އެއާޕޯޓްތައް ގިނަކުރަނީ ސަރުކާރުގެ ޒިންމާދާރުކަން ކުޑަކަމުން: ނަޝީދު

ސްޕީޑް ބޯޓެއްގައި ދެވޭހާ ކައިރިކައިރީގައި އެއާޕޯޓްތައް އެޅުމުން ލޯކަލް ޓޫރިޒަމަށް ވެސް ކުރަން ޖެހޭ މަންފާތައް ނުކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - ސަރުކާރުން އެއާޕޯޓްތަކުގެ މަޝްރޫއުތައް ގިނަކުރުމާ ދެކޮޅަށް ނަޝީދު އަނެއްކާ ވެސް ސޯޝަލް މީޑިއާގައި ލިއުއްވީ، ރައީސް މުހައްމަދު މުއިއްޒު ށ. އަތޮޅަށް ކުރެއްވި ދަތުރުގެ ތެރެއިން ތިން އެއާޕޯޓެއްގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްފައި ވަނިކޮށެވެ. 
ބުނީ ކީކޭ؟ - ރާއްޖޭގެ އުތުރުގައި މިހާރު ވެސް ހަތަރު އެއާޕޯޓް އޮއްވައި، އިތުރު ހަތަރު އެއާޕޯޓް އަޅަނީ 19 މިނެޓާއި 36 މިނެޓާ ދޭތެރޭގައި ސްޕީޑް ބޯޓެއްގައި ދެވޭހާ ކައިރީގައި ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ނަތީޖާއަކީ ހުރިހާ އެއާޕޯޓެއްގެ ވެސް އިގުތިސޯދީ އަދި މާލީ ދެކޮޅު ޖެހުމެއް ނެތުން. ގައުމީ އެއާލައިނަށް ދެއުޅިއެއް ނުވާ ހަރަދުތަކަށް ހިންގާން ޖެހުން. އަދި ލޯކަލް ޓޫރިޒަމަށް ވެސް ކުރާންވީ މަންފާނުކުރުން،" ނަޝީދު ލިއުއްވާފައިވެ އެވެ.
ސްޕީޑް ބޯޓެއްގައި ދެވޭ ހިސާބުގައި އެއާޕޯޓަކަށްފަހު އެއާޕޯޓެއް އަޅަމުން ދިއުމުން ފެންނަނީ ދަތުރުފަތުރުގެ ގުޅިފައިވާ ނިޒާމެއްގެ އަމާޒާއި ޕްލޭން ނެތްކަން ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ޒިންމާދާރުކުޑަކަން ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެނގުން މުހިންމު - އުތުރުގައި އިތުރު ހަތަރު އެއާޕޯޓް އަޅަނީ ކަމަށް ނަޝީދު ލިއުއްވާފައިވީ ނަމަވެސް، ސަރުކާރުގެ ޕްލޭން އޮތް ގޮތުން އުތުރުގައި އަދި ފަސް އެއާޕޯޓް އެބަ އޮތެވެ. އެއީ:
ހއ. ދިއްދޫ
ހދ. މަކުނުދޫ
ށ. މިލަންދޫ
ށ. ކޮމަންޑޫ
ށ. ބިލެތްފަހި
މިހާރު އުތުރުގައި އެއާޕޯޓް ހުރި ރަށްރަށަކީ ހއ. ހޯރަފުށި، ހދ. ހަނިމާދޫ، ހދ. ކުޅުދުއްފުށި އަދި ށ. ފުނަދޫ އެވެ. އެއިން އިންޓަނޭޝަނަލް އެއާޕޯޓަކީ ހަނިމާދޫ އެއާޕޯޓް އެކަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ