ވަކިވެގަތުމާ ދެކޮޅުކަން ހުޅުދޫ ކައުންސިލަރު ހާމަކޮށްފި ވަކިވެގަތުމާ ދެކޮޅުކަން ހުޅުދޫ ކައުންސިލަރު ހާމަކޮށްފި

އައްޑޫ ސިޓީ ކައުންސިލް އެއް ކައުންސިލެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި ވަކިވަކި ރަށްރަށުގައި ކައުންސިލްތައް ގާއިމު ކުރުމާ ދެކޮޅުކަން އައްޑޫ ސިޓީ ހުޅުދޫގެ ކައުންސިލަރު، ހުސެން ފައިޒުއްރަހްމާން އިއްޔެ ހާމަކުރައްވައިފި އެވެ.
މި މަހު 25 ގައި އާންމުންގެ ހިޔާލު ހޯދުމަށް ވޯޓަށް އަހަނީ ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތަކެއް ގާއިމު ކުރުމަށް ފެނޭތޯ އާއި އައްޑޫ ފޭދޫގައި ވަކި ކައުންސިލެއް ގާއިމު ކުރުމާ ގުޅޭގޮތުންނެވެ.
އައްޑޫ ސިޓީ ކައުންސިލުގެ ރަސްމީ ޖަލްސާގައި ފައިޒުއްރަހްމާން ވިދާޅުވީ އަޅުގަނޑުމެންގެ ކައުންސިލް އަޅުގަނޑުމެންނަށޭ ކިޔާފައި ދައްކާ ވާހަކަތަކަކީ ރައްޔިތުންނަށް އޮޅުވާލަން ދައްކާ ވާހަކަތަކެއް ކަމަށެވެ.
"ގާނޫނީ ގޮތުން އަޅުގަނޑުމެން އަދާކުރަންޖެހޭ ޒިންމާ އަދާނުކޮށް ތިބެ، އެހެން ބައެއްގެ ބޮލަށް ބޭނުންހާ ކަމެއް ބޭނުންހާ ގޮތަށް ނުވީމަ އެ ވާހަކަ ދައްކައިގެން އަޅުގަނޑުމެންގެ ކައުންސިލް އަޅުގަނޑުމެންނަށޭ ކިޔައިގެން ދައްކަ ވާހަކައަކީ ރައްޔިތުންނަށް އޮޅުވާލަން ދައްކާ ވާހަކަ،" އޭނާ ވިދާޅުވި އެވެ.
ފައިޒުއްރަހްމާން ވިދާޅުވީ ހުޅުދޫ ރައްޔިތުންގެ ކަމެއްގައި މިހާތަނަށް އައްޑޫ ސިޓީ ކައުންސިލަށް ކަމެއް ހިފައިގެން ދިޔުމުން އެ ކަމެއް ހިތަދޫ ކައުންސިލަރުން ދެކޮޅު ހަދާފައި ނެތް ކަމަށާއި ނިޒާމުގެ ތެރެގައި ހުރި މައްސަލަތަކަކީ ހައްލު ކުރެވޭނެ ކަންކަން ކަމަށެވެ.
އޭނާ ވިދާޅުވީ މައްސަލައެއް އުޅޭނަމަ އެކަމެއް ހައްލުކުރަން ރައީސުލްޖުމްހޫރިއްޔާގެ މަގުސަދަކަށްވާނަމަ އެންމެ ފުރަތަމަ ވެސް ވާހަކަދައްކަން ޖެހޭނީ އައްޑޫ ސިޓީ ކައުންސިލާ ކަމަށެވެ.
އައްޑޫ ރައްޔިތުންނަށް ވާން އުޅޭ ގޮތާމެދު ވިސްނަން ވެސް ވަގުތު ނުދީ، އަވަސް އަރުވާލައިގެން ކުއްލިއަކަށް ވޯޓު ބާއްވަން އުޅޭ އުޅުމަކީ އެންމެ ބޮޑު ކަންބޮޑުވުން ކަމަށް ފައިޒުއްރަހްމާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 15 ދުވަހާއި 20 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ވޯޓެއް ނަގަން އުޅުމުން ހުޅުދޫ އާބާދީގެ ވެސް 50 ޕަސަންޓު މީހުން ވޯޓުލާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އެގޮތުން މައިނޯރިޓީގެ ވޯޓުން ވަކިވެގަތުމަށް ވޯޓު ފާސްވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު މިކަމުގައި އެންމެ ކަންބޮޑުވާ ކަމަކީ މޭޔަރު، ފާހަގަކުރަން ބޭނުންވަނީ ރައްޔިތުންނަށް އަސްލު ވާން އުޅެނީ ކޮން ކަމެއްކަން ނޭގޭ. ކުރަން މިއުޅެނީ ކޮން ކަމެއްކަން ބުނެ ދޭނެ ވަގުތެއް ނުދީ، ހަލުއިކޮށް މިކަން ކުރަން އުޅޭ އުޅުމަކީ އެންމެ ބޮޑު ޝަކުވާ އަޅުގަނޑުގެ،" އޭނާ ވިދާޅުވި އެވެ.
ފައިޒުއްރަހްމާން ވިދާޅުވީ އައްޑޫ ސިޓީ ރައްޔިތުން ވޯޓުލާއިރު ހުރިހާ ކަމަކާމެދު ރަނގަޅަށް ފުންކޮށް ވިސްނުމަށްފަހު ވޯޓު ދިނުމަށް އެދޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ