ކަނޑިތީމަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ ގައިޑެއް ތައްޔާރުކޮށްފި

ށ. ކަނޑިތީމަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށް ޚާއްޞަ ގައިޑެއް ތައްޔާރުކޮށްފިއެވެ. މި ގައިޑަކީ ކަނޑިތީމު ކައުންސިލާއި ވިސިޓް ކަނޑިތީމު ގުޅިގެން ތައްޔާރުކޮށްފައިވާ ގައިޑެކެވެ.
މި ގައިޑުގައި ކަނޑިތީމުގައި ހުރި މުހިންމު ތަންތަނާއި، ކެއުމުގެ ޚިދުމަތް ލިބެންހުރި ތަންތަނާއި، ދަތުރުފަތުރުގެ ޚިދުމަތްތަކާއި، އަދި އެހެނިހެން މުހިންމު ޚިދުމަތްތައް ލިބެންހުރި ތަންތަނުގެ މަޢުލޫމާތު ހިމަނާފައިވެއެވެ. އަދި މި ތަންތަނާ ގުޅޭނެ ނަންބަރުތައްވެސް ގައިޑުގައި ހިމަނާފައިވާކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ.
ކަނޑިތީމަކީ ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަރަމުން އަންނަ ރަށަކަށްވެފައި، ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްފަސޭހަ މާޙައުލެއް ޤާއިމުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދީފައިވާކަން މި ގައިޑުން ފާހަގަކުރެވެއެވެ. މީގެ ތެރޭގައި މުނިފޫހިފިލުވުމަށް ހެދިފައިވާ ތަންތަނާއި، ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ އެކި މާޙައުލުތަކުގެ މަޢުލޫމާތު ހިމެނެއެވެ.
"މި ގައިޑުގެ ސަބަބުން ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ، ރަށުގެ ހުރިހާ މުހިންމު މަޢުލޫމާތެއް އެއްތަނަކުން ލިބޭގޮތް ވުމަކީ ޓޫރިޒަމް ކުރިއެރުވުމަށް ވަރަށް މުހިންމު ކަމެއް، އަދި ރަށުގެ ހުރިހާ ރައްޔިތުންގެ އަމާޒަކީ ކަނޑިތީމުން ލިބޭ މެހެމާންދާރީ ވީހާވެސް ފުރިހަމަކޮށް ދިނުން." ކަނޑިތީމު ކައުންސިލުގެ ރައީސް އަހުމަދު އަހްސަން ވިދާޅުވި އެވެ.
މި ގައިޑް މިހާރު ވަނީ ކަނޑިތީމުގެ އެކި ސަރަހައްދުތަކުގައި ކިއު.އާރު ކޯޑް ޕްރިންޓްކުރެވި ހަރުކުރެވިފައެވެ. އަދި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޕްރިންޓް ކޮޕީވެސް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ