މައްކާގެ ހަރަމްފުޅު ބޮޑުކުރަނީ، އިތުުރު 9 ލައްކަ މީހުންގެ ޖާގަ

މައްކަތުލްމުކައްރަމާ (16 އޮކްޓޯބަރު 2025): ސައޫދީ އަރަބިޔާގެ އިގުތިސާދު، ތެލުން ލިބޭ އާމްދަނީގެ މައްޗަށް ބަރޯސާވެފައި އޮންނަ އޮތުން ކުޑަކޮށް، އެހެން ދާއިރާތަކުން ލިބޭ އާމްދަނީ އިތުރު ކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން މައްކާގެ ހަރަމްފުޅު އާދަޔާ ޚިލާފަށް ބޮޑުކޮށް ފުޅާ ކުރުމުގެ ބިޔަ މަޝްރޫއެއް ފަށައިފިއެވެ. މި މަޝްރޫއުގައި ހިމެނެނީ ގެފުޅު ނުވަތަ މަސްޖިދުލްޙަރާމް އާ ޖެހިގެން ނުވަ ލައްކަ މީހުންނަށް ނަމާދާއި އަޅުކަމުގެ ހުރިހާ ކަމެއް ކުރެވޭގޮތަށް އިމާރާތްތަކާއި ވަސީލަތްތައް ގާއިމުކުރުމެވެ. މައްކާގެ ޙަރަމްފުޅުގައި މިހާރު ހުރި ހުރިހާ ވަސީލަތަކުގެ އިތުރުން އެ ނޫން ވެސް ޒަމާނީ ވަސީލަތްތައް އަލަށް ހަދާ އިމާރާތްތަކުގައި ގާއިމުކުރުމުގެ މައްޗަށެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް އިއްޔެ އިފްތިތާހުކޮށްދެއްވީ ސަޢޫދީ ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާންއެވެ. މައްކާގެ ހަރަމްފުޅުގެ ޖާގަ ބޮޑުކުރުމަށްޓަކައި އަލަށް ފެށި މަޝްރޫއުގެ ދަށުން ބިނާކުރާ އިމާރާތްތައް ހުންނާނެ ގޮތުގެ އިމޭޖް މަސްޖިދުލްޙަރާމް އާ ޖެހިގެން ނުވަ ލައްކަމީހުންނަށް ނަމާދާއި އަޅުކަމުގެ ހުރިހާ ކަމެއް ކުރެވޭގޮތަށް އިމާރާތްތައް ބިނާކުރާ ސަރަހައްދުގެ ބޮޑުމިނަކީ 12 މިލިޔަން އަކަމީޓަރު ކަމަށް ސައޫދީ ރަސްމީ ނޫސް އެޖެންސީ ބުނެއެވެ. އަލަށް ބިނާކުރާ މި ސަރަޙައްދަކީ ހަރަމްފުޅުގެ ބައެކެވެ. ނަމަކީ "ބައްވާބަތުލްމަލިކް ސަލްމާން" ނުވަތަ "ކިންގް ސަލްމާން ގޭޓް"އެވެ. މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އާރުޔޫއޭ އަލްޙަރަމް އަލްމައްކީ ކޮމްޕެނީއާއެވެ. މި ސަރަހައްދު ތަރައްގީކުރަނީ އެ ތަނުގައި ބިނާކުރާ އިމާރާތްތަކުގެ އެތެރެއާއި ބޭރުގައި ވެސް ނަމާދުކުރުމާއި ގުރުއާން ކިޔެވުމާއި އިއުތުކާފަށް ތިބުންފަދަ އަޅުކަމުގެ ހުރިހާ ކަމެއް ކުރެވޭގޮތަށެވެ. އެހެންކަމުން މި މަޝްރޫޢުގެ ފަށުން އަލަށް ބިނާކުރާ އިމާރާތްތަކާއެކު ޙަރަމްފުޅު ބޭނުން ކުރުމުގައި އިތުރު ފަސޭހަތައް ލިބި ދަތިތަކަކާ ނުލައި ގާތްގަނޑަކަށް ހަތަރު މިލިޔަން މީހުންނަށް ހަރަމްފުޅު ސަރަހައްދުގައި އެއް ވަގުތަކު ނަމާދު ކުރެވޭނެ ކަމަށް ސައޫދީ މަސްއޫލުވެރިންނާ ހަވާލާދީ އެގައުމުގެ މިޑިއާ ބުނެއެވެ. "ކިންގް ސަލްމާން ގޭޓް"ގައި ހިމެނޭ އިމާރާތްތައް ބިނާކުރަނީ އިތުރު 9 ލައްކަ މީހުންނަށް ހަރަމްފުޅުގައި އަޅުކަން ކުރެވޭގޮތަށް ކަމަށްވާއިރު މި އިމާރާތްތަކާއެކު އެ ސަރަހައްދުގައި އިތުރު ހޮޓާތަކާއި ރެސްޓޯރެންޓްތަކާއި ޝޮޕިންމޯލްތައް ހިމެނޭ ބިޔަ ބޮޑެތި އިމާރާތްތައް ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު ބިނާކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މިއާއެއެކު މަގުތަކާއި އެއްގަމު ޓްރާންސްޕޯޓް ގެ ޒަމާނީ ވަސީލަތްތައް ވެސް މި އިމާރާތްތަކާ ގުޅާލުމަށްވަނީ ހަމަޖެހިފައެވެ. ހައްޖާއި އުމުރާގެ އަޅުކަމަށް މައްކާއާއި މަދީނާ ދާ މުސްލިމުންގެ އަދަދު އިތުރުވަމުންދާއިރު މިކަމަށް އޮތް ޑިމާންޑާ އަޅާބަލާއިރު ވަސީލަތްތައް މަދުކަމުން ގައުމުތަކަށް ހައްޖުގެ ފުރުސަތު ވެސް ދެންޖެހިފައިވަނީ އާބާދީއަށް ބަލާފައި ކޯޓާ އުސޫލުންނެވެ. މައްކާގެ ހަރަމްފުޅު ގެ ކައިރީގައި އަލަށް ފެށި މަޝްރޫއުގައި ހިމެނޭ އިމާރާތް ތައް ހުންނާނެގޮތުގެ އިމޭޖް އެހެންކަމުން މިފަދަ އިމާރާތްތައް އިތުރުކޮށް މައްކާގެ ހަރަމްފުޅު އިތުރަށް ފުޅާކުރުމަކީ ސަޢޫދީ ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާން ގެ ވިޝަން 2030 ގައި ވަރަށް ބޮޑު އިސްކަމެއް ދީފައިވާކަމެކެވެ. ފާއިތު ތިން އަހަރަށް ބަލާއިރު ހައްޖާއި އުމުރާގެ އަޅުކަމަށް އަހަރެއްގެ މައްޗަށް އެވްރެޖްކޮށް 18 ވަރަކަށް މިލިޔަން މީހުން މައްކާއަށް ޒިޔާރަތް ކުރާކަމަށް ވެއެވެ. މި 18 ވަރަކަށް މިލިޔަން މީހުންގެ ފަރާތުން ސައޫދީއަށް ލިބޭ މާލީ ފައިދާ އަހަރެއްގެ މައްޗަށް 15 ވަރަކަށް މިލިޔަނަށް އަރާކަން ތަފާސްހިސާބުތަކުން ހާމަވެއެވެ. މިއަދު ޑަބަލް ކުރުމަކީ މުޙައްމަދު ބިން ސަލްމާން ގެ ވިޝަން 2030 ގައި ހިމެނޭކަމެކެވެ. ހައްޖާއި އުމުރާއަށް ދާ މީހުންގެ ތެރެއިން ގިނަ ބަޔަކު މަދީނާއަށް ވެސް ޒިޔާރަތް ކުރެއެވެ. އަދި ތާއިފް ފަދަ އިސްލާމީ ތާރީޚާ ގުޅިފައިވާ ތަންތަނަށް ވެސް ޒިޔާރަތް ކުރެއެވެ. އެ ތަންތަނުގައި ވެސް ހޮޓާތަކާއި އިތުރު ފެސިލިޓީތައް ގާއިމުކުރުމަށް ވިޝަން 2030 ގެ ދަށުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. "ކިންގް ސަލްމާން ގޭޓް" މަޝްރޫއުގެ މަސައްކަތް އިއްޔެ ފަށާފައިވީނަަމަވެސް އެމަޝްރޫއު ނިމޭނެ ތާރީޚެއް އަދި އެމަޝްރޫއަށް ޚަރަދު ވާނެ ފައިސާގެ އަދަދު ސައޫދީ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ