ނައިފަރަށް ދަނިކޮށް އަޑިއަށް ދިޔަ ބޯޓުގެ ތަކެތި އޮޔާދާތީ ސަމާލުވާން އިލްތިމާސްކޮށްފި

މުދާ ބަރުކޮށްގެން ޅ. ނައިފަރަށް ދަތުރުކުރަނިކޮށް ދިޔަވެ އަޑިއަށް ދިޔަ "ނަސްރު" ބޯޓުގެ ބައެއް ތަކެތި އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވާން އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ. މޫސުން ގޯސްވެ، ކަނޑުމަތީގައި މި 24 ގަޑިއިރުތެރޭ ދެ ހާދިސާއެއް ހިނގިއެވެ. އެމްއެންޑީއެފުން ބުނީ ޅ. އަޅިގާގެ ދެކުނުން 3.3 ނޯޓިކަލް މޭލުން ދިޔަވެ، އަޑިއަށް ދިޔަ "ނަސްރު" ބޯޓުގެ ބައެއް ތަކެތި އޮޔާދާނެ ކަމަށް ލަފާކުރެވެނީ އަޅިގާގެ އިރުމައްޗަށްވާ ގޮތަށް ކަމަށެވެ. އެހެންވެ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ. https://sun.mv/212753 މާލޭން ފުރައިގެން ނައިފަރަށް ދަތުރުކުރަމުން ދަނިކޮށް ނަސްރު ބޯޓު ދިޔަވެ އަޑިއަށް ދިޔަ ނަމަވެސް، ބޯޓުގައި ތިބި ފަސް ފަޅުވެރިން ސަލާމަތްކޮށް، ވަނީ ނައިފަރަށް ގެންގޮސްފައެވެ. އެކަމަކު އެ ހާދިސާއާ ގުޅޭ އިތުރު ތަފުސީލެއް އެމްއެންޑީއެފުން ނުދެއެވެ. https://sun.mv/212746 ނައިފަރު ކައުންސިލުން 'ސަން'އަށް މިއަދު ބުނީ، ނަސްރު ބޯޓުގެ ފަޅުވެރިން މިވަގުތު ތިބީ އެ ރަށުގެ ހޮސްޕިޓަލުގައި ކަމަށާއި، ފަޅުވެރިންގެ ހާލު ރަނގަޅު ކަމަށެވެ. ފާހަގަކުރެވޭ ގޮތުގައި، ކަނޑު ގަދަވުމުގެ ސަބަބުން ރޭ މާލޭން ފުރައިގެން ކ. އެރިޔަދުއަށް ދަތުރުކުރަމުން ދިޔަ "އަލްމާކް ފިޔަ" ކިޔާ ކޮޅުވެއްޓިއެއް ރޭ ދަންވަރު ބަންޑުން ޖަހާލި ހާދިސާގައި ދެ މީހަކު މަރުވެފައިވެއެވެ. މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވުމުގެ ސަބަބުން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރަން ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ