ރަޖިސްޓްރީ ފީ ނުދެއްކި ކަމަށް ބުނެ، 72 ކިލޯގެ ޑްރަގު ކޭސް ކޯޓުން ބޭރުކޮށްލައިފި

މައްސަލަ ރަޖިސްޓްރީ ކުރަން ދައްކަން ޖެހޭ 300 ރުފިޔާ ނުދެއްކި ކަމަށް ބުނެ، 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓުން މިއަދު ބޭރުކޮށްލައިފިއެވެ. ހައިކޯޓުގެ ރަޖިސްޓްރާ، މަރްޔަމް ހޫރުޝިދާ ސޮއިކޮށް މިއަދު ކޯޓުން ބޭރުކޮށްލި މައްސަލައަކީ، މަސްދޯންޏެއްގައި 72 ކިލޯ ޑްރަގް އެތެރެކުރި މައްސަލައިގައި ދައުވާ ލިބުނު ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކުރަން ދައުލަތުން ހުށަހެޅި މައްސަލައެކެވެ. މި މައްސަލަ ބޭރުކޮށްލި ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މި މައްސަލައިގެ ރަޖިސްޓްރީ ފީ ދައްކަން، ކޯޓުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އަންގާފައި އޮތް މުއްދަތުގެ ތެރޭގައި ފީ ދައްކާފައެއް ނުވެއެވެ. އެހެންކަމުން، ހައިކޯޓުގެ ރަޖިސްޓްރާ ހޫރިޝީދާ ނިންމެވީ މައްސަލަ ބަލައިނުގަންނަން ކަމަށް ރަޖިސްޓްރާގެ ނިންމުމުގައި ބަޔާންކޮސްފައިވެއެވެ. މިއީ، "މަސްޖަރީ-2" ކިޔާ ދޯންޏެއްގައި ޑިސެމްބަރު 2020 ގައި ކަނޑުމަގުން ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 72 ކިލޯގެ ޑްރަގް މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ފުލުހުން ތުހުމަތުކުރާ އިރުފާން ތަގިއްޔު، ސ. ހުޅުދޫ ދޭލިއާގެއަށް ރައްދުވާ ގޮތަށް ދައުލަތުން ހައިކޯޓަށް ހުށަހެޅި ޑައިފޯމިން ޓްރެފިކް ކުރުމުގެ ކުށުގެ އިސްތިއުނާފު މައްސަލައެވެ. މި މައްސަލައިގައި އޭނާއާއެކު ދެން ހިމެނޭ ދެ މީހުންނަކީ އަހްމަދު ނަސީރު، އަނބުގަސްދޮށުގެ، ދ. މާއެނބޫދޫ އާއި މުހައްމަދު އަކްރަމް، ހ. ގާޑްންބިޔުޓީއެވެ. ދަށު ކޯޓުން، ގާޒީ އިބްރާހީމް އިހުސާން މި ތިން މީހުންގެ މައްޗަށްވެސް ހުކުމް ކުރީ ކުށް ސާބިތުނުވާ ކަމަށެވެ. މި މީހުންގެ އިތުރުން މައްސަލައިގައި ދެން ހިމެނުނު ހަތް މީހެއްގެ ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފަ އެވެ. އެއީ މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތައް މިހާރު ހުރި ގޮތުން އެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ވަރުގެ ހެކި ނެތް ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކުރިން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ