ށ. މިލަންދޫގައި އެއާޕޯޓު އެޅުމުގެ މަޝްރޫއު ވެސް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއާ ހަވާލުކޮށް، އެ މަޝްރޫއު 30 ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ބުނެފި އެވެ.
ރައީސް މުހައްމަދު މުއިއްޒު މިލަންދޫއަށް ކުރެއްވި ދަތުރުގައި މިލަންދޫ ބިން ހިއްކުމާއި އެއާޕޯޓު ތަރައްގީކޮށް އޮޕަރޭޓު ކުރުމަށް ހަވާލުކުރި އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން މިނިސްޓަރު މޫސާ ޒަމީރު ސޮއިކުރެއްވިއިރު، އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ އިބްރާހިމް ޝަރީފް އެވެ.
އެ މަޝްރޫއުގައި ދެ ކުންފުނިން ސޮއިކުރުމަށްފަހު، މިލަންދޫގައި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ މިއަދު މިނިސްޓަރު ޒަމީރެވެ.
މިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ އެމްއޭސީއެލްއާ އެއާޕޯޓު އެޅުމުގެ މަޝްރޫއުގެ ހަވާލުކުރީ 40 ހެކްޓަރުގެ ބިން ހިއްކައި، ބަނދަރު ބަދަލު ކުރުމާ ވެސް އެކުގައި ކަމަށެވެ.
އެގޮތުން ބިން ހިއްކުމުގެ މަސައްކަތް މިއަދުން ފެށިގެން އެންމެ ގިނަވެގެން އަށް މަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށާއި މިއަދުން ފެށިގެން އެންމެ ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި އެއާޕޯޓުގެ މުޅި މަޝްރޫއު ނިމޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"މިއަދުން ފެށިގެން އެންމެ ގިނަވެގެން ވެސް އަށް މަސް ދުވަހުގެ ތެރޭގައި [ބިން ހިއްކައި] ނިމިގެންދާނެ. މިއަދުން ފެށިގެން 30 މަސް ދުވަހުގެ ތެރޭގައި، މާނައަކީ ދެ އަހަރާއި ބައި އެންމެ ގިނަވެގެން ވެގެންދާނީ މި އެއާޕޯޓު ނިންމަން،" މުއިއްޒު ވިދާޅުވި އެވެ.
"އެހެންވީމަ މިއަދުން ފެށިގެން އެންމެ ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި މިދެންނެވި ބަނދަރު ބަދަލު ކުރުމާއި އާ ބަނދަރު ހެދުންވެސް ހިމެނޭ ގޮތަށް މި ރަށުގައި އެއާޕޯޓު ހަދާ އިރާދަކުރެއްވިއްޔާ ނިންމާ ހުޅުވާނަން،."
މުއިއްޒު ވިދާޅުވީ މިލަންދޫ އެއާޕޯޓަކީ އެ ރަށަށް ވި އެންމެ ބޮޑު ވައުދު ކަމަށް ވާއިރު، އެއީ އެ ރަށާއި އެ ސަރަހައްދަށް ތަރައްގީ ގެނައުމަށް ވަރަށް މުހިންމު މަޝްރޫއެއް ކަމަށެވެ.
ށ. އަތޮޅުގެ ކޮމަންޑޫ ކައިރީގައި އޮންނަ ދިގުވެލިދޫގައި އެއާޕޯޓެއް އެޅުމަކީ ވެސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
މިހާރު ށ. އަތޮޅުގެ ފުނަދޫގައި ވެސް އެއާޕޯޓެއް އޮވެ އެވެ. އެ އެއާޕޯޓުގެ ރަންވޭ ބޮޑުކޮށް، ޕަސެންޖާ ޓާމިނަލް ތަރައްގީކުރުމަކީ ވެސް މުއިއްޒުގެ ވައުދެކެވެ.
ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުތަކުގައި ގިނަ މަޝްރޫއުތަކެއް ފެށި ނަމަވެސް، އެ މަޝްރޫއުތަކަށް ހިނގާ ހަރަދެއް ހާމައެއް ނުކުރެ އެވެ.
މިލަންދޫ އެއާޕޯޓް މަޝްރޫއު ވެސް އެމްއޭސީއެލްއަށް، އަމާޒަކީ 30 މަސް ދުވަހުން ނިންމުން މިލަންދޫ އެއާޕޯޓް މަޝްރޫއު ވެސް އެމްއޭސީއެލްއަށް، އަމާޒަކީ 30 މަސް ދުވަހުން ނިންމުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ