ޒުވާން ކުޅުންތެރިންނަށް ޚާއްސަކޮށް މެސީގެ ފުޓުބޯޅަ މުބާރާތެއް
ޒުވާން އުމުރުގެ ފުޓުބޯޅަ ކުޅުންތެރިންނަށް އަމާޒުކޮށް، އާޖެންޓީނާގެ ތަރި ލިއޮނަލް މެސީގެ ނަމުގައި ބޮޑު ފުޓުބޯޅަ މުބާރާތެއް ބާއްވަން އޭނާ ނިންމައިފިއެވެ. މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން 16އަށް އެމެރިކާގެ ފްލޮރިޑާގައެވެ. މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް މި މުބާރާތް 16 އަހަރުން ދަށުގެ ކުޅުންތެރިންނަށް ޚާއްސަކޮށް ބޭއްވުމަށް ވަނީ ނިންމާފައެވެ. މުބާރާތް އިންތިޒާމުކުރުމާއި ހިންގުމުގެ ހުރިހާ ކަމެއްކުރާނީ 525 ރޮސާރިއޯ އިންނެވެ. މި ކުންފުންޏަކީ މެސީގެ ބޮޑެތި ޕްރޮޑަކްޝަންތަކުގެ ފަހަތުގައި އެންމެ އިސް ދައުރެއް އަދާކުރާ ކުންފުންޏެވެ. މި މުބާރާތާ ގުޅޭގޮތުން ވާހަކަދައްކަމުން މެސީ ބުނީ މިއީ އަންނަ އޮތް ޖީލަށް ހުނަރުވެރި ކުޅުންތެރިން ބިނާކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ. ޖުމްލަ 16 މެޗު ކުޅޭ މި މުބާރާތުގައި ދުނިޔޭގެ ވަރުގަދަ ކުލަބުތަކެއްގެ ޔޫތު ޓީމުތައް ހިމެނެއެވެ. އެގޮތުން މެސީގެ ކެރިއަރުގައި ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ސްޕެއިންގެ ބާސެލޯނާ އާއި އޭނާގެ ކުޑައިރުގެ ކުލަބު ކަމަށްވާ އާޖެންޓީނާ ނެވެލް އޯލްޑް ބޯއިސް ހިމެނެއެވެ. ދެން މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރޭގައި އިނގިރޭސިވިލާތުން މެންޗެސްޓާ ސިޓީ އާއި ޗެލްސީގެ އިތުރުން ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑާއި އިޓަލީގެ އިންޓަމިލާނު ހިމެނެއެވެ. އަދި އާޖެންޓީނާގެ ރިވަޕްލޭޓު އާއި އެމެރިކާގެ އިންޓަ މަޔާމީވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ