ފަނޑިޔާރުންގެ މާލީ ބަޔާން ކޮންމެ 4 މަހުން އާންމު ކުރުވަން ޖެހޭ: ޔާމީން

ދައުލަތުގެ އިސް މަގާމުތައް ފުރުވާ މީހުންގެ މާލީ ބަޔާން ހުށަހެޅުން ލާޒިމުކުރާއިރު މީގައި އެންމެ މުހިންމީ ފަނޑިޔާރުންގެ މާލީ ބަޔާން އާންމުކުރުވުން ކަމަށާއި ކޮންމެ ހަތަރު މަހުން އާންމުކުރުވަން ޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - ކޮންމެ ބުރާސްފަތި ދުވަހުގެ ރެއަކު، ގައުމުގެ ހިނގާ ކޮންމެ ވެސް ބޮޑު މައްސަލައެއްގެ މައުލޫއަކަށް ވާހަކަ ދައްކާ ޕީއެންއެފްއިން ބާއްވާ ޖަލްސާގައި މިރޭ ވާހަކަ ދެއްކެވީ ކޮރަޕްޝަންގެ މައްސަލަތަކުގަ އެވެ.
ކޮރަޕްޝަންގެ މައްސަލަތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޔާމީން ފާހަގަކުރެއްވި ކަމަކީ އެ ފައިސާގެ ބޮޑު ބަޔެއް، ސަރުކާރުން ބޭނުންވާ ހުކުމްތަކެއް ނެރުމަށް ފަނޑިޔާރުންނަށް ލިބޭ ކަމަށް ކުރެވޭ ތުހުމަތަށެވެ.
ބުނީ ކީކޭ؟ - ޑިމޮކްރެޓިކް ނިޒާމެއް ރާއްޖެ އައި ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި މިއަދު ރާއްޖޭގައި އެ ކަން ކުރަނީ ފަނޑިޔާރުގެ މެދުވެރިކޮށްގެން ކަމަށް ޔާމީން ވިދާޅުވި އެވެ.
"މިއަދަކު ދުނިޔެއިން ގަބޫލެއް ނުކުރާނެ އަޅުގަނޑު އާބިޓްރަރީ ޑިޓެންޝަނަކަށް ލައިގެން. އެހެންވީމާ އެ ކަން ކުރުވާނީ ފަނޑިޔާރުގެ ތެރެއިން. މިއަދު ވަރަށް ފަސޭހަ އެ ކަން ކުރުވަން. ފަނޑިޔާރުންނަކީ މި ކަންކަމުގައި ވިސްނާ ބައެއް ނޫން،" ޔާމީން ވިދާޅުވި އެވެ.
މި ފަހުން މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ބައެއް މީހުން ބަންދުކުރަން ނެރުނު އަމުރުތަކަށް ޔާމީން އިޝާރާތްކުރެއްވި އެވެ. 
އެންމެ ފުރަތަމަ ނަޒާހާތްތެރިކަން ޔަގީންކުރަން ޖެހިފައި އޮތީ ވެސް ފަނޑިޔާރުންނަށް ކަމަށް ޔާމީން ވިދާޅުވި އެވެ.
"އެހެންވީމާ ފަނޑިޔާރުންގެ ނަޒާހަތްތެރިކަން މާ ބޮޑަށް އެސްޓަބްލިޝް ވާން ޖެހޭ. ފަނޑިޔާރުންގެ އެސެޓް ޑިކްލެރޭޝަން ހަދަން ޖެހޭ. އެ މީހުންގެ އާމްދަނީ ޑިކްލެރޭޝަނަކީ ހަމަ ހަތަރު މަހުން ހަ މަހުން ކަހަލަ ގޮތަކަށް ހަދަން ޖެހޭ އެއްޗެއް،" ޔާމީން ވިދާޅުވި އެވެ.
ޔާމީންގެ ވެރިކަމުގައި ހުކުމްކުރި އަދި ބަންދުކުރި ސިޔާސީ ލީޑަރުންގެ ވާހަކަ ފާހަގަނުކުރެއްވި ނަމަވެސް ރައީސް މުހައްމަދު މުއިއްޒުއާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް އެ ކަން ކުރެއްވި ކަމަަށް ވިދާޅުވި އެވެ.
"ހުރިހާ ބާރުތަކެއް މުއިއްޒު މުށަށް ކަހާލައިގެން ހުރީމާ އަޅުގަނޑުމެންނަށް މި ފެންނަނީ ގާނޫނުތަކުގެ އެޕްލިކޭޝަން ނުބައިކޮށް ފަނޑިޔާރުން ގެންދާ ތަން،" ޔާމީން ވިދާޅުވި އެވެ.
"އިބްރާހީމް މުހައްމަދު ސޯލިހް ވެސް އެ ކަން ކުރެއްވީ އެ ގޮތަށް. ރައީސް ނަޝީދު ވެސް ސިޔާސީ މީހުން ހައްޔަރުކުރީ ހަމަ ފަނޑިޔާރުގެއަށް މަޖުބޫރުކޮށްގެން،" ޔާމީން ވިދާޅުވި އެވެ.
ޔާމީނުގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތައް މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ވާހަކަ ސީދާ ވިދާޅުނުވި ނަމަވެސް އެ އަމުރަށް އިޝާރާތްކުރައްވައި ޔާމީން ވިދާޅުވީ އެ ކޯޓުން އަދި ނިންމާ ނިންމުމެއް ފަހުގެ ނިންމުމަކަށް ވެގެންދާ ކަމަށެވެ.
"އެ ވަރިހަމަ ގޯސް ހުކުމަކަސް. ބަދަލުކުރެވޭނެ ގޮތެއް ވެސް ނޯވޭ،" ޔާމީން ވިދާޅުވި އެވެ.
އިނގިރޭސިވިލާތުގައި ފަނޑިޔާރުން ގާނޫނުގެ ތެރެއިން އާދަޔާ ހިލާފު ބާރުތައް ނަގާތީ އިނގިރޭސިވިލާތުގެ ސަރުކާރުން ގާނޫނަށް ފަނޑިޔާރުންގެ ބާރު ތިރިކުރަން ނިންމި ގޮތަށް ރާއްޖޭގައި ވެސް އަމަލުކުރަން ޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ.
"ވަރަށް ތަފްސީލްކޮށް ގާނޫނަށް ތިރިކުރަން ޖެހޭ، އެހެން ނޫނީ ދިވެހިރާއްޖެއަކަށް ސަލާމަތެއް ނެތް،" ޔާމީން ވިދާޅުވި އެވެ.
ފަނޑިޔާރު ކުރާ ހުކުމަކާ ގުޅިގެން އެއްވެސް ތަހުގީގީ އިދާރާއަކަށް ސުވާލެއް ނުކުރެވޭ ގޮތަށް އޮތް އޮތުން ވެސް ބަދަލުކުރަން ޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ.
"ކޮންމެ މީހަކު ވެސް އޭނާގެ ގާނޫނީ ޒިންމާއުފުލަން ޖެހޭނީ ގާނޫނުގައި އޮންނަ ގޮތަކަށް ނޫންތޯ. ކީއްވެގެންތޯ ފަނޑިޔާރުންނަށް މި ވަރުގެ މާއްދާއެއް ވަކިން ފަރުމާކުރަން ޖެހުނީ. އިއްޒަތްތެރި ކަރާމާތްތެރި ބަޔަކަށް ވުމަށް ދިނީ. އެކަމަކު މިއަދުގެ ހާލަތުގައި މި ވަރުގެ ބާރެއް ދޭން ޖެހޭ ބައެއްތޯ؟" ގިނަ ސުވާލުތަކެއް ކުރައްވަމުން ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ