13 މިލިއަން ސިނގިރޭޓު ވަގަށް ނެގުން: "ބޮޑު ވައްކަމަށް އާއްޓޭއާއި ދިގަލި ފަންޑްކުރި"
ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގުމަށް ހިންގި ބޮޑު އޮޕަރޭޝަނަށް މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންސްގެ ސީއީއޯ މުޙައްމަދު ވަހީދު (ދިގަލި) ފަންޑް ކުރި ކަމަށް ފުލުހުން ތުހުމަތުކޮށްފިއެވެ. މިދިޔަ އޭޕްރިލް 26 ގައި ކަސްޓަމްސްއިން ހިފަހައްޓައި ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނެގި މައްސަލަ ފުލުހުންނާ ހިސާބަށް ދިޔައީ މިދިޔަ ހަފްތާގައެވެ. ފުލުހުންވަނީ އެކަން ރާވާ ހިންގުމުގައި އުޅުނު ކަމަށް ތުހުމަތުކޮށް، އާއްޓޭ އަދި ދިގަލި ހިމެނޭހެން ހަތަރު މީހުން ހައްޔަރުކޮށްފައެވެ. ކޯޓު އަމުުރެއްގެ ދަށުން ރޭ މި ގްރޫޕު ހައްޔަރުކޮށް މިއަދުވަނީ މުއްދަތު ޖަހާފައެވެ. މި ހަތަރު މީހުންގެ ތެރެއިން އާއްޓޭ އަދި ދިގަލިގެ ބަންދު އަމުރުން އެނގޭ ގޮތުގައި އެ މީހުންވަނީ މިކަން ރޭވުމުގެ އިތުރުން މިކަމަށް ފަންޑްވެސް ކޮށްފައެވެ. މި އެންމެންގެ މައްޗަށްވެސް ތަހުގީގު މަރުހަލާގައި އަދި ކުރަނީ ވައްކަމުގެ ތުހުމަތެވެ. އެ ހަތަރު މީހުން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 61 އަހަރުގެ އާރިފްގެ ބަންދަށް 15 ދުވަސް ޖެހިއިރު، 65 އަހަރުގެ ވަހީދުގެ ބަންދަށް 10 ދުވަސް ޖަހައިފައިވެއެވެ. އަދި އުމުރުން 40 އަހަރުގެ ޒިވާރު ވެސް 15 ދުވަހަށް ބަންދުކުރިއިރު، 48 އަހަރުގެ މުއާޒް ބަންދުކުރަން އަމުރުކުރީ ފަސް ދުވަހަށެވެ. މި އެންމެންނަށްވެސް މުއްދަތު ޖެހީ ގާޒީ އިބްރާހީމް އިހްސާންއެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން 12 މީހަކު ފުރުން މަނާކުރި ނަމަވެސް އެ މީހުންގެ ތަފުސީލެއް ހާމައެއްނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ