ވަގަށް ނެގި ދެ ކޮންޓެއިނަރު ސިނގިރޭޓުގެ މައްސަލައިގައި އެމްޕީއެލްގެ ހަ މުވައްޒަފުން ސަސްޕެންޑުކޮށްފި
ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އެމްޕީއެލް ހުޅުމާލޭ ބަނދަރުގައި ހުއްޓާ ގެއްލުނު މައްސަލައާ ގުޅިގެން އެމްޕީއެލްގެ ހަ މުވައްޒަފަކު ސަސްޕެންޑްކޮށްފި އެވެ.އެމްޕީއެލް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސިނގިރޭޓު ކޮންޓެއިނަރުތައް ގެއްލުނުކަން އޮކްޓޯބަރު 8، ގައި ފާހަގަވި ވަގުތުން ފެށިގެން އެ މައްސަލަ ބަލައި، އޮކްޓޯބަރު 12، ގައި ފަސް މުވައްޒަފުން ސަސްޕެންޑުކޮށް، އަދި މިއަދު އެއް މުވައްޒަފަކު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.ކުންފުނީގެ ހިންގުމުގައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ދެނެގަތުމަށް އެމްޕީއެލްގެ ތަހުގީގު ކޮމެޓީ، ރިސްކް ޑިޕާޓްމަންޓް އަދި އިންޓާނަލް އޮޑިޓްއިން މިހާރުވެސް ދަނީ އެ މައްސަލައާ ގުޅޭ ތަހުގީގު އަދި އޮޑިޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދަމުން ކަމަށް އެމްޕީއެލް އިން ބުންޏެވެ.އެމްޕީއެލް އިން ބަލަހައްޓާ ޕޯޓްތަކުގެ ސެކިއުރިޓީ ތަންފީޒުކުރަނީ އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ކޯޑްގައި ކަނޑައަޅާފައިވާ މިންގަނޑުގެ ތެރެއިން ކަމަށާއި އެ ޕޯޓަކީ ދާއިމީކޮށް އައިއެސްޕީއެސް އޮޑިޓް ހެދި، އެ މިންގަނޑަށް ފެތޭ ނިޒާމެއްގެ ތެރެއިން ބަލަހައްޓަމުންދާ ޕޯޓެއް ކަމަށް އެ ކުންފުނިން ބުންޏެވެ.ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުގެ ނަމުގައި ރާއްޖެ އަށް ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކް ވަގަށް އެތެރެކުރިކަން މިދިޔަ އަހަރުގެ އޭޕްރީލް މަހު ފަޅާ އަރައި، އެ މަހުން ފެށިގެން އެ ދެ ކޮންޓެއިނަރު ހުރީ އެމްޕީއެލް ހުޅުމާލޭގެ ބަނދަރުގައި ބަހައްޓައިފަ އެވެ. އެއީ އެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށް ދާތީ އެވެ.އެ ސިނގިރޭޓް ދެ ކޮންޓެއިނަރުގައި ހުރި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ނެތް ކަން ކަސްޓަމްސް އަށް އެނގުނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭގަ އެވެ. އެ ހިސާބުން އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.ސިނގިރޭޓްތައް ގެއްލުނު މައްސަލައިގައި މަޝްހޫރު ދެ ވިޔަފާރިވެރިން ކަމުގައިވާ ލޮޓަސްގެ ވެރިޔާ އަހްމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ހައްޔަރުކުރި ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. މީގެ އިތުރުން ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް ހ. ނިއުހެޕިނަސް، މުއާޒު އަލީ އަދި ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސްވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލްވެސް ހައްޔަރުކޮށްފައިވާ ކަމަށް އެނގިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ