މިހާރު ކުރިއަށްދާ ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ އަރި ޒޯނުގެ ލީގު ބުރުގެ އެއް ވަނަ ހޯދައި މި ޒޯނުގެ އެންމެ ކާމިޔާބު ޓީމު، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑުން ފައނަލުގެ ސީދާ ޖާގައެއް ހޯދައިފި އެވެ.
ލީގު ބުރުގެ ފަހު މެޗުގައި، ކޮންރަޑުން ވަނީ މެލިއާ ވައިޓް ލެގޫން މޯލްޑިވްސް އަތުން 4-2 އިން މޮޅުވެފަ އެވެ. މި މެޗު އެއްވަރުކޮށްލައިގެން ވެސް މެލިއާ އަށް ފައިނަލަށް ދެވެން އޮތް ނަމަވެސް ކޮންރަޑުން ވަނީ މެޗު ކާމިޔާބުކޮށް ފައިނަލުގެ ޖާގަ ހޯދައިފަ އެވެ.
ކޮންރަަޑަށް މެޗުގައި ލަނޑުތައް ޖަހައިދިނީ، މެޗުގެ މޮޅު ކުޅުންތެރިޔާ އަބްދުﷲ އަޒީމް ދެ ލަނޑާއި ހުސެއިން ޝިފާހު (ސިފަޓީ) އާއި މުހައްމަދު ހައްޖާދު ގޯލެކެވެ. މެލިއާ އަށް ލަނޑުތައް ޖަހައިދިނީ، މުހައްމަދު އާދަމް އާއި މާއިން މުހައްމަދު އެވެ.
މިއަދު ލިލީ ބީޗާއި ޑަބްލިއު މޯލްޑިވްސް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، އެ ނަތީޖާ އަކީ ލިލީ ބީޗަށް ތިން ވަނަ ޔަގީންވާ ސްކޯ އެކެވެ. ލިލީ ބީޗުން އެ މެޗުން ހޯދި ޕޮއިންޓާ އެކު ތިން ވަނަ ހޯދިއިރު، ފައިނަލުގެ ޖާގަ އަކަށް މެލިއާއާ ބައްދަލުކުރާނެ އެވެ. ލީގު ބުރުގައި ލިލީ ބީޗް އަތުން މެލިއާ 7-1 އިން މޮޅުވި އެވެ.
ލިލީ ބީޗާއި މެލިއާ ކުޅޭ ސެމީ ފައިނަލް މެޗު އޮތީ ހޮނިހިރު ދުވަހު ހަވީރު އެވެ. އަދި، އެ މެޗުން މޮޅުވާ ޓީމަކާއި ކޮންރަޑުން ކުޅޭ ފައިނަލް މެޗު އޮންނާނީ އަންނަ ހޯމަ ދުވަހު ހަވީރު އެެވެ.
ކޮންރަޑުން ވަނީ އަރި ޒޯންގެ ޗެމްޕިއަންކަން އަށް ފަހަރު ހޯދައިފަ އެވެ. އަދި، މިދިޔަ އަހަރުގެ ރިސޯޓް ސުޕަ ލީގުގެ ޗެމްޕިއަންކަން ކޮންރަޑުން ހޯދީ ފައިނަލުގައި، ޖޯލި މޯލްޑިވްސް ބަލިކޮށްފަ އެވެ.
ރެކޯޑް ޗެމްޕިއަން ކޮންރަޑް ފައިނަލަށް، ލިލީ ބީޗާއި މެލިއާ ސެމީގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ