ސިއްރުން އެބަ ފާފަކުރެވޭހެއްޔެވެ؟

ސިއްރާއި ފާޅުގައި ﷲ سبحانه وتعالىއަށް ބިރުވެތިވާށެވެ! އެއިލާހަކީ ފާޅުކޮށް ހުރި ކަންކަން ދެނެވޮޑިގެންވާ ފަދައިން ސިއްރިއްޔާތުގައި ވަންހަނާވެފައި ހުރި ކަންކަން ވެސް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ސިއްރިއްޔާތުގައި މާތް ﷲއަށް ބިރުވެތިވާ މީހުންނީ ފާޅުގައި ވެސް އެއިލާހަށް ބިރުވެތި ވާނެ މީހުންނެވެ. ފާޅުގައި އެއިލާހަށް ބިރުވެތިވާ މީހާ ފަހަރުގައި ސިއްރިއްޔާތުގައި ﷲއަށް އުރެދިދާނެއެވެ. ސިއްރިޔާތުގައި މާތް ﷲއަށް ބިރުވެތިވާ އަޅުންނަށް އެކަލާނގެ ވަނީ ވަރަށް މަތިވެރި ދަރުމައާއި ސަވާބު ތައްޔާރު ކުރައްވައިފައެވެ. އެއްވެސް ޝައްކެތް ވަސްވާހެއް ނެތި، ހަޤީޤީ ތެދުވެރި މުއުމިނުންނަކީ އެއީއެވެ. އެބައިމީހުންގެ ޢަމަލުތައް އެއްވެސް ހާލެއްގައި ތަފާތެއް ނުވެއެވެ. އެއީ ކިޔަމަންތެރިކަމާ އެކު މާތް ﷲއަށް އަޅުކަންކުރާ ތެދުވެރި އިޚްލާޞްތެރިންނެވެ. އެ މީހުންނަށް ފާފަ ފުއްސަވާނޭ ކަމަށާއި ބޮޑުވެގެންވާ އަޖުރެއް ދެއްވާނޭ ކަމަށް އެކަލާނގެ ވަނީ ވަޢުދުވެވޮޑިގެންފައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿إِنَّ الَّذِينَ يَخْشَوْنَ رَبَّهُم بِالْغَيْبِ لَهُم مَّغْفِرَةٌ وَأَجْرٌ كَبِيرٌ﴾‏ (الملك: ١٢)‏ މާނައީ: "ހަމަކަށަވަރުން، ނުފެންނަ ތާނގައި އެއުރެންގެ ވެރިރަސްކަލާނގެއަށް ބިރުވެތިވާ މީހުން (ދަންނާށެވެ!) ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ، އެ މީހުންނަށް ހުއްޓެވެ." ސިއްރިއްޔާތުގައި މާތް ﷲއަށް ބިރުވެތިވާ މީހުންނާ ޚިލާފަށް، މީސްތަކުން ކުރިމަތީ ލަދުވެތިކަން ދައްކައިގެން ފާފައެއް ނުކުރާ މީހެއް ފަދައިން އުޅުމަކީ ބައެއް މީހުންނަށް މާ އުނދަގޫ ކަމަކަށް ނުވެދާނެއެވެ. އެހެނަސް އެ މީހުންނަކީ ﷲގެ ޙަޟްރަތުން އެއްވެސް މަންފާއެއް ލިބޭނޭ ބައެއް ނޫނެވެ. އެ މީހުން ޒީނަތްތެރިވެ، އީމާންތެރިންކަމަށް ހެދިގެން އެ އުޅެނީ މީސްތަކުން ކުރިމަތީގައެވެ. ފާފަތަކަށް އަރައިގަންނަނީ ސިއްރިއްޔާތުގައެވެ. ފޮރުވިގެން ތިބެ ފާފަކުރާ މީހުންނަށް މާތް ﷲ ވަނީ ކީރިތި ޤުރުއާނުގައި ނުރުހުމުގެ ބަސްފުޅު ވަޙީކުރައްވައިފައެވެ. މުސްލިމުންނާ އެކު އާންމު ހާލަތުގައި ބޭރުފުށުން ރިވެތި ހެޔޮ ޢަމަލުކޮށް އުޅެފައި ސިއްރިއްޔާތުގައި ފާފަކުރާ މީހުންނާ ބެހޭގޮތުން އިންޒާރުކުރައްވައި ކީރިތި މާތް ނަބިއްޔާ މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّم ހަދީޘްކުރެއްވިއެވެ. «لَأَعلَمَنَّ أقْوامًا مِن أُمَّتي يَأتونَ يَوْمَ القِيامةِ بحَسَناتٍ أمْثالِ جِبالِ تِهامةَ بِيضًا، فيَجعَلُها اللهُ عَزَّ وجَلَّ هَباءً مَنْثورًا». قالَ ثَوْبانُ: يا رَسولَ اللهِ، صِفْهم لنا، جَلِّهم لنا ألَّا نكونَ مِنهم ونحن لا نَعلَمُ، قالَ: «أَمَا إنَّهم إخْوانُكم، ومِن جِلْدتِكم، ويَأخُذونَ مِن اللَّيْلِ كما تَأخُذونَ، ولكنَّهم أقْوامٌ إذا خَلَوا بمَحارِمِ اللهِ انْتَهَكوها». (الصحيح المسند الصفحة أو الرقم: 189) މާނައީ: "ފަރުބަދަތަކުގެ މިސާލުގައި ހުރި ހެޔޮ ކަންކަން ހިފައިގެން ޤިޔާމަތްދުވަހު އަންނާނެ ބަޔަކު ތިމަންކަލޭގެފާނު ދެނެވަޑައިގަންނަވަމުއެވެ. ފަހެ ﷲ سبحانه وتعالى އެބައިމީހުންގެ ޢަމަލުތައް ބުރުވައިލެވިފައިވާ ކުނޑިތަކެއް ފަދައިން ލައްވާނެތެވެ." އެ ހިނދު ޘައުބާން ދެންނެވިއެވެ. "އޭ ﷲގެ ރަސޫލާއެވެ. އެ ބަޔަކު ތިމަންނާމެންނަށް ސިފަކޮށްދެއްވައިފާނަންތޯއެވެ؟ އެއީ ތިމަންނާމެންނަށް ނޭނގި ތިބެ އެފަދަމީހުން ކަމުގައި ވުމުން ރައްކާތެރިވުމަށް ޓަކައެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ދެންފަހެ، އެއީ ތިޔަބައިމީހުންގެ އަޚުންނެވެ. ތިޔަބައިމީހުންގެ ތެރެއިންވާ ބައެކެވެ. ތިޔަބައިމީހުން ކޮށްއުޅޭފަދައިން ރޭއަޅުކަން ކުރާނެއެވެ. އެހެނަސް ﷲ ޙަރާމްކުރެއްވި ކަންކަމާ އެކު އެ މީހުން އެކަހެރިވެއްޖެއްޔާ އެ މީހުން އެ ކަންކަމަށް އަރައިގަންނާނެއެވެ." ބިރުވެރިކަން ބޮޑު ނުރައްކާތެރި އިންޒާރެއްދޭ ޙަދީޘެކެވެ. އިސްވެދިޔަ ޙަދީޘާމެދު ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ، މީގައި ބަޔާންވެގެން އެ ވަނީ ނިފާޤުކަމާއި ދެއްކުންތެރިކަމާ އެކު ހެޔޮޢަމަލުކުރާ މީހުންގެ ވާހަކައެވެ. އެބައިމީހުންނަކީ މީސްތަކުންގެ ކުރިމަތީ ތަޤްވާވެރިކަން ދައްކާމީހުންނެވެ. މީހުންނާ ވަކިން އެކަހެރިވެއްޖެއްޔާ ސިއްރިޔާތުގައި އެބައިމީހުންގެ ޙަޤީޤަތް ފާޅުވަނީއެވެ. މާތް ﷲއަށް ކުރާން ޖެހޭ ޤަދަރު އެބައިމީހުން ނުކުރެއެވެ. އެ ޙަދީޘުގައި އޮތް ވަޢީދުގެ ތެރެއަށް ވަދެދާނޭތީ އެފަދަމީހުން ބިރުވެތިވާން ޖެހެއެވެ. މާތް ﷲއަށް ބަހައްޓަން ޖެހޭ ޙައްޤު ޤަދަރު ނުބަހައްޓަންޏާ ފާފަތަކަށް އަރައިގަނެވޭލެއް އަވަސްވާނެއެވެ. ހިތުގައި ލައްޖެހޭނެއެވެ. އެ ގޮތަށް ޖެހޭ ލައްތައް އިތުރުވަމުން ގޮސް ޙައްޤާއި ބާޠިލު އޮޅޭ ހިސާބަށް އޭނާ ހިނގައިދެއެވެ. ފާފަކުރުމަކީ މާބޮޑުކަމެއް ކަމުގައި ނުބެލެން ފަށާފާނެއެވެ. ފާފަތަކަށް ލޯބިޖެހެން ފަށައިފާނެއެވެ. ފާފަކުރުމަށް ދެވިހިފައި އެ ކަންކަން ދޫކޮށްލުން އުނދަގޫވާ ހިސާބަށް އޭނާގެ ކަންތައް ދެއެވެ. އޭގެ ސަބަބުން އޭނާއަށް އިތުރުވެގެން އަންނަނީ ނާއުންމީދާއި މާޔޫސްކަން އެކަންޏެވެ. ފާފައެއް ކުރެވުނަސް ދެރަނުވާ ހިސާބަކީ މިއީއެވެ. މި ހިސާބުން އެއްވެސް ދެރައެއް ހިތާމައެއް އޭނާގެ ހިތަކަށް ނުވަންނާނެއެވެ. ނަތީޖާއަކަށް ވާނީ އެ ހިތް މުޅީން މަރުވެ ތައުބާވާން ވެސް ބޭނުންނުވުމެވެ. ސިއްރިޔާތުގައި ކުރާ ފާފައިގެ ސަބަބުން ދިމާވާ އަނެއް މައްސަލައަކީ ތެދުމަގުން ކައްސާލައި ނުބައި ނިމުމަކުން އޭނާ ނިމިދިޔުމެވެ. މަރު އޭނާއާ ބައްދަލު ކުރާއިރު އޭނާއަށް ފާފައިގެ މަތީ ހުރެވިއްޖެއްޔާ އޭނާގެ ފުރާނަ ހަށިގަނޑުން ނުކުމެގެންދާނީ ފާފައިގައި މަޝްޣޫލުވެ ހުރި ހާލުގައެވެ. އިބުނުލް ޤައްޔިމް رحمه الله ވިދާޅުވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ޢިލްމުވެރިން އިއްތިފާގުވެވަޑައިގަންނަވާ ގޮތުގައި ސިއްރިޔާތުގައި ނުބައި ޢަމަލުކުރުމަކީ މަގު ގެއްލިގެން ދިއުމުގެ އަސްލެވެ. އަދި ސިއްރިޔާތުގައި ހެޔޮޢަމަލުކުރުމަކީ ދީނުގައި ސާބިތުވުމުގެ އެންމެ ބޮޑު ސަބަބެވެ." ސިއްރިއްޔާތުގައި ފާފަކުރެވެންޏާ މިހާރުންމިހާރަށް އެކަން ދޫކޮށްލުމަށް އަޅުގަނޑުގެ އަމިއްލަނަފުސު ވެސް ހިމަނައިގެން ހުރިހާ ކިޔުންތެރިންނަށް އިޚްލާޞްތެރިކަމާ އެކު ނަސޭހަތްތެރިވެ ވަޞިއްޔަތްކުރަމެވެ. އަދި ސިއްރުގައި ކުރެވޭ ފާފަތައް މިހައިތަނަށް ކިތަންމެ ގިނަވެފައި ވީނަމަވެސް އެކަމާ މާޔޫސްވެ ކަންބޮޑު ވެސް ނުވާށެވެ. އުންމީދު ކަނޑައި ނުލާށެވެ. ތައުބާވެ އިސްތިޣްފާރުކުރުން ދޫކޮށްނުލާށެވެ. ﷲ سبحانه وتعالىއީ ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ ރަސްކަލާނގެކަން ވެސް ހަނދާނުގައި ބަހައްޓަން ވާނެއެވެ. ތެދުވެރިކަމާ އެކު އިޚްލާޞްތެރި ތައުބާއަކުން އަވަހަށް ތައުބާވާށެވެ. ތައުބާވުން ދޫކޮށް ނުލައިހާ ހިނދަކު އަޅުގަނޑުމެން ދެމި ތިބޭނީ ހެޔޮކަމުގެ މަތީގައިކަން ޔަޤީންކުރާށެވެ. އެއީ ސުވަރުގެއަށް ދިއުމުގެ މަގެވެ. ކުރެވިފައި ހުރި ފާފައިގެ އަސަރު ނައްތައިލުމަށް ސިއްރިޔާތުގައި ހެޔޮ ޢަމަލުކުރުން ގިނަކުރާށެވެ. ފާފަކުރެވޭ ސަބަބުތައް ހޯދާ އެ ކަންކަމާ ދުރުގައި ހުންނާށެވެ. އެކީއެކަށް އެ ސަބަބުތައް ނައްތައިލާށެވެ. ސިއްރިޔާތުގައި ކުރެވޭ ފާފަތަކުން ސަލާމަތްކޮށްދެއްވުން އެދި އެކަލާނގެ ޙަޟްރަތަށް ގިނަގިނައިން ދުޢާކޮށް ދަންނަވަންވީއެވެ. އިޚްލާސްތެރިކަމާ އެކު ﷲއަށް ރުޖޫޢަވާ އަޅަކު ގެއްލެނި ނުކުރައްވާނޭ ކަން ދަންނަން ވާނެއެވެ. ޞާލިޙުންނަކީ ފާފައިން ބަރީޢަތްވެގެން ތިބި ބައެއް ނޫނެވެ. އެހެނެއްކަމަކު އެ މީހުންނަކީ ތައުބާވުން ދޫކޮށްނުލާ މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ