ ފަހު މެޗުގައި ނުުކުންނާނީ ގަތަރާ ދެކޮޅަށެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ