ސިނގިރޭޓުގެ ޑިއުޓީ އިންތިހާއަށް އުފުލުމުން ވަގު ވިޔަފާރި އިތުރުވާނެ: ނަޝީދު

ސިނގިރޭޓުގެ ޑިއުޓީ އިންތިހާއަށް އުފުލުމުން ވަގު ވިޔަފާރި އިތުރުވާނެ ކަމަށް ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރި ފަހުން ރާއްޖެއަށް ވަގަށް ސިނގިރޭޓު އެތެރެކުރުމުގެ މައްސަލަތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. އެގޮތުން، 13 މިލިއަން ރުފިޔާގެ ސިނގިރޭޓު އަތުލައިގެންފައި ހުއްޓާ އެ ތަކެތި ވަގަށް ނެގި މައްސަލައެއް ވެސް މި ފަހުން ވަނީ ފެންމަތިވެފައެވެ.އެ މައްސަލައިގައި ރޭ ފުލުހުން ވަނީ ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯ ހޯލްޑިންސްގެ ސީއީއޯ މުހައްމަދު ވަހީދު (ދިގަލި) ހިމެނޭހެން ހަތަރު މީހުން ހައްޔަރުކޮށްފައެވެ.އެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވަނިކޮށް އެކްސްގައި ނަޝީދު ބޭނުންކުރައްވާ ނުރަސްމީ އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިމްޕޯޓު ޑިއުޓީ މަތި ކުރުމުން ސްމަގްލިން އިތުރުވާކަމީ ދުނިޔޭގެ ގައުމުތަކުގެ ތަޖުރިބާއިން ވަރަށް ސާފުކޮށް ފެންނަން އޮތް ހަގީގަތެއް ކަމަށެވެ."ސިނގިރޭޓުގެ ޑިއުޓީ އިންތިހާއަށް އުފުލުމުން ވަގު ވިޔަފާރި އިތުރުވާނެ،" ނަޝީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރުން ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކޮށް، ސިނގިރޭޓު ފޮއްޓެއްގެ އަގު 240 ރުފިޔާއަށް ބޮޑުކުރުމުން ގިނަ އަދަދެއްގެ ވަގު ސިނގިރޭޓު ވަނީ ބާޒާރުގައި ވިއްކަން ފަށާފައެވެ. އެގޮތުން، ދޭތެރެދޭތެރެއިން ވަގު ސިނގިރޭޓު ޝިޕްމަންޓްތައް އަތުލައިގެން ނަމަވެސް، އެ ތަކެތި އަބަދު ވެސް ބާޒާރުގައި ލިބެން ހުރެއެވެ.މި ފަހުން އައްޑޫ ސިޓީ ވިޔަފާރި ބަނދަރުން ވަގަށް ނެރެން އުޅުނު 15 މިލިއަން ރުފިޔާގެ ސިނގިރޭޓު ވެސް މިދިޔަ މަހު އަތުލައިގެންފައިވެއެވެ.އެކަމަކު، ޑިއުޓީ ބޮޑުކުރި ނަމަވެސް ކަޅު ބާޒާރުގައި ވަގަށް ވިއްކާ ސިނގިރޭޓު ވަރަށް އަގުހެޔޮކޮށް ވިއްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ