ކުންފުނިތަކާއި މުއައްސަސާތަކުގެ ވެރިންގެ މާލީ ބަޔާން އާންމުކުރަން ގާނޫނު ބަދަލުކުރަން ކުޑޫގެ ހުށަހެޅުމެއް ކުންފުނިތަކާއި މުއައްސަސާތަކުގެ ވެރިންގެ މާލީ ބަޔާން އާންމުކުރަން ގާނޫނު ބަދަލުކުރަން ކުޑޫގެ ހުށަހެޅުމެއް

ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިން ވެސް މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް އުސޫލުތައް އިތުރަށް ހަރުދަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް މިފަހުން އާންމުކުރުމުން އާންމުންގެ ނުރުހުން ވަރަށް ބޮޑަށް އަމާޒުވި އެވެ. ވަކިން ހާއްސަކޮށް އެ ބަޔާންތަކުގައި މެންބަރުންގެ ހަގީގީ އާމްދަނީ ފެންނާން ނެތް ކަމަށް އާންމުން ދެކެ އެވެ.
ކުޑޫގެ ހުށަހެޅުމަކީ މެންބަރުކަމުގެ ދައުރު ފަށާއިރު، އެ މީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި، ފައިސާ އާއި، ވިޔަފާރީގެ މަސްލަހަތުތަކާއި، އަރަންޏާއި ދަރަނި ހާމަކުރުމުގެ ގޮތުން، މަގާމުގެ ހުވާކުރި ދުވަހުގެ ހާލަތު އަންގައިދޭ ބަޔާނެއް، އެ މެންބަރަކު ހުވާކުރާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރެއިން އަމީންއާންމާ ހިއްސާކުރުމެވެ.
މި ހުރިހާ ބަޔާނަކީ ވެސް އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓްސްއިން ލައިސެންސް ދޫކޮށްފައިވާ އޮޑިޓަރަކު ވެރިފައި ކޮށްފައިވާ ބަޔާނަކަށް ވާންވާނެ ކަމަށް ކުޑޫގެ ހުށަހެޅުމުގައިވެ އެވެ.
އޭގެ އިތުރުން، އޭނާ ވަނީ މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި މުސްތަގިއްލު މަގާމުތަކުގައި ތިބި މީހުން ވެސް މަގާމާ ހަވާލުވާ ތާރީހުން ފެށިގެން އެއް އަހަރު ތެރޭގައި މާލީ ބަޔާން އޮޑިޓަރު ޖެނެރަލަށް ފޮނުވުމަށް ހުށަހަޅާފަ އެވެ. އެ ބަޔާންް އޮޑިޓަރު ޖެނެރަލަށް އާންމުކުރުމުގެ ބާރު ދޭން ވެސް ވަނީ ހިމަނާފަ އެވެ.
ހަމައެހެންމެ، ކުންފުނިތަކުގެ ޗެއާޕާސަނުންނާއި، މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، ޗީފް އޮޕަރޭޓިން އޮފިސަރުން ވެސް ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށް ކުޑޫގެ އިސްލާހުގައިވެ އެވެ. އެ ބަޔާންތައް ޕީސީބީއަށް އާންމުކުރުމުގެ ބާރު ދިނުމަށް ވެސް ވަނީ ހުށަހަޅާފަ އެވެ. މަގާމާ ހަވާލުވާތާ 30 ދުވަހުގެ ތެރޭގައި މާލީ ހާލަތު އަންގައިދޭ ބަޔާނެއް ހުށަހަޅަން ވެސް ވަނީ ހިމަނާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުންގެ މާލީ ބަޔާންތައް އައްޔަނުކޮށްފައިވާއިރު، ސަރުކާރުގެ ވެރިންގެ މާލީ ބަޔާނެއް މިހާތަނަށް ވެސް އާންމެއް ނުކުރެ އެވެ. ސަރުކާރުގެ ވެރިންގެ މާލީ ބަޔާން އާންމު ކުރުން ގާނޫނަކުން ލާޒިމު ނުކުރި ނަމަވެސް މިދިޔަ ސަރުކާރުގައި ވެރިންގެ މާލީ ބަޔާންތައް ވަނީ ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ