ފުލެޓު ދޮންބެއެއް، އޭޓީއެމް ދޮންބެއެއް ނޫން: ބޭނުމީ ވައްކަމާ ދެކޮޅު ދޮންބެއެއް!

ދިވެހި ރައްޔިތުންނަށް ލިޔަންކިޔަން ދަސްކޮށްދޭން އަސާސީ ތައުލީމު ހިންގެވި ދޮންބެއަކާއި ފުލެޓު އެޅުއްވި ދޮންބެއަކާއި ބްރިޖު އެޅުއްވި ދޮންބެއަކާއި ކުދި ރަށްރަށުގައި ނަރުދަމާ އެޅުއްވި ދޮންބެއަކާއި އޭޓީއެމް ބަހައްޓަވާ ދޮންބެއެއް ދިވެހީން ދެކެފިއެވެ. އެ ދޮންބެމެން ކުރައްވާފައި އެ ވަނީ މުހިންމު މަސައްކަތްތަކެކެވެ. ނަމަވެސް، ގައުމު މިހާރު މިއޮތް ހިސާބުން އަނެއް ހިސާބަށް ދާން އެންމެ ބޭނުންވާ ކަހަލަ ދޮންބެއެއް އަދި ދިވެހީންނަކަށް ނުލިބެއެވެ. އެއީ، ވައްކަމާއި ޚިޔާނާތާއި ކޮރަޕްޝަނާ ދެކޮޅު ދޮންބެއެކެވެ. ދުނިޔޭގެ ތަންދޮރުދަންނަ މީހަކަށް ރާއްޖޭގެ ހާލަތު އެނގިއްޖެ ނަމަ ހަގީގަތުގައި ވެސް ހައިރާން ވާނެއެވެ. މަލާމާތް ވެސް ކުރާނެއެވެ. ހަޖޫ ވެސް ޖަހާނެއެވެ. އެންމެ ފަހުން ބޭއްވި ބޯހިމެނުމުން އެނގޭގޮތުގައި ދިވެހީންގެ އާބާދީއަކީ 382,639 މީހުންނެވެ. މިއީ ދުނިޔޭގެ ބައެއް ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދަށް ވުރެ ވެސް މާ ކުޑަ އާބާދީއެކެވެ. އިންޑިއާގެ ޓާޓާ ކުންފުނީގެ މުވައްޒަފުންގެ އަދަދު 1.15 މިލިއަނަށް އަރައެވެ. އެ އެންމެންނަށް މުސާރަ ދީގެން, ފައިދާގައި އެ ކުންފުނި އެބަ ހިންގައެވެ. އެކަމަކު، މި ކުޑަކުޑަ ރާއްޖެ އޮތީ ދަރާފައެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އޭސީސީގެ ރައީސް އާދަމް ޝާމިލް -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުޙައްމަދު މާވީ ދަރައި ވިކުނުއިރު ރައްޔިތުން ގަނަތެޅެނީ މި ރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެއެވެ. ދުނިޔޭގެ އެންމެ މަޝްހޫރު ރިސޯޓްތައް ހުރީ މި ގައުމުގައެވެ. ބިލިއަނަރުންނާއި މިލިއަނަރުން ކޮންމެ ދުވަހަކު އައިސް ހިތް އުފާކުރަނީ މި ރީތި ގައުމުގައެވެ. އެކަމަކު، ރާއްޖޭގެ ޖުމުލަ ދަރަނި 9.4 ބިލިއަން އެމެރިކާ ޑޮލަރަށް އަރައި، އުފެއްދުންތެރިކަމުގެ ނިސްބަތުން ހުރީ 134 އިންސައްތައިގައެވެ. މީގެ މާނައަކީ ކޮންމެ ދިވެއްސެއްގެ ބޮލުގައި 24،560 ޑޮލަރުގެ ދަރަނި އެބައޮތެވެ. އެއީ، 378،715.2 ރުފިޔާއެވެ. މި އަހަރު އެކަނި ވެސް ދަރަންޏަށް 600 މިލިއަނެއްހާ ޑޮލަރު، ގާތްގަނޑަކަށް 9.25 ބިލިއަން ރުފިޔާ ދައްކަން ޖެހޭއިރު އަންނަ އަހަރު އެ އަދަދު އެއް ބިލިއަން ޑޮލަރަށް އަރައެވެ. ދަރަނި މެނޭޖު ކުރެވޭނެތޯ ނުވަތަ ނޫންތޯ މިއީ އެންމެ ބޮޑު ސުވާލެވެ. އުސޫލެއްގެ ގޮތުން ދަރަނި އޮތުމަކީ މައްސަލައެއް ނޫނެވެ. ދުނިޔޭގެ އެންމެ މުއްސަނދިންގެ ވެސް ދަރަނި އޮންނާނެއެވެ. އެކަމަކު، އެންމެ ބޮޑު ހިތާމައަކީ މި ގައުމުގެ ދަރަނި އެވަރަށް އޮތްއިރު ރައްޔިތުން އުޅެން ޖެހިފައިވާ ހާލަތެވެ. ބަނގުރޫޓްވުމުގެ ބިރު ހީވެފައިވާ މި ކުޑަ ގައުމުގެ އާބާދީގެ ބޮޑު ބަޔަކު ބޯހިޔާވަހިކަން ނުލިބި ގަނަތެޅެނީއެވެ. ލިބޭހާ ފައިސާއެއް ކުއްޔަށް ދައްކައިދައްކައި ނަފުސާނީނުވާ މީހަކު މަދެވެ. އެވަރު ދީގެން ވެސް އެކަށީގެންވާ ބޯހިޔާވަހިކަމެއް ނުލިބެއެވެ. ދެމަފިރިންނަށް ހިތްހަމަ ޖެހިގެން ވަގުތު ހޭދަކޮށްލެވޭނެ ޖާގައެއް، ބޮޑު ކުލި ދައްކާ ގޭތެރެއިން ވެސް ނުލިބެއެވެ. ވެރިރަށުގައި ވެސް ތައުލީމާއި ސިއްހީ ޚިދުމަތުގެ ފެންވަރު ހަމަ ވަރަށް ދަށެވެ. ގިނަ ކަންކަން ހުރީ ނަމަކަށެވެ. ކޮލިޓީއެއް ނެތެވެ. ކިރިޔާ ވެސް ބޮޑު ކަމެއް ޖެހިއްޖެނަމަ ޖެހެނީ ފުރައިގެން ދާށެވެ. ދުނިޔޭގެ އެހެން ބައެއް ގައުމުތަކުން ހަނދަށް ދާއިރު ދިވެހީން މި އުޅެނީ އަސާސީ ޚިދުމަތްތައް ނުލިބިގެންނެވެ. އެ ވެސް އެންމެ ހަތަރު ލައްކަ ހަމަނުވާ އާބާދީއަކަށެވެ. އެންމެ އަސާސީ މިންވަރަށް ވެސް ގިނަ ޚިދުމަތްތައް ނުލިބޭއިރު، ދަރަނި ނުވަ ބިލިއަން ޑޮލަރަށް އެރީ އެތައް ވެރިންނެއްގެ އިހުމާލުގެ ސަބަބުންނެވެ. ވައްކަމާއި ޚިނާޔާތާއި ސިޔާސީ ބޭނުމަށް ފައިސާ ބޭނުންކުރުމުގެ ސަބަބުންނެވެ. ވަކި ވެރިކަމެއް ނޫނެވެ. ހަމަ ހުރިހާ ވެރިކަމެއްގައި ވައްކަން ކޮށްފައި ހުރިކަން ގިނަ ރައްޔިތުން ގަބޫލުކުރާނެއެވެ. ސާބިތުވުމާއި ނުވުން އެއީ އެހެން ކަމެކެވެ. ދޭނެ އަދަބެއް ދޭންވީއެވެ. މިހެން ބުނާނަމެވެ. ރައްޔިތުންނަށް ހެކި ފެންނަން އެބަހުއްޓެވެ. އިއްޔެ ސިޔާސީ މީހަކަށް ވިއިރު ހޮޓަލަކަށް ވަދެ ސައިތައްޓެއް ބޯލާނެ ފަދަ ނެތް އެތައް ބަޔަކު ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ބިމުގެ އަގު ބޮޑު އެއް ރަށް ކަމަށްވާ މާލޭން ބިން ގަންނަ ހިސާބަށް ދަނީ ހަމަ ހުރެފައި ނޫންކަން އެންމެންނަށް ވެސް އެނގެއެވެ. އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތް ހިންގި ކަމަށް އިއުތިރާފުވެފައިވާ, ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ ފޯނަށް އެތައް ހާސް ބަޔަކު ފޮނުވާފައިވާ ކަމަށް ބުނާ 80،000 އެއްހާ މެސެޖް ލީކް ކޮށްލައިގެން އުޅޭއިރު އެ މެސެޖުތައް ބަލާލުމުން ގިނަ ހެކިތަކެއް ފެންނާނެއެވެ. މާތް الله ގަންދީ ހުވާކޮށް, މަގާމުތަކާ ހަވާލުވެ ތިބި ގިނަ މީހުންގެ، އާހިރަތަށް ބިރެއް, ދުނިޔެއަށް ލަދެއް ނެތެވެ. ލިބުނު ގޮތަކަށް ހޯދަނީއެވެ. ބޮޑެތި ސިންގާ ފިރިހެނުން, އެހެން ފިރިހެނެއް ކައިރި ފައިސާއަށް އެދި ރޮއެ އާދޭސް ކުރަނީއެވެ. "ސިޔާސީ މީހުން އެއްވެސް ގޮތަކަށް އިސް މަގާމުތަކަށް އެ ވަޑައިގަންނަވަނީ އެ ލިބޭ މުސާރައަކަށް ނޫން. އެ ލިބޭ 80،000 ރުފިޔާ ނޫނީ އެއް ލައްކަ ރުފިޔާއަކާ މެދު ނުވެސް ވިސްނާނެ. އެއީ، އެ މީހުންނަށް އެއްވެސް އެއްޗެއް ނޫން. އެ މީހުންގެ ހުރިހާ ވެސް ޓާގެޓަކަށް ވާނީ އެ މަގާމުގެ ނުފޫޒުން އެ ހޯދާ ނާޖާއިޒު ފައިދާ،" ރާއްޖޭގެ ކުރީގެ އޮޑިޓާ ޖެނެރަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވިއެވެ. https://www.sun.mv/211650 ވައްކަން ކުރަނީ ވެރިންނަށް އެނގިގެން! ކޮންމެ ފަސް އަހަރަކުން ވެރިކަންތައް އެބަ ބަދަލުވެއެވެ. އެކަމަކު، ބަދަލުނުވާ ކަމެއް އެބައޮތެވެ. ދައުލަތުގެ މުދަލާއި ފައިސާއާއި ވަސީލަތްތަކުން ވަމުންދާ ޚިޔާނާތެވެ. ގައުމުގެ ނަން ބޭނުންކޮށްގެން އެތައް ބަޔަކު އަންނަނީ ނާޖާއިޒު ގޮތުގައި އަމިއްލަ މުއްސަނދިކަން އިތުރު ކުރަމުންނެވެ. ކޮންމެ ވެރިކަމެއްގައި ވެސް އެފަދަ އެތައް ބަޔަކު އެބަ ފެނެއެވެ. ހިތާމައަކީ އެ މީހުންނާ ދޭތެރޭ އެއްވެސް ފިޔަވަޅެއް ނޭޅޭ ކަމެވެ. ދެން ސަލާމަތްވާން ހުރިހާ ވެރިން ވެސް ދައްކަވާ ބަހަނާއަކީ، އެ ޚިޔާނާތް ހިންގިކަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވުމެވެ. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، ކޮންމެ ސަރުކާރެއްގައި ވެސް ކޮރަޕްޝަނުގެ އަމަލުތައް ހިންގާއިރު އޭރު ހުންނަވާ ރައީސަކަށް އެ މައްސަލަތައް އެނގިވަޑައިގަންނަވާނެ ކަމަށާއި ނަމަވެސް އެކަން ދޮގުކުރައްވަނީ ކަމަށެވެ. އެގޮތުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ނިމިދިޔަ ސަރުކާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެސް އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ވެސް އެ ބޭފުޅުންގެ ވެރިކަންތަކުގައި ހިންގި އަދި ހިނގަމުން އަންނަ ކޮރަޕްޝަނުގެ އަމަލުތައް އެނގިވަޑައިގަންނަވާނެ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. "ކޮންމެ މީހަކު ޑިނައިކުރަނީ އެނގޭތޯ. އެއީ އެ މީހަކާ ގުޅިގެން އެކަން ހިނގަނީ، އެ މީހަކަށް ބައި އެޅިގެން އެކަން ހިނގަނީ. ސިޔާސީ ޕާޓީއަށް ބަޔެއް، ތިމަންނައަށް ބަޔެއް، ވައްކަން ކުރާ މީހާއަށް ބައެއް، މިއީ ޕަސެންޓޭޖް ބެހިފައި އޮންނަ ގޮތަކީ،" އުމަރު ވިދާޅުވިއެވެ. ހޯމް މިނިސްޓަރެއްގެ ހައިސިއްޔަތުން ސަރުކާރުތައް ހިނގާގޮތުގެ ތަޖުރިބާ ވެސް ލިބިވަޑައިގެންފައިވާ އުމަރު ވިދާޅުވީ، ސަރުކާރުގައި ރައީސަށް އެނގިވަޑައިނުގެން އެއްވެސް ކަމެއް ނުހިނގާނެ ކަމަށެވެ. އެގޮތުން، ނުކިއްސަރު ކަމެއް ހިނގާ ނަމަ ރައީސަށް މާ ކުރިން މައްސަލަ އެނގިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "ސަބަބަކީ ކޮންމެ ދުވަހަކު ހެނދުނު، ފުލުހުންނާއި ސިފައިންގެ އިންޓެލިޖެންސް ރައީސުލްޖުމްހޫރިއްޔާއަށް ބްރީފިންއެއް ދޭނެ، އެ ބްރީފިން އެއީ ސިއްރު މައުލޫމާތު. އެ މީހުން އެކި ތަންތަނުން ހޯދާ ސިއްރު މައުލޫމާތުގެ ބްރީފިންއެއް އަރުވާނެ. އެހެންވީމާ އޭގެ ތެރޭގައި ހުންނާނެ މިވެނި ކުންފުންޏަކުން މިވެނި ކޮރަޕްޝަނެއް ހިންގާ ކަމަށް ތިމަންނަމެންނަށް ތުހުމަތުކުރެވެޔޭ،" އުމަރު ވިދާޅުވިއެވެ. މިނިސްޓަރުކަން ކުރައްވާފައިވާ އެހެން ބޭފުޅަކު ޚިޔާތާނުގެ އެ ކުޅި ކުޅޭގޮތް ކިޔައިދެއްވަމުން ވިދާޅުވީ، ރައީސުންނާއި ވެރިކަން ކުރާ ޕާޓީތަކުގެ އިސްވެރިން ސަރުކާރު ކުންފުނިތަކުގެ ވެރިންނަށް ގުޅައި ފައިސާ ފޮނުވަން އެދުމަކީ އާންމު ކަމެއް ކަމަށެވެ. އެހެންކަމުން މަގާމުގައި ހުރުމުގެ ބޭނުމަށް ކުންފުނިތަކުގެ އެ ވެރިން ފައިސާ ފޮނުވާނެ ކަމަށާއި އެ ފޮނުވާ ފައިސާ އޭނާ ހޯދާނީ އެ ކުންފުނީގެ ތެރެއިން ނާޖާއިޒުކޮށް ކަންކަން ހިންގައިގެން ކަމަށް އޭނާ ކިޔައިދެއްވިއެވެ. ރާއްޖޭގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހާލަތަށް ވިސްނާލުމުން މި ދެންނެވި ވާހަކައަށް ބާރު ލިބޭ އެތަކެއް ހެއްކެއް ފެންނާނެއެވެ. ކޮރަޕްޝަނާ ދެކޮޅަށް ބޭއްވި މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް ވައްކަމާ ދެކޮޅު ދޮންބެ އަމަލުކުރާނީ ކިހިނެއް؟ ސީދާ ވައްކަންކުރަން ހިންގާ ތަންތަނުން އެކަން ކުރެވެން އޮއްވައި، އެ ދޮރު ބަންދުކުރުމަކީ އެކަން ކުރަން އަންނަ މީހުން ކުރާނެ ކަމެއް ނޫނެވެ. ޒަމާނުންސުރެ, މޮޅެތި, ފޮނި ވައުދުތަކާ އެކު ރާއްޖޭގެ ވެރިކަމަށް އަންނަ އެއްވެސް ބޭފުޅަކު އެކަން ނުކުރަނީ އެހެންވެއެވެ. އެހެންކަމުން ވައްކަން ހުއްޓުވަން ބޭނުން ނަމަ، އެންމެ މުހިންމީ ހެޔޮ ނިޔަތެވެ. އެއަށް ފަހު، އެކަން ކުރެވޭނެއެވެ. މިކަން ކުރަން އެންމެ ފުރަތަމަ ކަމަކަށް ބޭނުން ވަނީ މިކަން ކުރަން ބޭނުންފުޅުވާ ރައީސެކެވެ. ވައްކަމާ ދެކޮޅު ދޮންބެއެކެވެ. ރާއްޖެއަށް ބޭނުންވަނީ އަމާނާތްތެރި ރައީސެކެވެ. ނަޒާހަތްތެރިކަމާއި ޖަވާބުދާރީކުރުވުމަކީ އަސާސީ ސިފައެއްކަން ގަބޫލުކުރާ ރައީސެކެވެ. ކޮރަޕްޝަނާއި ފަސާދަ ހުއްޓުވުމަށް ރައީސްގެ ސާފު ޕްލޭނެއް އޮންނަން ޖެހެއެވެ. ހަމަ އެކަނި އަނގަބަހުން ބުނެގެނެއް ނޫނެވެ. އަމަލުން އެކަން ދައްކަން ޖެހޭނެއެވެ. އޭގެ މާނައަކީ ދައުލަތުގެ މަގާމާ ހަވާލުވެ ހުންނެވި ކޮންމެ މީހަކީ އެ މީހެއްގެ މިލްކިއްޔާތުގައި ހުރި ފައިސާއާއި މުދަލަކީ ކޮބައިކަން އާއްމުކޮށް އިއުލާނުކޮށްފައިވާ މީހަކަށް ހެދުމެވެ. އަދި، އެ މީހެއްގެ މިލްކިއްޔާތަށް އަންނަ ބަދަލު ތެދުވެރިކަމާ އެކު ހާމަކުރާނެ މީހަކަށް ހެދުމެވެ. ހަމައެހެންމެ، ކޮރަޕްޝަން މައްސަލަތައް ބެލުމަށާއި ފާރަވެރިވުމަށް ހަރުދަނާ, އަދި ބާރުތައް ދީފައިވާ, އޮޑިޓް އޮފީހަކާއި އެންޓި ކޮރަޕްޝަން ކޮމިޝަނެއް އޮންނަން ޖެހެއެވެ. ކޯޓުތައް ފަދަ މިނިވަން މުއައްސަސާތައް ސިޔާސީ ނުފޫޒުން މިނިވަންވާން ޖެހޭނެއެވެ. އެތަންތަން ހިންގަން ވާނީ މިހާރު ރާއްޖޭގައި މިހިންގާ ގޮތަކަށް ނޫނެވެ. އެންމެ މުހިންމު ކަމަކީ، ރަހުމަތްތެރިންނާއި، ޕާޓީ މެންބަރުން ނުވަތަ ނުފޫޒުގަދަ ވިޔަފާރިވެރިން ކުރި ކަމުގައިވިޔަސް، ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ހިތްވަރު ރައީސުންގެ ހުންނަން ޖެހޭނެއެވެ. އަނެއްކާ ވެސް އަނގަބަހަކުން ނޫނެވެ. އަމަލުންނެވެ. https://www.sun.mv/203597 މިސާލަކަށް، ދިވެހި ވެރިން އެންމެ ގިނައިން ގޮސް އުޅުއްވާ, ސިންގަޕޫރަށް ބަލާށެވެ. އެ ގައުމުގެ ތަރައްގީގެ ބާނީ ލީ ކުއާން ޔޫގެ ސާފު ސިޔާސަތަކީ އެއްވެސް ވަޒީރަކަށް ނުވަތަ ޕަބްލިކް ސާވަންޓަކަށް ރިޝްވަތު ނުނެގޭނެ ކަމެވެ. ރިޝްވަތު ނަގައިފިނަމަ ނުވަތަ ކޮރަޕްޝަން ހިންގައިފިނަމަ ވަގުތުން އަދަބުދެއެވެ. އެއީ، ލީ ކުއާން ޔޫގެ ތަފާތު ކޮލިޓީއެކެވެ. އޭގެ ނަތީޖާއަށް ބަލާއިރު ވަރަށް ފަގީރުކޮށް އޮތް ސިންގަޕޫރު ވަނީ އޭނާގެ ލީޑާޝިޕްގެ ދަށުން އެންމެ މުއްސަނދި އެއް ގައުމަށް ހައްދަވާފައެވެ. އެއީ، އަދި މާ ބޮޑު ގުދުރަތީ ވަސީލަތެއް ނެތިއެވެ. މީގެ އަނެއް މިސާލަކީ ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އިގުތިސާދު އޮތް ޗައިނާއެވެ. އެ ގައުމުގެ ރައީސް ޝީ ޖިންޕިން ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅުއްވާ ސިޔާސަތު ވަރަށް ސާފެވެ. ޚިޔާނާތްވި އެތައް ސަރުކާރުގެ އިސް އޮފިޝަލުންނާއި އަސްކަރިއްޔާގެ ޖެނެރަލުންނަށް ވެސް އަދަބު ތަންފީޒުކުރިއެވެ. ވައްކަމާ ދެކޮޅަށް މި ފަދަ ހަރުދަނާ އަދި ސާފު ލީޑާޝިޕެއް ނެތި ރާއްޖެއަށް ވެސް ކުރިއަކަށް ނުދެވޭނެއެވެ. ރާއްޖެއަށް ނިސްބަތުން ރަނގަޅު އާމްދަނީއެއް ލިބެއެވެ. ދިވެހީންގެ ނަސީބު ކަމަށްވާ ޓޫރިޒަމް ދާއިރާ ދަނީ އަހަރަކަށް ވުރެ އަހަރެއް ކުރިއަށެވެ. ލިބޭ އާމްދަނީ ވަނީ އިތުރެވެ. ނަމަވެސް، ރާއްޖޭގެ ތަރައްގީއަށް އޮތް އެންމެ ބޮޑު ހުރަހަކީ ވައްކަމެވެ. ކޮންމެ ފަސް އަހަރަކުން ވެރިކަން ބަދަލުވާއިރު ދައުލަތަށް ޚިނާޔާތްވެ، މަދު ބަޔަކު މުއްސަދިކަން ހޯދަނީއެވެ. މީގެ ބޮޑު އަގު ދައްކަން ޖެހެނީ ނިކަމެތި ރައްޔިތުންނެވެ. ތަކުލީފާއި ވޭން އޮތީ ރައްޔިތުންނަށެވެ. މި ކުޑަ ރާއްޖެ ތަރައްގީކުރުމަކީ ވިޝަންއެއް ހުރި ލީޑަރަކަށް އެއްވެސް ކަމެއް ނޫނެވެ. އާބާދީ މަދުވެފައި ވަސީލަތް ގިނަވީމައެވެ. އެކަމަކު، އެކަން ވާނީ އިހުލާސްތެރިއަކަށެވެ. ވައްކަމާ ދެކޮޅު ދޮންބެއަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ