ރިޔާދު، ސައުދީ އަރަބިއްޔާ (އޮކްޓޫބަރު 16) - ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އިން 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ސައުދީ އަރަބިއްޔާގައި ބޭއްވުމަށް ފުރުސަތުދީފައިވާއިރު، އެ މުބާރާތް ބޭއްވުމަށް ފުރަތަމަ މަޝްވަރާ ކުރި ތާރީހަށް ބަދަލު ގެންނަން ޖެހިދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފީފާ އިން މިިދިޔަ ޑިސެމްބަރު މަހު، ނިންމާފައިވަނީ، 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓްކުރުމުގެ ފުރުސަތު މޮރޮކޯ، ސްޕެއިން އަދި ޕޯޗުގަލް އަށް ދިނުމުގެ އިތުރުން، 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ސައުދީ އަރަބިއްޔާގައި ބޭއްވުމަށް ފުރުސަތު ދިނުމަށެވެ.
ގަަތަރުގައި 2022 ވަނަ އަހަރު ފީފާ އިން ބޭއްވި ވޯލްޑް ކަޕް ވަނީ އަހަރުގެ ފަހުކޮޅަށް ނޮވެމްބަރާއި ޑިސެމްބަރުގައި ކުރިއަށްގެންދާ ގޮތަށް ނިންމައި، މުބާރާތް ފުރިހަމަކޮށްފަ އެވެ. އެ ގޮތަށް ނިންމާފައިވަނީ، ގަތަރުގައި ހޫނުގަދަވުމުގެ ސަބަބުން މެޗުތައް ކުޅުމުގައި ދަތިތަކެއް އޮންނާނެތީ އެވެ. އެކަމާ ޔޫރަޕްގެ ގިނަ ގައުމުތަކުން ހިތްހަމަނުޖެހުން ފާޅުކުރި ނަމަވެސް ފީފާ އިން ނިންމީ ގަތަރުން އެދުނު ގޮތަށެވެ.
އެ ގޮތުން، ސައުދީ އަރަބިއްޔާގައި 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ވާހަކަ ދެކެވިފައިވަނީ، ގަަތަރެކޭ އެއްގޮތަށް ނޮވެމްބަރާއި ޑިސެމްބަރުގަ އެވެ. އެހެން ނަމަވެސް، އެ އަހަރުގެ ރޯދަ މަސް ދިމާވަނީ، އެ ދެ މަހާ ކަމަށްވާތީވެ، ވޯލްޑް ކަޕްގެ ތާރީހު ފަސްކުރަން ފީފާ އާއި ސައުދީ އަރަބިއްޔާ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ މަޝްވަރާތައް ފަށައިފަ އެވެ.
"މީގެ ގޮތެއް ނިންމަން ޖެހެނީ ފީފާއިން. އަހަރެމެން މި މަޝްވަރާގައި މި ތިބީ. އެކަމަކު، މީގެ ފައިނަލް ގޮތެއް ނިންމަން ޖެހޭނީ އެކިއެކި ފެޑެރޭޝަންތަކާ ވާހަކަ ދައްކައިގެން ފީފާއިން،" ސައުދީ ވޯލްޑް ކަޕް ބިޑްގެ އޮފިޝަލް، ހައްމާދު އަލްބަލާވީ ވިދާޅުވި އެވެ.
ފީފާ އިން ވަނީ ސައުދީ އަރަބިއްޔާގެ ވޯލްޑް ކަޕް ބިޑްގެ އިވެލުއޭޝަން ރިޕޯޓް އާންމުކޮށްފަ އެވެ. އެ ގޮތުން، އެ އިވެލުއޭޝަނުގައި ސައުދީ އަށް ވަނީ 5 އަކުން، 4.2 ލިބިފަ އެވެ. މިއީ މިހާތަނަށް ވޯލްޑް ކަޕް ބިޑަކަށް ލިބުނު އެންމެ ބޮޑު ސްކޯ އެވެ. އެ އިވެލުއޭޝަން ރިޕޯޓްގައި ސައުދީގެ ހިއުމަން ރައިޓްސް ކަަށަވަރުވާ މިންގަނޑަށް ވަނީ އެކަށީގެންވާ މާކުހެއް ލިބިފަ އެވެ.
ޖުމްލަ އެކު، ސައުދީ އަރަބިއްޔާގައި ވޯލްޑް ކަޕް ބާއްވާނީ 15 ސްޓޭޑިއަމްގަ އެވެ. އަށް ސްޓޭޑިއަމެއް ހުންނާނީ ރިޔާދުގަ އެވެ. އޭގެ ތެރެއިން އެއް ދަނޑަށް ގާތްގަނޑަކަށް އެއް ފަހަރާ އެއް ލައްކާ މީހުންނަށް މެޗު ބަލަން ވަދެވޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސައުދީގައި ވޯލްޑް ކަޕް ކުޅޭނެ 15 ސްޓޭޑިއަމްގެ ތެރެއިން މި ވަގުތު ބޭނުންކުރަނީ، ހަތަރު ސްޓޭޑިއަމް އެވެ. އަށް ދަނޑެއްގެ މަަސައްކަތް ޕްލޭން ކުރެވިފައިވާއިރު، ތިން ދަނޑެއްގެ ކޮންސްޓްރަކްޝަން މަސައްކަތް މިހާރު ވަނީ ފެށިފަ އެވެ. މީގެ ތެރެއިން ބައެއް ދަނޑުތަކުގައި، 2027 ވަނަ އަހަރުގެ އޭޝިއަން ކަޕްގެ މެޗުތައް ކުޅޭނެ އެވެ.
ރޯދަ މަހާ ދިމާވާތީ ސައުދީގައި ވޯލްޑް ކަޕް ކުޅޭ ތާރީހު ބަދަލުކޮށްފާނެ ރޯދަ މަހާ ދިމާވާތީ ސައުދީގައި ވޯލްޑް ކަޕް ކުޅޭ ތާރީހު ބަދަލުކޮށްފާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ