މިހާރު ކުރިއަށްދާ 35 ވަނަ ގައުމީ އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު ރޭހުން ދިވެހި ސިފައިންގެ ކްލަބްގެ ހަސަން ސާއިދު އާއި ޒިވާ މޫސާ ޝަފީއު، އެއް ވަނަ ހޯދައިފި އެވެ.
ކުޅިވަރު އެކުވެނި ޓްރެކުގައި މިއަދުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހަށް ދިގުދެމިގެންދާ ގައުމީ އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމުގެ ފިރިހެން އިވެންޓުން އެއް ވަނަ ސާއިދު އަށް ލިބުނީ، 10.82 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ސާއިދު ވަނީ މި ފަހަރުގެ އެތުލެޓިކްސް ސީޒަނުގެ ފުރަތަމަ މުބާރާތް، އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އެތުލީޓުގެ މަގާމު ހޯދައިފަ އެވެ.
ގައުމީ މުބާރާތުގެ ސަތޭކަ މީޓަރު ރޭހުން ސާއިދު ފަހަތުން، ދެ ވަނަ އަށް ދިޔަ ސާއިދު ސްޕޯޓްސްގެ އާދަމް ރިއްފަތު ރޭސް ނިންމީ 11.01 ސިކުންތުންނެވެ. އަދި، ތިން ވަނަ އަށް ދިޔަ، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އަހުނަފް ރައްޔާން ފަހުމީ ރޭސް ނިންމީ، 11.21 ސިކުންތުންނެވެ.
އަންހެނުންގެ 100 މީޓަރުގެ ރޭހުން ޒިވާ އެއް ވަނަ ހޯދީ ދިވެހި ސިފައިންގެ ކްލަބްގެ އަހްނާ ނިޒާރު ފަހަތަށް ޖައްސާލުމަށް ފަހު އެވެ. ޒިވާ ރޭސް ނިންމީ، 12.30 ސިކުންތުންނެވެ. ދެ ވަނަ އަށް ދިޔަ އަހްނާގެ ޓައިމިން އަކީ، 12.33 ސިކުންތުންނެވެ، އެހެންކަމުން، ޒިވާ އެއް ވަނަ ހޯދާފައި މި ވަނީ، 0.0.3 ސިކުންތުގެ ފަރަގަކުންނެވެ. ތިން ވަނަ އަށް ދިޔަ، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޝުއާ އަހުމަދު ރިޝްފާންގެ ޓައިމިން އަކީ، 13.53 ސިކުންތެވެ.
އެެހެން އިވެންޓްތަކަށް ބަލާއިރު، ފިރިހެނުންގެ 10،000 މީޓަރު ދުވުން ކާމިޔާބު ކުރީ ޔޫސުފް އިބްރާހިމް އެވެ. ޓްރިޕަލް ޖަމްޕުން އައިޝަތު ޒީވާ އާމިރު އާއި މުހައްމަދު ޖައިލަމް ވަލީދު ކުރިހޯދިއިރު، 800 މީޓަރު ދުވުމުން ހުސެއިން ރިޒާ އާއި ފަސޫހާ އަހުމަދު ވަނީ ކާމިޔާބު ހޯދައިފަ އެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ގައުމީ މުބާރާތުގައި ޖުމްލަ އެކު، 153 އެތުލީޓުން ވާދަކުރެ އެވެ. އެއީ، އަންހެން 56 އެތުލީޓުންނާއި ފިރިހެން 97 އެތުލީޓުންނެވެ. އެއީ، ޖުމްލަ 19 ކްލަބަކަށް ނިސްބަތްވާ އެތުލީޓުންނެވެ. އެންމެ ގިނަ އެތުލީޓުން ނިސްބަތްވަނީ ދިވެހި ސިފައިންގެ ކްލަބް (36) އާއި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން (40) އެވެ.
ގައުމީ މުބާރާތުގެ 100 މީޓަރު ރޭސް ކާމިޔާބުކުރީ ސާއިދު އާއި ޒިވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ