ޑޮލަރު ފޮނުވުމުގެ ލިމިޓަކީ ބޭރު ޓީޗަރުންނަށް އިތުރު ބުރައެއް، ބަދަލުކުރާނެ ކަމަށް އުއްމީދުކުރަން: އައިޝަތު އަލީ

އަވަށްޓެރި އިންޑިއާގެ މައި ބޭންކު ކަމަށްވާ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އިން ހިންގާ ރާއްޖޭގެ ބްރާންޗުން، ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ ރައްޔިތުންނަށް ބޭރަށް ފައިސާ ފޮނުވޭ މިންވަރު މަދުކުރުމުން، ރާއްޖޭގައި ކިޔަވައިދޭ އިންޑިއާ މުދައްރިސުންނަށް ދަތިވާނެ ކަމަށް ވިދާޅުވެ، އެ ނިންމުން ބަދަލުކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަަލީ ވިދާޅުވެއްޖެއެވެ. އެސްބީއައިގެ ރާއްޖޭގެ ބްރާންޗަށް ޑޮލަރު ލިބުން ދަތިވުމުގެ ސަބަބުން، އެ ބްރާންޗުން ނިންމީ މި މަހުގެ 25ވަނަ ދުވަހުން ފެށިގެން އިންޑިއާ ރައްޔިތުންނަށް ފޮނުވޭ ފައިސާ 400 އެމެރިކާ ޑޮލަރުން 150 ޑޮލަރަށް މަދުކުރުމަށެވެ. މިކަމާ ގުޅިގެން ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާގެ ބައެއް ރައްޔިތުންވެސް ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މިރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އައިޝަތު އަލީ ލިޔުއްވާފައިވާ ގޮތުގައި، ރާއްޖޭގައި ކިޔަވައިދޭ އިންޑިއާ މުދައްރިސުން ފައިސާ ފޮނުވަނީ އެ މީހުންގެ އާއިލާތަކަށް އެހީވުމަށެވެ. އަދި ދިވެހި ދަރިވަރުންނަށް އިންޑިއާ މުދައްރިސުން ކިޔަވައިދެމުން އަންނަނީ އަޅާލުމާއި އޯގާތެރިކަން އިސްކޮށްގެން ކަމަށްވެސް، އޭނާގެ ޕޯސްޓުގައިވެއެވެ. އެ ޓީޗަރުންނަށް އިތުރު ބުރައެއް ޖެއްސުމުގެ ބަދަލުގައި، އެ މީހުންނަށް އިޙުތިރާމުކޮށް، މަސައްކަތަށް ލުއިކޮށްދޭން ޖެހޭ ކަމަށް އާއިޝަތު ވިދާޅުވިއެވެ. އަދި އެސްބީއައިގެ ނިންމުން ބަދަލުކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިކަމާ ގުޅިގެން އިންޑިއާ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އެސްބީއައިގެ މި ނިންމުމާއެކު އެ ކޮމިޝަނުން އަންނަނީ އިންޑިއާ ރައްޔިތުންނަށް ދިމާވާނެ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން ދިވެހި ފޮރިން މިނިސްޓްރީއާއި ސަރުކާރާއި މަރުކަޒީ ބޭންކު އެމްއެމްއޭގެ އިތުރުން ކަމާ ގުޅުން ހުރި އިދާރާތަކާއެކީ މަޝްވަރާކުރަމުން ކަމަށެވެ. https://x.com/HCIMaldives/status/1978811062469173390 މި ދަނޑިވަޅުގައި ޚަރަދުތައް ދުރާލާ ރޭވުމަށާއި، ޑޮލަރުން މުސާރަ ދިނުމަށް، ވަޒީފާ ދޭ ފަރާތްތަކަށް ބާރު އެޅުމަށާއި، އެސްބީއައިގެ ރާއްޖެ ބްރާންޗުން ނިންމާ ނިންމުންތަކަށް ސަމާލުވުމުގެ އިތުރުން ރަސްމީ އިއުލާނުތަކަށް ސަމާލުވުމަށް ހައިކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. މި ނިންމުމާއެކު، ރާއްޖޭގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންނާއި އެ މީހުންގެ އާއިލާތަކަށް ދިމާވާ ދަތިތައް ގަބޫލުކުރެވޭ ކަމަށްވެސް، ހައިކޮމިޝަނުގެ ބަޔާނުގައިވެއެވެ. https://sun.mv/212740 ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގައި އިންޑިއާގެ ގިނަ އަދަދެއްގެ މަސައްކަތްތެރިން އެބަތިއްބެވެ. ރާއްޖޭގައި ޑޮލަރުގެ މައްސަލަ ބޮޑުވެފައިވާއިރު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ހުރީ 20 ރުފިޔާއިން މަތީގައެވެ. ދަރަނި ބޮޑުވުމުގެ ސަބަބުން މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވަނީ ދިވެހިރާއްޖޭގައި ހިންގާ ބޭންކްތަކަށް ވަންނަ ޑޮލަރުގެ 90 އިންސައްތަ އެ ބޭންކަށް މާރުކުރަން އަންގާފައެވެ. އޭގެ ތެރެއިން ވަކި އިންސައްތައެއް އަނބުރާ ބޭންކްތަކަށްދޭ ކަމަށް އެމްއެމްއޭއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ