ގިނަ އަދަދެއްގެ ސިނގިރޭޓާއި ފައިސާއާ އެކު 2 ބިދޭސީން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ސިނގިރޭޓު ފޮށިތަކާއި ދުންފަތް ޕެކެޓުތަކާއި، ފައިސާއާ އެކު، ގަވައިދާ ޚިލާފަށް ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ ބިދޭސިއަކު އިއްޔެ ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، އެ ދެ މީހުން ހައްޔަރުކުރީ ގަވައިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ހަރަކާތްތައް ބެލުމަށާއި އެފަދަ މީހުން ގަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވުމަށާއި، ބިދޭސީންގެ މެދުގައި ހިންގާ ޖިނާއީ ކުށްތައް ހުއްޓުވުމަށް މިހާރު ފަށާފައިވާ ގައުމީ އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ. ފުލުހުންނާއި އިމިގްރޭޝަނާއި ކަސްޓަމްސް ގުޅިގެން ހިންގާ މި އޮޕަރޭޝަންގެ ދަށުން ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ބިދޭސީން ދިރިއުޅޭ ތަންތަން ބަލައިފާސްކޮށް، ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އިއްޔެ ދެ ބިދޭސިއަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 37 އަހަރުގެ އެމްޑީ ޝަމިމް މިއާއާއި 22 އަހަރުގެ އަލައުއްދީނެވެ. އެ މީހުން އުޅޭތަން ބަލައި ފާސްކުރުމުން ގިނަ އަދަދެއްގެ ސިނގިރޭޓާއި ދުންފަތް ޕެކެޓުގެ އިތުރުން، ސިނގިރޭޓާއި ދުންފަތް ވިއްކައިގެން ހޯދާފައިވާ ކަަމަށް ބެލެވޭ ގިނަ އަދަދެއްގެ ދިވެހި ރުފިޔާއާއި ޑޮލަރު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ސިނގިރޭޓު ފޮށިތަކާއި ދުންފަތް ޕެކެޓުތަކާ އެކީ ހައްޔަރުކުރި ބިދޭސީން --- ފޮޓޯ: ފުލުހުން އިއްޔެގެ އޮޕަރޭޝަންގައި 13 ފުލުހަކާއި އިމިގްރޭޝަންގެ ތިން އޮފިސަރަކާއި ކަސްޓަމްސްގެ ތިން އޮފިސަރެއް ބައިވެރިވިކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ. ތިން ފިޔަވައްސަކަށް ބަހާލައިގެން ފުލުހުންނާއި ކަސްޓަމްސްއާއި އިމިގްރޭޝަން ގުޅިގެން ހިންގާ މި އޮޕަރޭޝަންގައި ގާނޫނާ ޚިލާފަށް ބިދޭސީންނަށް ވިޔަފާރިކުރަން އެހީތެރިކަން ފޯރުކޮށްދޭ ދިވެހީން ހޯދައި ފިޔަވަޅު އެޅުމަށް ވެސް މި އޮޕަރޭޝަނުގެ ތެރެއިން ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން، ފުރަތަމަ ފިޔަވަހީގައި މާލެ ސަރަހައްދު ބަލައި ފާސްކުރާނެ ކަމަށާއި ދެވަނަ ފިޔަވަހީގެ ތެރެއިން އާބާދީ ބޮޑެތި ރަށްތައް ބަލައި ފާސްކުރެވޭނެ ކަމަށް, ފުލުހުންގެ އެސިސްޓަންޓް ކޮމިޝަނަރު މުހައްމަދު ދާއޫދު އިއްޔެ ވިދާޅުވެފައިވެއެވެ. ތިންވަނަ ފިޔަވަހީގައި ބަލާނީ އާބާދީ ކުދި ރަށްރަށް ކަމަށް އޭނާ ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުގައި ވިދާޅުވިއެވެ. އެ އޮޕަރޭޝަން ކުރިއަށްގެންދާނެކަން ފުރަތަމަ އިއުލާން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެގޮތުން ހޮނިހިރު ދުވަހުގެ ރޭ އެ މަނިކުފާނު ވިދާޅުވީ އެ އޮޕަރޭޝަންގެ ދަށުން، ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރި ހިންގާ ބިދޭސީން ހޯދައި، އެފަދަ މީހުން ހިންގާ ވިޔަފާރިތައް ބަންދުކުރާނެ ކަމަށެވެ. އަދި ބޮޑެތި ރަށްރަށަށް ޚާއްޞަ އިސްކަމެއް ދީގެން ހިންގާ އެ އޮޕަރޭޝަނުގައި އެ މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ