ސައީދުގެ އިތުރު ޝަރީއަތެއް: އައިސްޕްލާންޓް މައްސަލައިގެ ދައުވާއަށް އިންކާރުކޮށްފި
ކޮރަޕްޝަންގެ ކުށް ސާބިތުވެ، ހަތަރު އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ، ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ތުހުމަތު ކުރެވޭ ޚިޔާނާތުގެ އިތުރު މައްސަލައަކަށް ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި އޭނާ އިންކާރުކޮށްފިއެވެ. ސައީދު، ހަތަރު އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދަނީ، އެއްވެސް މަސައްކަތެއް ނުކުރަނީސް، ބްލޭޒަން އިންކް ނަމަކަށް ކިޔާ ކުންފުންޏަކާ އެކު ސެޓްލްމަންޓް އެއްބަސްވުން ހަދައި ފައިސާ ދޫކުރި މައްސަލައިގައި ދައުލަތުން އޭނާއާ ދެކޮޅަށް ކުރި ކޮރަޕްޝަންގެ ކުށް ސާބިތުވެގެންނެވެ. ސައީދުގެ މައްޗަށް އުފުލާފައިވާ ދެވަނަ ދައުވާއަކީ، ލ. މާމެންދޫގައި ބެހެއްޓި އައިސްޕްލާންޓެއް ފެނަކައަށް ގަތުމުގައި އުސޫލުތަކާ ޚިލާފަށް އަމަލުކޮށް ނާޖާއިޒު ފައިދާ ހޯދި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. މި މައްސަލައިގެ ޝަރީއަތް ފެށިފައިވާއިރު، ސައީދުގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާ ސާބިތުވެއްޖެނަމަ، މަދުވެގެން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލާނެއެވެ. https://sun.mv/211939 ޖަލުގައި ހުރި ސައީދު ހާޒިރުކޮށްގެން މިއަދުވަނީ މައްސަލައިގެ އިބުތިދާއީ މަރުހަލާގެ ދެވަނަ އަޑުއެހުން ބާއްވައިފައެވެ. މިއަދުގެ އަޑުއެހުމުގައި ސައީދުގެ މައްޗަށް ކުރާ ދައުވާ އިއްވުމުން އޭނާގެ ފަރާތުންވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. "ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މިއަދުގެ އަޑުއެހުމުގައިވަނީ ހެކި ރައްކާތެރި ކުރުމުގެ އަމުރަކަށް ދައުލަތުން އެދިފައެވެ. މި މައްސަލައިގައި ދެން އޮންނާނީ ދިފާއީ ހެކި ހުށަހެޅުމެވެ. https://sun.mv/211841 ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެފައިވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ފެނަކައާ ގުޅޭ ގޮތުން އެކުލަވައިލި ޚާއްސަ އޮޑިޓް ރިޕޯޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން އޭނާއަށް އަމާޒުވެފައި އޮއްވައެވެ. ފެނަކައާ ގުޅޭ ޚާއްސަ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މުހިންމު ބައެއް ކަންކަމުގެ ތެރޭގައި ތިން އަހަރު ތެރޭ ބީލަމަށް ނުލައި 1.4 ބިލިއަން ރުފިޔާ ޚަރަދުކުރުމާއި ދެ މިލިއަން ރުފިޔާއަށް ލިބެން އޮތް ބޭނުންކޮށްފައިވާ ޖަނަރޭޓަރުތަކެއް އާ ޖަނަރޭޓަރުގެ ގޮތުގައި 17 މިލިއަނަށް ގަތުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ