މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ބައިނަލްއަގްވާމީ ފެންވަރުގައި ދެމެހެއްޓެނިވި ގޮތެއްގައި ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް ގޮވާލައްވައި، ޗައިނާގެ ޝަންހާއީގައި މިހާރު ކުރިއަށްދާ 2025 ވަނަ އަހަރުގެ ސަސްޓެއިނަބިލިޓީ ގްލޯބަލް ލީޑާސް ކޮންފަރެންސްގައި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އަދި ދިވެހިރާއްޖޭގެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ތަގުރީރު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެން، ޑޮކްޓަރ ވަޙީދު ދެއްކެވި ވާހަކަފުޅުގައި، ދެމެހެއްޓެނިވި ތަރައްގީ އަކީ ދިވެހިރާއްޖެއަށް ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ.
އެއީ ގައުމު ދެމިއޮތުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމަށާއި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ރާއްޖޭގެ ސަރަޙައްދުގެ ތަރިކައާއި، ސަގާފަތާއި ތާރީހަށްވެސް ނުރައްކާ ކުރިމަތިވާކަން ފާހަގަކުރައްވަމުން، މޫސުމަށް އަންނަ ބަދަލުތަކަކީ މިއަދު ދިވެހި ރައްޔިތުންނަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ހަގީގަތެއްކަން ފާހަގަކުރެއްވިއެވެ.
ޑރ.ވަހީދު ދެއްކެވި ވާހަކަފުޅުގައި، ”ކުޑަވުމަކީ ބާރެއް ނެތުން ނޫން“ ކަން ފާހަގަކުރައްވަމުން، ދިވެހިރާއްޖެއިން ނަމޫނާ ދައްކައިގެން ކުރިއަށް ދިއުމުގެ އަހަންމިއްޔަތުކަން ފާހަގަކުރެއްވިއެވެ.
އަދި ބައިނަލްއަގްވާމީ ގުޅުންތަކުގެ މައިގަނޑު ތިން އަސާސަކީ ފިޔަވަޅު އެޅުމާއި، އީޖާދުކުރުމާއި، ދެމެހެއްޓެނިވި ތަރައްގީގެ އަސާސްތައް ކަމަށާއި، ނާޒުކު ގައުމުތަކަށް އިހުމާލުވިޔަ ނުދިނުމަށް، ގައުމުތަކުން ވެފައިވާ ވައުދުތައް ފުއްދައި، ފުރިހަމަ ނަތީޖާއަކަށް ބަދަލުކުރުމަށް ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް ޑރ.ވަހީދު ގޮވާލެއްވިއެވެ.
ހަގީގީ ލީޑަރޝިޕް މިނެކިރާނީ ބާރާއި މުއްސަނދިކަމުގެ މީޒާނަކުން ނޫން ކަމަށާއި، ކުރު-ރާސްތާ މަންފާއަކަށްވުރެ، ސާފު ސައިންޓިފިކް ހެކިތަކުގެ މައްޗަށް ބިނާކޮށް، އަންނަން އޮތް ޖީލުތަކުގެ މަސްލަހަތަށް އިސްކަން ދިނުމަކީ ސާބިތު ލީޑަރޝިޕެއްގެ ސިފަކަމުގައި ޑރ.ވަހީދު ވިދާޅުވިއެވެ.
ޑރ. ވަހީދުގެ ވާހަކަފުޅު ނިންމަވާލެއްވީ، ކާމިޔާބު ހޯދުމަށްޓަކައި ދިވެހިރާއްޖެއިން އިހުތިޔާރު ކުރަނީ އުންމީދާ، ހިތްވަރާއި ބައިވެރިވުމާއެކު ވިލުންތެރިކަމާއި، އަދުލުވެރިކަމާއި، ދެމެހެއްޓެނިވި އުންމީދުގެ މައްޗަށް ބިނާވެފައިވާ ދުނިޔެއެއް ބިނާކުރުމަށްކަމުގައި ވިދާޅުވަމުންނެވެ.
މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ބައިނަލަގްވާމީ ފެންވަރުގައި ދެމެހެއްޓެނިވި މަސައްކަތްތަކެއް ކުރަން ގޮވައިލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ