ރަޝިޔާއަށް ވަގަށް ހަތިޔާރު ފޯރުކޮށްދޭ ކަމުގެ ތުހުމަތުގައި އެމެރިކާއިން ބްލެކްލިސްޓު ކޮށްފައިވާ އަސްކަރީ ކާގޯ އުފުލާ އެއާލައިނެއްގެ ބޯޓެއް އައްޑޫ ސިޓީގައި ހުންނަ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް މިރޭ ޖައްސައިފި އެވެ.
އެ އެއާޕޯޓަށް ޖައްސާފައިވަނީ ބެލަރުސްގެ "ރޫބީ ސްޓާ އެއާވޭސް" ގެ Ilyushin Il-76TD މަރުކާގެ ބޯޓެކެވެ. އެ ބޯޓު ރާއްޖެއަށް ދަތުރުކުރީ ޔޫއޭއީގެ ފުޖައިރާ ސިޓީގެ އެއާޕޯޓުން ފުރައިގެންނެވެ. ބޯޓު އައްޑޫއަށް ޖެއްސީ މިރޭ 9:40 ހާއިރު އެވެ.
އައްޑޫގައި ބޯޓު ޖެއްސުމުގެ ކުރިން ހުވަދޫ އަތޮޅާ ދިމާ ހަމައިން ފްލައިޓްގެ ޓްރާންސްޕޮންޑާ ނިއްވައިލި އެވެ.
ރޫބީ އެއާލައިން ބްލެކްލިސްޓުކޮށް އެ އެއާލައިނާއި ކުންފުނީގެ ވެރިންނަށް އެމެރިކާގައި ވިޔަފާރި ނުކުރެވޭ ގޮތަށް އެމެރިކާގެ ޑިޕާޓްމަންޓު އޮފް ޓްރެޝަރީ އިން ނިންމީ އޮގަސްޓު 9، 2024 ގަ އެވެ. އެ އެއާލައިނަށް މިހާރު އެމެރިކާގައި ވިޔަފާރި ނުކުރެވޭއިރު، އެއާލައިނުގެ ބޯޓުތަކަށް އެ ގައުމަށް އުދުހުމުގެ ހުއްދައެއް ވެސް ނޯވެ އެވެ.
މި ބޯޓުން ރާއްޖެއަށް ގެނައީ ކޮން ކަހަލަ މުދަލެއް ކަމެއް ސާފެއް ނޫނެވެ. މިކަމާއި ގުޅިގެން ސަރުކާރުގެ ރަސްމީ އެއްވެސް އިދާރާއަކުން އަދި ވުޒާރާއަކުން މިހާތަނަށް ބަހެއް ބުނެފައެއް ނުވެ އެވެ.
ޔޫއޭއީގެ ފުޖައިރާ ސިޓީގެ އެއާޕޯޓުން ފުރައިގެން އެ ބޯޓު އައްޑޫއާ ދިމާލަށް ދަތުރުކުރަނީ: މި ހިސާބުން ބޯޓުގެ ޓްރާންސްޕޯންޑަރު ވަނީ ނިވާލާފަ ---- ފޮޓޯ: ފްލައިޓް ރާޑަރު
ނަމަވެސް، އަދަދު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓުގައި ގެނެސްފައިވަނީ އެމްއެންޑީއެފް އިން މިދިޔަ އަހަރު ގަތް ތުރުކީގެ ބައިކާރު ކުންފުނިން އުފައްތާ ބައިރަކުތާރު ޓީބީ-2 ޑްރޯން ތަކާއި ގުޅުންހުރި ސާމާނުތަކެއް ކަމަށްވެ އެވެ.
ސިފައިން އައު ޑްރޯންތަކެއް ގެނައީ ކަމެއް ނުވަތަ ކުރިން ގެނައި ޑްރޯން ތަކާއި ގުޅޭ ސާމާނުތަކެއް ގެނައީ ކަމެއް މިހާތަނަށް ކަށަވަރުވެފައެއް ނުވެ އެވެ.
ފުޖައިރާ އިން ރާއްޖެއަށް އައުމުގެ ކުރިން އިއްޔެ އެ މަތިންދާ ބޯޓުން ވަނީ ތުރުކީއަށް ގޮސްފަ އެވެ. ތުރުކީއަށް ކުރި ދަތުރުގައި އެ ބޯޓުން ގޮސްފައިވަނީ ދިވެހި އަސްކަރިއްޔާއިން ޑްރޯންތައް ގަތް ބައިކާރު ކުންފުނީގެ ޓެސްޓިން އަދި ޑްރޯން އުފައްދާ ފެސިލިޓީތަކެއް ހުންނަ ތެކިރްދާ ސިޓީ އަށެވެ.
އެމްއެންޑީއެފް އިން ފުރަތަމަ ގަތް ޑްރޯންތައް ރާއްޖެ ގެނައީ ވެސް Ilyushin Il-76TD މަރުކާގެ ބޯޓެއްގަ އެވެ. މާޗު 8، 2024 ގައި ނ. މާފަރަށް ދަތުރުކުރީ "ސްކައިލައިން އެއާޕޯޓްސް" ގެ ބޯޓެކެވެ.
ދިވެހި އަސްކަރިއްޔާއަށް އިތުރު ޑްރޯންތަކެއް ގަންނަން އުޅޭ ކަމުގެ އިޝާރާތެއް ރައީސް މުހައްމަދު މުއިއްޒު މިދިޔަ ނޮވެމްބަރު މަހު ދެއްވި އެވެ.
މިދިޔަ އަހަރުގެ ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ފާއިތުވި އަހަރުގެ ތެރޭގައި މި ޒަމާނަށް ފެތޭ ގޮތަށް އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މުހިންމު ފެންވަރަކަށް އަސްކަރިއްޔާގެ ބާރު ގަދަ ކުރުމުގެ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އަދި އެ މަސައްކަތް އިތުރަށް ފުޅާ ކުރައްވައި އިތުރު ޑްރޯންތަކެއް ގަނެފާނެ ކަމުގެ އިޝާރާތެއް އެމަނިކުފާނު ދެއްވި އެވެ.
"އެހެންވީމާ އެގޮތުން އެއާ ކޯ ގާއިމު ކުރެވުނު މި ޒަމާނުގެ އެންމެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ ޔޫއޭވީތައް ގެނެވި އަޅުގަނޑުމެންގެ ބޮޑު އިކޮނޮމިކް ޒޯނު ބެލެހެއްޓޭނެ ފަދަ ގާބިލިއްޔަތު އަޅުގަނޑުމެންގެ ސިފައިންގެ ކިބައިގައި ގާއިމު ކުރެވިގެންދިޔަ އިރާދަކުރެއްވީތީ، އަދި އެ މަޝްރޫއު އިތުރަށް ފުޅާ ކުރެވިގެން އެ ދަނީ،" އެ ރޭ މުއިއްޒު ވިދާޅުވި އެވެ.
ތުރުކީން ޑްރޯން ގަތުމަށް މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ކޮންޓިންޖެންސީ ބަޖެޓުން 37 މިލިއަން ޑޮލަރު (569.8 މިލިއަން ރުފިޔާ) ހަރަދުކުރި ކަމަށް މި ނޫހުން ވާނީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ރިޕޯޓުކޮށްފަ އެވެ. ނަމަވެސް، އަސްކަރިއްޔާއަށް ގަތީ ކިތަށް ޑްރޯން ކަމެއް، އަދި ހަރަދުވީ ކިހާ ފައިސާއެއް ކަމެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.
އެމެރިކާގެ ބްލެކްލިސްޓުގައި އޮތް އަސްކަރީ ކާގޯ އުފުލާ މަތިންދާ ބޯޓެއް އައްޑޫއަށް އެމެރިކާގެ ބްލެކްލިސްޓުގައި އޮތް އަސްކަރީ ކާގޯ އުފުލާ މަތިންދާ ބޯޓެއް އައްޑޫއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ