އެމްޑީޕީއަށް ބޭނުންވަނީ އިންސާފުވެރި ރެފްރީއެއްތަ؟ އިދިކޮޅު ހިންގޭނެ ވަރުގަދަ ފޯވާޑެއްތަ؟

އެމްޑީޕީގެ 49،000އެއްހާ މެންބަރުންގެ އަތަށް މާދަމާ ލިބޭ ވޯޓު ކަރުދާހުގައި އޮތީ ދެ ނަމަކެވެ؛ އެއީ، ގ. ކެނެރީގެ މުހައްމަދު މުހައްމަދު ނަޝީދު (އަންނި) އަދި ގ. ބަރޯސާ މީކާއިލް އަހްމަދު ނަސީމް އެވެ.
ގާތްގަނޑަކަށް ދެ މަސްދުވަހުގެ މި ކެމްޕެއިންގައި އެ ދެ ބޭފުޅުންނާއި އެ ބޭފުޅުންގެ ދެ ޓީމުން އެ ދެއްކި ވާހަކަތައް އަޑު އިވިއްޖެ އެވެ. މާދަމާ ވޯޓު ކަރުދާސް އަތަށް ލިބޭއިރު، އެމްޑީޕީގެ އާންމު މެންބަރުން ގޮތެއް ނިންމާނެ އެވެ.
ނަޝީދު މުޅި ކެމްޕެއިން އެ ނިންމާލައްވަނީ، އެ މަނިކުފާނުގެ އެހެން ކެމްޕެއިންތަކާ ހިލާފަށް އެ މަނިކުފާނުގެ ވާދަވެރި ކެންޑިޑޭޓް މީކާއިލްއަށް ބަހުގެ ހަމަލާއެއް ނުދެއްވަ އެވެ. އެންމެ ގަދައަށް ދެއްކެވީ، ހުދުމުހުތާރުކަމުގެ ސިފަ ޖެހިފައިވާ ކަމަށް ވިދާޅުވި ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރު ބަލި ކުރަން ޖެހޭ ވާހަކަ އެވެ. މިއަހަރު ނިމުމުގެ ކުރިން ސަރުކާރު ބަދަލު ކުރަން ޖެހޭ ވާހަކަ އެވެ. އަދި އެ މަނިކުފާނުގެ 'ބޮޑު ބަދަލު'ގެ ވާހަކަ އެވެ. ބަހުގެ ހަމަލާތައް ދެއްވީ ސީދާ ރައީސަށް މުއިއްޒަށެވެ. ފާޑުކިޔުން އަމާޒު ކުރެއްވީ މި ސަރުކާރުގެ މާލީ ސިޔާސަތުތަކަށެވެ.
މީކާއިލްގެ މުޅި ކެމްޕެއިން ބައްޓަން ވެފައި އޮތީ، ނަޝީދު އެމްޑީޕީއާ ދުރަށް، އެ ޕާޓީ ދޫކުރައްވާ ވަޑައިގަތުމާއި އެ ޕާޓީއަށް 2023ގެ ރިޔާސީ އިންތިހާބު ގެއްލުމުން އާންމު މެންބަރުން އަދިވެސް އޭގެން އަރައިނުގަނެވިގެން އުޅޭ ވާހަކަ އެވެ. 'ރޫޅާލާނެ' ކަމަށް ނަޝީދު ދެއްކެވި ވާހަކަ އަނެއް ކޮޅަށް ޖައްސަވައި 'ރާވާލާނެ' ކަމަށް ވެސް ވިދާޅުވި އެވެ. އަދި 20 އަހަރުވީ އެ ޕާޓީއަށް ޒުވާން ލީޑާޝިޕެއް އަންނަން ޖެހޭ ކަމަށް ވެސް ވަކާލާތު ކުރެއްވި އެވެ. އެންމެ ބޮޑަށް ވެވަޑައިގެންނެވި ވައުދަކީ، 2028ގެ ރިޔާސީ ޕްރައިމަރީއަށް އޭނާ 'އިންސާފުވެރި ރެފްރީ'އަކަށް ވާނެ ކަމުގެ ވައުދެވެ.
ޗެއާޕާސަން އިންތިހާބަށް ނަޝީދު ނުކުންނެވީ އެ ޕާޓީގެ ރިޔާސީ ޓިކެޓަށް އެ މަނިކުފާނުގެ ތާއީދު އޮތީ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެންމެ ފަހުން އެ ޕާޓީގެ ޗެއާޕާސަންގެ މަގާމު ފުރުއްވި ފައްޔާޒު އިސްމާއިލްއަށްކަން ހާމަ ކުރައްވަމުންނެވެ.
ޗެއާޕާސަން ކަމަށް އަންނަ މީހަކު ވަކި ކެންޑިޑޭޓެއް އެގޮތަށް އެންޑޯސް ކުރުމަކީ، ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި މީކާއިލްގެ 'އިތުބާރު' ކެމްޕެއިން ޓީމްގެ ބޭފުޅުން ދެކެ އެވެ. އެފަދަ ހާލަތެއްގައި ބާއްވާ ޕްރައިމަރީއަކަށް އާންމު މެންބަރުންގެ އިތުބާރެއް ނޯންނާނެ ކަމަށް އެ ޓީމުން ބުނެ އެވެ. 
ނަމަވެސް ނަޝީދުގެ 'ބޮޑު ބަދަލު' ޓީމުން އެގޮތަކަށް ނުދެކެވެެ. އެ ޓީމުގެ އިސްކޮށް އުޅުއްވާ އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވި ގޮތުގައި:
ޕާޓީގެ އަސާސީ ގަވައިދު އޮތީ ޗެއާޕާސަނަކަށް އަންނަ މީހަކަަށް ރިޔާސީ ޕްރައިމަރީއަށް ނުފޫޒު ފޯރުވޭ ގޮަތަކަށް ނޫން
އެ ވާހަކަ އެގޮތަށް ދައްކަނީ އަސާސީ ގަވައިދު އެއްކޮށް ނުކިޔާ މީހުން
އަސާސީ ގަވައިދުގެ މާއްދާގެ 61 ވަނަ މާއްދާގައިވާ ގޮތުން، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ ޕާޓީގެ ހުރިހާ މެންބަރުންނަށް ހުޅުވާލައިގެން ބާއްވާ އިންތިހާބެއްގައި ކުރިމަތިލާ ޕާޓީގެ މެންބަރުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ މީހަކަށެވެ. އަދި އެ ޕްރައިމަރީގެ ކަންކަން އިންތިޒާމްކޮށް ބަލަހައްޓާނީ ޕާޓީގެ ގައުމީ މަޖިލީހުން އިންތިހާބު ކުރާ 5 މެންބަރުންގެ ކޮމިޓީއަކުން ކަމަށެވެ.
އެހެންވެ، އިބްރާހިމް ވަހީދު ވިދާޅުވީ، އެ ޕްރައިމަރީއަކީ ޗެއާޕަސަން އިންތިޒާމް ކުރާ ޕްރައިމަރީއެއް ނޫން ކަމަށެވެ. އޭނާގެ ބާރެއް އެ ޕްރައިމަރީއަށް ނޯންނާނެ ކަމަށެވެ.
ނަމަވެސް އެ ވާހަކަތަކާ މީކާއިލްއަށް ތާއީދު ކުރައްވާ، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމު ކުރިން އަދާ ކުރެއްވި ކުރީގެ މަޖިލިސް މެންބަރު އަލީ ނިޔާޒުގެ ހިޔާލު ތަފާތެވެ. އޭނާ ވިދާޅުވި ގޮތުގައި:
ފަސް މެންބަރުންގެ ކޮމިޓީއެއް ނެގިޔަސް، އެ ކޮމިޓީން ޕްރައިމަރީ އިންތިޒާމް ކުރާނީ ޗެއާޕާސަންގެ ބެލުމުގެ ދަށުން
ދުވަހުން ދުވަހަށް ޕްރައިމަރީގެ ކަންކަމުގައި ޗެއާޕާސަންގެ މަސްއޫލިއްޔަތެއް ނެތަސް، އަސާސީ ގަވައިދާ ހިލާފަށް ކަމެއް ދަންޏާ އެކަން ބަލަހައްޓަން ހުންނާނީ ޗެއާޕާސަން
"ޗެއާޕާސަން ވަކިކޮޅެއް ނަގައިގެން ހުރީމަ، ޕްރައިމަރީގެ ކަމެއް އަސާސީ ގަވައިދާ ހިލާފަށް ދޭތޯ އޭނާ ރަނގަޅަށް ބަލާނެކަމުގެ އިތުބާރެއް ޕްރައިމަރީގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ނޯންނާނެ. އަނެއްކާވެސް ދާނީ ބައިބައިވުމަކަށް،" އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް [އަސާސީ ގަވައިދުގައިވާ ގޮތަށް] ޕްރައިމަރީ އެ ބާއްވާ ޕީރިއަޑް ތެރޭ ޗެއާޕާސަން އެއްކައިރީގައި ހުރެދާނެ ކަންކަމުގެ ތެރެއަށް އަތް ނުލާ. އެކަމަކު ޗެއާޕާސަންއަކަށް އަންނަ މީހާ ޕްރައިމަރީއާ ޖެހެގެން ދެން ޕާޓީ ތެރެއިން ކަންކަން ފަހި ކުރާނީ އޭނާ އެ ބޭނުންވާ ރިޔާސީ ކެންޑިޑޭޓަކަށް، އެގޮތަށް ވަކި ކޮޅެއް ނެގުމުން. އެހެން އެކަން ވުމުގެ ފުރުސަތު ވަރަށް ބޮޑު [ނަޝީދު ހޮވިއްޖެ ނަމަ]."
އިބްރާހިމް ވަހީދު ވިދާޅުވި ގޮތުގައި، ޕާޓީގެ ތާރީހުގެ އެންމެ ފަހުން ބޭއްވި ތިން ޕްރައިމަރީގައި ވެސް ޗެއާޕާސަންގެ މަގާމު ފުރުއްވި ބޭފުޅުން ތިބީ ވަކި ކޮޅެއް ނަގައިގެންނެވެ. އަދި މީކާއިލް ވެސް ހުންނެވީ މިހާރު ވެސް ކޮޅެއް ނަގައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގެ ކުރީގެ ޕްރައިމަރީތަކުގައި ވެސް ޗެއާޕާސަން ކޮޅެއް ނަގައިގެން ހުންނަނީ. ފަޔާ [ފައްޔާޒު] ހުރި އިރު ވެސް، ހަސަން ލަތީފް އަދި މާރިޔާ ދީދީ ހުރި އިރު ވެސް ކޮޅެއްގައި ތިބީ. މިއިން ކޮންމެ އިރަކު ވެސް ކޮމިޓީއެއް ނަގައިގެން ޕްރައިމަރީ ބޭއްވީ،" އެންމެ ފަހުން ބޭއްވި ޕްރައިމަރީ އިންތިޒާމް ކުރި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިބްރާހިމް ވަހީދު ވިދާޅުވި އެވެ.
"ސިޔާސީ ގޮތުން އެއްވެސް ބަޔަކު ކޮޅެއް ނުނަގާ ނުތިބޭނެ. މީކާއިލް ވެސް އެ ހުންނެވީ ކޮޅެއް ނަގައިގެން އެހެން ސީދާ ނުބުންޏަސް، މީކާއިލްގެ ތާއީދު އޮތީ [ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ޑރ.] ޝަމްހީދަށް،" އިބްރާހިމް ވަހީދު ވިދާޅުވި އެވެ.
މީކާއިލް ކޮޅެއް ނަގައިގެން ހުރި ކަމަށް އިބްރާހިމް ވަހީދު ކުރެއްވި ތުހުމަތާ ގުޅިގެން މި ރިޕޯޓަށް މީކާއީލްގެ ކޮމެންޓެއް ހޯދުމުން އެކަން އޭނާ ދޮގު ކުރެއްވި އެވެ. އޭނާ ވިދާޅުވީ، އޭނާ އެއްވެސް މީހަކަށް ތާއިދު ކުރުމަށް ނުނިންމަވާ ކަމަށެވެ.
ނަޝީދު އެމްޑީޕީ ދޫކުރައްވައި ވަޑައިގެންނެވީ އެމްޑީޕީ 'ރޫޅާލާނެ" ކަމަށް ވިދާޅުވެ އެވެ. ނަޝީދަށް ޕާޓީ ރޫޅައެއްނުލެވުނެވެ. ނަމަވެސް ހަގީގަތަކީ، ނަޝީދުގެ އެ އަލްވަދާއުއަށް ފަހު، ޕާޓީ ވީ ނިކަމެއްޗެވެ. ކުރިން އެ އޮތް ޖޯޝެއް، ފޯރިއެއް ނެތެވެ. ވެރިކަން ގެއްލި، މަޖިލިސް އިންތިހާބު ވެސް ގެއްލުނެވެ.
އެއާ އެކު، ސަރުކާރު ޒިންމާދާރު ކުރުމަށް ވަރުގަދަ އިދިކޮޅެއް ނެތި، މި ސަރުކާރަށް ބޭނުންހާ އެއްޗެއް ހަދަން ފުރުސަތު ލިބުނެވެ. އެމްޑީޕީން އެ ބުނާ ގޮތަށް 'ހައްގަކުން ހައްގެއް ދިޔައީ ލޫޓޫވަމުން' އެވެ. އެގޮތުން:
ސުޕްރީމް ކޯޓުގެ ގާބިލު ތިން ފަނޑިޔާރަކު ނަގާ 'އެއްލާލި'؛ އެއާ އެކު، އެތަނުގެ ފުރިހަމަ ކޮންޓްރޯލް ސަރުކާރަށް ނަގައި ބޭނުްންވާ މައްސަލައެއް އަވަސްކޮށް، ބޭނުންވާ މައްސަލައެއް 'ޕާކް ކުރި'
ގާނޫނުއަސާސީ އެންމެ ދުވަހެއް ތެރޭ އިސްލާހުކޮށް، މެންބަރުން 'ތަޅު އެޅުވި'
މިނިވަން މުއައްސަސާތަކުގެ ވެރިންނަކީ ސީދާ ރައީސް އައްޔަން ކުރާ މީހުންނަށް ހެދި 
ދެން ދިމާކުރީ މީޑީއާގެ ކޮންޓްރޯލް ނެގުމަށް؛ އެއަށް ގާނޫނެއް ހަދައި ކޮންޓްރޯލް ކޮމިޝަނެއް އުފެއްދި އަދި އެންމެ ފަހުން ނޫސްވެރިން ޖަލަށް ލައި، ޖިނާއީ ދައުވާ އުފުލި
ދުވަހަކަށް ވުރެ ދުވަހެއް ސަރުކާރުގެ ހުދުމުހުތާރުކަން ދިޔައީ ބޮޑުވަމުންނެވެ. ބާރުތައް ދިޔައީ އެއް މީހެއްގެ މުށުތެރެއަށްލާ ބާރު ކުރަމުންނެވެ. މި ހުރިހާ ކަމެއް ކުރަން ސަރުކާރަށް ޖާގަ ލިބުނީ ވަރުގަދަ އިދިކޮޅެއް ނެތުމުންނެވެ. އެމްޑީޕީ ބައިބައިވެ، ޒާތީ މައްސަލަގަނޑެއްގެ ތެރޭގައި އޮތުމުންނެވެ. މިއަދު އެމްޑީޕީއަށް ބޭނުން ވަނީ، ޕާޓީ އެއްބައިކޮށް، ހައްގުތައް އިތުރަށް ނިގުޅައިނުގަނެވޭނެ ގޮތަށް ފައްކާ އިދިކޮޅެއް ހިންގޭނެ މީހެކެވެ.
އެ މީހަކީ ނަޝީދުތޯ ނުވަތަ މީކާއިލްތޯ ނިންމާނީ މާދަމާ އެ ލާ ވޯޓުންނެވެ.
އަލީ ނިޔާޒު ވިދާޅުވި ގޮތުގައި، ޕާޓީގެ ލީޑަރުން އެއްވިޔަސް ޒުވާނުންގެ ވޯޓެއް ނެތި، 2028ގެ ރިޔާސީ އިންތިހާބު ޕާޓީއަށް ކާމިޔާބެއް ނުވާނެ އެވެ. ވޯޓުލާ އާބާދީގެ ބޮޑު ނިސްބަތެއް ޒުވާނުންނަށްވާއިރު، ޒުވާނުންގެ ވޯޓު ލިބެން އޮތީ، ޒުވާން ލީޑާޝީޕެއް ދައްކައިގެން ކަމަށެވެ. ޒުވާނުންނަށް އެ އިތުބާރު ޕާޓީއާ މެދު އުފެއްދޭނީ، މީކާއިލް ފަދަ ޒުވާނަކު ޕާޓީގެ ހުންގާނަށް އިސްކޮށްގެން ކަމަށެވެ. އަދި އިންސާފުން ކަންކަން ކުރެވޭނެ މީހަކު ޗެއާޕާސަންއަކަށް ގެނެސްގެނެވެ.
ނަމަވެސް، އިބްރާހިމް ވަހީދު ވިދާޅުވި ގޮތުގައި، ޕާޓީ އަނެއްކާވެސް ވަރުގަދަ ވެވޭނީ ނަޝީދު ފަދަ ދުނިޔޭގެ ފެންވަރުގެ ތަޖުރިބާކާރު ލީޑަރެއް ވަޑައިގަނެގެންނެވެ. އަދި ނިންމުންތައް ނިންމަން ފަސް ނުޖެހޭނެ ބޭފުޅަކަށެވެ. ރިޔާސީ ޕްރައިމަރީއަށް ފަހު، އެ ޖެހޭ މައްސަލަތައް ވެސް ހައްލު ކުރެވޭނެ ސިޔާސީ މަޝްވަރާ ވެސް ކުރެވޭނެ ބޭފުޅަކަށެވެ. އަދި ކުރިން އޮތް ޖޯޝާއި ފޯރި ގެނެވޭނެ ފަދަ ޝަހުސިއްޔަތަކަށެވެ. ބޭނުންވަނީ، ކުރިއަށް ކުޅޭނެ ގަދަ ފޯވާޑެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ