ޒިއުރިކް، ސްވިޒަލެންޑް (ސެޕްޓެމްބަރު 23) - ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔުއެފާ އިން އިންތިޒާމްކޮށްގެން ބާއްވާ ހުރިހާ ފުޓްބޯޅަ މުބާރާތްތަކުން އިޒްރޭލް ބޭރުކުރަން ވޯޓެއް ނަގަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިޒްރޭލުން މި މަހު، ގަތަރަށް ދިން ހަމަލާއާ ގުޅިގެން، އަރަބި ގައުމުތަކުގެ އިތުރުން، ޔޫރަޕްގެ ގައުމުތަކާ އިޒްރޭލާ ދެމެދު ވަނީ ގުޅުން ގޯސްވެފަ އެވެ. ގަތަރުގެ ސަރުކާރުގެ އިސް ފަރާތެއް ކަމަށްވާ، ނާސިރު އަލް ހަލީފީ އަކީ ޕީއެސްޖީގެ ރައީސްގެ އިތުރުން، ޔޫރަޕްގެ ކްލަބް އެސޯސިއޭޝަން (އީސީއޭ)ގެ ވެސް ރައީސް އެވެ. އީސީއޭ އަކީ ޔުއެފާއާ ގުޅިގެން ޔޫރަޕްގެ ކްލަބް ފުޓްބޯޅަ އާއި ގައުމުތަކުގެ ފުޓްބޯޅައިގެ ކުރި މަގަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ.
އެ ގޮތުން، އީސީއޭގެ ވެސް ތާއީދާ އެކު، ޔުއެފާ އަށް ވަނީ، އިޒްރޭލު، ޔޫރަޕްގެ ފުޓްބޯޅަ ހަރަކާތްތަކުން ބޭރުކުރަން ވޯޓެއް ނަގަން ހުށަހަޅައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން، މިއަދު އެ ކަމަށް ވޯޓު ނެގުމަށް ޔުއެފާގެ އެގްޒެކްޓިވް ކޮމިޓީގެ ބައްދަލުވުމެއް ވަނީ ތާވަލުކުރެވިފަ އެވެ.
އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި، އެ ގައުމު ސަސްޕެންޑްކުރަން، ތާއީދުކުރާ ނިސްބަތް، ޔުއެފާގެ 20 މެމްބަރު ގައުމަށް ވުރެން އިތުރެވެ. އިޒްރޭލުން އަންނަނީ އެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުންތަކުގެ ތެރެއިން، މި ވޯޓު ނެގިޔަ ނުދޭން ބާރު އަޅަމުންނެވެ. އެ ގޮތުން، ހަންގޭރީ އާއި ޖަރުމަނުގެ ކިބައިން އިޒްރޭލް ސަރުކާރާއި ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ މި ވޯޓު ނެގިޔަނުދޭން ބާރުއަޅައިދިނުމަށް އެދިފަ އެވެ. އެކަމަކު، ބެލެވޭ ގޮތުގައި، މި ވޯޓުނަގައި، އިޒްރޭލަށް ސަސްޕެންޝަނެއް އައުމުގެ ފުރުސަތު އެބައޮތެވެ.
ސަސްޕެންޑްކޮށްފިނަމަ، އިޒްރޭލަށް ޔުއެފާ އިން ބާއްވާ އެއްވެސް ކްލަބް ފުޓްބޯޅަ މުބާރާތެއްގެ އިތުރުން، ވޯލްޑް ކަޕް ކޮލިފައިންގައި ވެސް ވާދަނުުކުރެވޭނެ އެވެ.
ފަލަސްތީނުގެ ގައްޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން އިޒްރޭލު ބައިނަލްއަގުވާމީ ކުޅިވަރުތަކުން އެކަހެރި ކުރުމަށާއި އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އިޒްރޭލް ކުޅޭނަމަ ސްޕެއިނުން ބޮއިކޮޓްކޮށްފާނެ ކަމަށް ސްޕެއިންގެ ބޮޑުވަޒީރު ސަންޗޭޒް ވިދާޅުވި، ވާހަކަ އަށް ޔޫރަޕްގެ އެކި ގައުމުތަކުގެ ފުޓްބޯޅަ ފެޑެރޭޝަންތަކުން ވަނީ ތާއިދުކުރަން ފަށައިފަ އެވެ.
ޔޫރަޕްގެ ފުޓްބޯޅަ މުބާރާތްތަކުން އިޒްރޭލް ބޭރުކުރަން ވޯޓެއް ނަގަނީ: ރިޕޯޓް ޔޫރަޕްގެ ފުޓްބޯޅަ މުބާރާތްތަކުން އިޒްރޭލް ބޭރުކުރަން ވޯޓެއް ނަގަނީ: ރިޕޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ