ކަންނެލި ދޯންޏެއްގައި ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރި ކަމަށް ބުނާ މައްސަލާގައި ދައުވާ އުފުލި ތިން މީހުންގެ މައްޗަށް ކުރި ހުކުމް، އިސްތިއުނާފް ކުރުމަށް ހައި ކޯޓަށް ހުށަހެޅި ނަމަވެސް ކޯޓުން އެ މައްސަލަ ބޭރުކޮށްލައިފި އެވެ.
ވީ ކިހިނެއް؟- ޑިސެމްބަރު 2020ގައި 'މަސްޖަރީ 2' ނަމަކަށް ކިޔާ ދޯންޏެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ޓްރެފިކްކުރި ކަމަށް ބުނާ އެ މައްސަލައިގައި 10 މީހުންގެ މައްޗަށް ފުރަތަމަ ދައުވާ އުފުލި އެވެ. އެކަމަކު އޭގެ ތެރެއިން ކްރިމިނަލް ކޯޓުން ފަހުން ޝަރީއަތް ހިންގީ ތިން މީހެއްގެ މައްޗަށެވެ.
ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލައިގެން ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިންގި ތިން މީހުންނަކީ:
އިރުފާން ތަގިއްޔު، ދޭލިޔާގެ/އައްޑޫ ހުޅުދޫ
އަހްމަދު ނަސީރު، އަނބުގަސްދޮށުގެ/ދ. މާއެނބޫދޫ
މުހައްމަދު އަކްރަމް، ހ. ގާޑްންބިޔުޓީ
ތިން މީހުންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ޖެނުއަރީ މަހުގަ އެވެ. އެއާ އެކު، މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރަން މިދިޔަ އޭޕްރީލް މަހު ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އިން ވަނީ ހައި ކޯޓަށް ހުށަހަޅާފަ އެވެ.
އެކަމަކު ހައި ކޯޓުން މިއަދު ވަނީ، އެ މައްސަލަ ބަލައިނުގަންނަ ކަމަށް އަންގައި ލިޔުން ފޮނުވާފަ އެވެ. މައްސަލަ ބޭރުކޮށްލި ސަބަބެއްގެ ގޮތުގައި، ހައި ކޯޓުގެ ރަޖިސްޓްރާ މަރިޔަމް ހޫރްޝީދާ ސޮއިކުރައްވައި، ފޮނުވާފައިވާ އެ ލިޔުމުގައި ބުނީ، މެއިލްކޮށްފައިވާ އެންގުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓްރޭޝަން ފީ ދައްކާފައި ނުވާތީ ކަމަށެވެ. އެއީ 300 ރުފިޔާ އެވެ.
އެކަމާ ގުޅޭ ގޮތުން ޕީޖީ އޮފީހުގެ ވަކީލު އަދި ތަރުޖަމާނު އަހުމަދު ޝަފީއު ވިދާޅުވީ ފައިސާ ދެއްކުމަށް ބުނެފައި އޮތް ނަމަވެސް، އެކަމާ ގުޅޭ ގޮތުން ހައި ކޯޓުގެ ނޯޓިސްއެއް ލިބިފައި ނުވާ ކަމަށެވެ.
"އެ މުއާމަލާތު ހިނގަން ޖެހޭނީ، އެއްބަސްވެފައިވާ ޗެނަލެއް، ވަކި މެއިލްއެއްގެ ތެރޭގައި. އެކަމަކު އެ މެއިލަކަށް ނެތް ނޯޓިސްއެއް ފޮނުވާފައެއް. ފަހުން އެނގުނު ގޮތުގައި ހައި ކޯޓުން މެއިލް ފޮނުވާފައި އޮތީ އެ ވަގުތު ޗުއްޓީގައި ހުރި މުވައްޒަފަކަށް. އެއީ އެކަން އޮންނަން ޖެހޭނެ ގޮތެއް ނޫން،" ޝަފީއު ވިދާޅުވި އެވެ.
ޕީޖި އޮފީހުން ބުނީ އެ ނިންމުން މުރާޖައާކުރަން ހުށަހަޅާނެ ކަމަށެވެ. އަދި އެއީ ހައި ކޯޓުން އަމިއްލައަށް އިސްވެ މުރާޖައާކުރަން ޖެހޭ ނިންމުމެއް ކަމަށް ވެސް ބުންޏެވެ.
އެނގުން މުހިންމު - ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އިހުސާން މައްސަލަ ބެއްލެވުމަށް ފަހު، ޖެނުއަރީ މަހު ކުރެއްވި ހުކުމުގައި ވަނީ:
ވީޑިއޯ އެންޑް އިމޭޖު އެނަލިސިސް ރިޕޯޓްގައި އަކްރަމްގެ ފޮޓޯ ކަމަށް ބުނެ ހިމެނިފައިވަނީ އަހުމަދު ވިޝާމް، އެލެކްސް/ރ. އިނގުރައިދޫގެ ފޮޓޯއެއް؛ އެއީ މުޅި ރިޕޯޓްގެ އިތުބާރު ގެއްލޭނެ ފަދަ ގޯހެއް؛ ވިޝާމްގެ ދައުވާ ވަނީ އަނބުރާ ގެންގޮސްފައި
އިންތިޒާމުވެގެން ސިއްރުން ހިންގާ ޖިނާއީ ބޮޑެތި ކުށްތަކުގައި އެންމެ މުހިންމު ހެއްކަކަށް ވާނީ ވީޑިއޯ އެންޑް އިމޭޖު އެނަލިިސިސް ރިޕޯޓް؛ އޭގައި މީހާ ދެެނަގެތުމުގެ މަރުހަލާގައި ހަދާ ގޯހުގެ ސަބަބުން ކުށް ސާބިތުކުރެވޭނެ ހެއްކެއް ގޮތަށް އެ ހެކި ނުބެލެވޭނެ
ކޯލް ޗާޓުތައް ތައްޔާރުކުރި މީހެއް ނޭނގޭ؛ އޭގައި ބަޔާންކުރާ ނަންބަރުތަކުގެ ވެރިފަރާތުގެ މައުލޫމާތާއި ކޯލްތަކުގެ ތަފްސީލާއި ސެލް ލޮކޭޝަންގެ މައުލޫމާތު ހޯދަން ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ މައްޗަށް ރައްދުވާނެ ގޮތަށް ކޯޓު އަމުރުތައް ހޯދިކަން ވެސް ސާފެއް ނުވޭ
އިންޓެލިޖެންސް ރިޕޯޓްތަކުގެ ސައްހަކަމާއި އިޖުރާއަތްތައް ފުރިހަމަކޮށްގެން އެއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއްކަން ސާބިތުކުރުމަށް އެއްވެސް ޝަފައީ ހެއްކެއް ދައުލަތުން ހުށަހަޅާފައި ނުވާތީ އެއިން ކަމެއް ކަށަވަރުވާ ގޮތެއް ނުވި
މޯބައިލް ފޮރެންސިކް ރިޕޯޓްތަކުގައި ވެސް ހާދިސާއާ ގުޅޭ ވާގިއާއެއް ސާބިތުކޮށްދިނުމަށް އެހީތެރިވެދޭ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވޭ
'މަސްޖަރީ-2' ދޯނިން 'ތުރާޔާ' ބްރޭންޑްގެ ސެޓެލައިޓް ފޯނެއް ފެނި އިރުފާންގެ ގެއިން އެ ބްރޭންޑްގެ ފޯނުގެ ހުސް ފޮށިގަނޑެއް ފެނުނަސް ދޯނިން މަސްތުވާތަކެތި އެތެރެކުރިކަން ސާބިތުކުރަން ޖެހޭނެ؛ އެކަން ދައުލަތަކަށް ސާބިތެއް ނުކޮށްދެވޭ
72 ކިލޯ ޑްރަގް މައްސަލަ: ކޯޓަށް 300 ރުފިޔާ ނުދައްކައިގެން މައްސަލަ ބޭރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ