ހުޅުމާލޭ ވިޔަފާރި ބަނދަރުގައި ހުއްޓައި ވަގަށް ނެގި 13 މިލިއަން ސިނގިރޭޓުގެ ދެ ކޮންޓެއިނަރުގެ މައްސަލައާ ގުޅިގެން މާލޭ ވިޔަފާރި ބަނދަރު އަދި ހުޅުމާލެ ޓާމިނަލްގެ ސެކިއުރިޓީ އޮޑިޓެއް ހަދަން ފަށާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.
އެމްޕީއެލް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެމްޕީއެލްގެ ސެކިއުރިޓީ ނިޒާމް ހަރުދަނާކުރުމަށްޓަކައި، ކޯސްޓް ގާޑްގެ ގާބިލު އަދި ތަޖުރިބާކާރު މެރިޓައިމް ކޮމާންޑަރުން ހިމެނޭ ޓީމެއް ކަނޑައަޅާނެ ކަމަށެވެ.
އެގޮތުން މާހައުލަށް އަންނަ ބަދަލުތަކާއި ހާލަތަށް ޕޯޓްގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް ސަލާމަތީ ބާރުތަކާއެކު އިސްތިރާޖީ މަސައްކަތްތަކެއް ފަށާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އޭގެއިތުރުން އެމްޕީއެލް އިން ބުނީ މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހިފަހައްޓާ މުދާ، ބަނދަރުގައި ބެހެއްޓުމުގައި މިހާރު އަމަލުކުރަމުންދާ އުސޫލުތަކާއި ފިޔަވަޅުތައް ހަރުދަނާކުރުމަށް އެ މުއައްސަސާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މި ބަދަލުތަކުގެ ތެރޭގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ނިންމާފައިވަނީ ކަސްޓަމްސްގެ ބޭނުމަށް ހިފަހައްޓާ މުދާ ބެލެހެއްޓުމަށް ބަނދަރުގައި ވަކި ސަރަހައްދެއް ކަނޑަޅައި، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުން،" އެމްޕީއެލް އިން ބުންޏެވެ.
އެމްޕީއެލްއިން ބުނީ ސިނގިރޭޓު ކޮންޓެއިނަރުތައް ވަގަށް ނެގި މައްސަލައާ ގުޅިގެން އެމްޕީއެލްގެ ސެކިއުރިޓީ އާކިޓެކްޗާ އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ދައުލަތުގެ ސަލާމަތީ ބާރުތަކާއި ޤާނޫނު ތަންފީޒުކުރާ މުޢައްސަސާތަކާއި ވުޒާރާތަކާއި ގުޅިގެން މި ކުންފުނިން ފަށާފައިވާ ކަމަށެވެ.
އެގޮތުން އެފަދަ ކަމެއް ތަކުރާރުވެ ނުދިއުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން، މޯލްޑިވްސް ކަސްޓަމްސް ސާވިސް، މިނިސްޓްރީ އޮފް ޑިފެންސް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އަދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށް ވެސް އެމްޕީއެލްއިން ބުންޏެވެ.
ސިނގިރޭޓު މައްސަލައިގައި އެމްޕީއެލް އިން ވަނީ މިހާތަނަށް ހަ މުވައްޒަފުން ސަސްޕެންޑުކޮށްފަ އެވެ. އެ ކުންފުނިން ބުނީ އެއްވެސް މުވައްޒަފަކާމެދު ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނެ ކަމަށެވެ.
މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ވަނީ ހަތަރު މީހަކު ވަނީ ހައްޔަރުކޮށް، 12 މީހެއްގެ ފުރުން މަނާކޮށްފަ އެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އަމިއްލަ ވިޔަފާރިވެރިޔެއް ކަމުގައިވާ އަހުމަދު އާރިފު އާއި މުހައްމަދު ވަހީދު އަދި ކަސްޓަމްސްގެ ކުރީގެ ސީނިއާ އޮފިސަރެއް ކަމުގައިވާ މުއާޒު އަލީ އަދި ހުޅުމާލޭ ޕޯޓުގައި މަސައްކަތްކުރާ ކަސްޓަމްސްގެ ސީނިއާ އޮފިސަރެއް ކަމުގައިވާ ހދ. ވައިކަރަދޫ ޒިވާރު އިސްމާއީލް އެވެ.
އެމްޕީއެލްއިން ސެކިއުރިޓީ އޮޑިޓެއް ހަދައި، މެރިޓައިމް ކޮމާންޑަރުންގެ ޓީމެއް ކަނޑައަޅަނީ އެމްޕީއެލްއިން ސެކިއުރިޓީ އޮޑިޓެއް ހަދައި، މެރިޓައިމް ކޮމާންޑަރުންގެ ޓީމެއް ކަނޑައަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ