ހަނިމާދޫގެ ހުރިހާ ގެއެއްގައި ކައުންސިލުން ސޯލާ ޕެނަލް ހަރުކޮށްދެނީ

ހދ. ހަނިމާދޫ ކައުންސިލުން އެ ރަށުގެ ހުރިހާ ގެއެއްގައި ސޯލާ ޕެނަލް ހަރުކޮށްދޭން ނިންމައިފި އެވެ.
ކައުންސިލްގެ މެމްބަރު އަހުމަދު އަނާން "މިހާރު" މިއަދު ވިދާޅުވީ ގޭގައި ސޯލާ ޕެނަލް ހަރުކޮށްދިނުމަކީ، އެމްޑީޕީގެ ފަސް މެމްބަރުން ތިއްބެވި ކައުންސިލުން ކެމްޕެއިންގައި ވި ވައުދެއް ކަމަށެވެ.
އެހެންވެ، މީގެ ތިން ހަފުތާއެއްހާ ދުވަސް ކުރިން ބޭއްވި ބައްދަލުވުމުގައި ވަނީ އެ ކަން ކުރުމަށް ސާވޭ ކޮށްދޭނެ ބަޔަކު ހޯދަން އިއުލާން ކުރަން ނިންމައިފަ އެވެ.
އަނާން ވިދާޅުވީ ރަށްރަށުގައި ހިންގާ ބޮޑެތި ޕްރޮޖެކްޓުތަކުން އާއްމުންނަށް ހަގީގަތުގައި މަންފާއެއް ނުކުރާ ކަމަށެވެ. އެއް މަހުން އަނެއް މަހަށް ކަރަންޓު ބިލް ބޮޑުވެ، ޖީބަށް ބަރުވަމުންދާ ކަމަށް ވިދާޅުވި އެވެ. 
އޭގެ އިތުރުން، 500 އަށް ވުރެ ގިނަ ގެ ހުންނަ ހަނިމާދޫގެ ކަރަންޓުގެ ހާލަތު ގޯސްވުމަކީ ވެސް އެ ރަށުގައި ސޯލާ ހަރުކުރަން ނިންމި ސަބަބެއް ކަމަށް އަނާން ވިދާޅުވި އެވެ.
ހަނިމާދޫގައި ސޯލާ ޕެނަލް ހަރުކުރާނީ ހަތަރު ފިޔަވައްސަކަށް ބަހާލައިގެންނެވެ. އޭގެ ފުރަތަމަ ދެ ފިޔަވަހި މި ދައުރުގެ ތެރޭގައި ނިންމުމަކީ އަމާޒެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ކައުންސިލުން މިހާރު ނިންމާފައިވަނީ ކޮންމެ ގެއެއްގައި ތިން ކިލޯ ވޮޓްގެ ޕެނަލް ހަރުކުރާށެވެ. އިންވާޓާއާ އެކީގައި އެ ޕެނަލްތައް ހަރުކުރަން 12 މިލިއަން ރުފިޔާ ދާނެ ކަމަށް އަންދާޒާކުރެ އެވެ. 
އަނާން ވިދާޅުވި ގޮތުގައި ސޯލާ ހަރުކުރަން ބޭނުންވާ ގެ ތަކުން އެކަމަށް ކުރިމަތިލާން ހުޅުވާލާނެ އެވެ. އޭގެ ހަރަދުތައް ކޮށްދޭނީ ކައުންސިލުންނެވެ. އޭގެ ފަހުން، އިންސްޓޯލްމަންޓަށް ބަހާލައިގެން އެ ގޭ ތަކުން ކައުންސިލަށް ދައްކަން ޖެހޭނީ އެ ހަރަދުގެ އެއް ބައެވެ. އަނެއް ބައި ކައުންސިލުން ކޮށްދޭނެ ކަމަށް އަނާން ވިދާޅުވި އެވެ. 
"ކައުންސިލުން ހުރިހާ ހަރަދެއް ކުރާނީ ފުރަތަމަ. ގެ ތަކުން، އެ ހަރަދުގެ އެއް ބައި ދައްކަން ޖެހޭނީ އިންސްޓޯލްމަންޓަށް ބަހާލައިގެން،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ