ކުރިއަށް އޮތީ ތަރައްޤީގެ އިތުރު ފުރުޞަތުތައް ލިބޭނެ ދުވަސްތަކެއްކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ، މ. ކޮޅުފުށީގެ ރައްޔިތުންނަށް ދެއްވައިފި

ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން، މ. ކޮޅުފުށީގެ ތަރައްޤީއަށްޓަކައި މުހިންމު މަޝްރޫޢުތަކެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާކަމަށާ، ކުރިއަށް އޮތީ ތަރައްޤީގެ އިތުރު ފުރުޞަތުތައް ލިބޭނެ ދުވަސްތަކެއްކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮޅުފުށީގެ ރައްޔިތުންނަށް ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވީ މުލަކަތޮޅު ކޮޅުފުއްޓަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރަށުގައި ތަރައްޤީކޮށް ނިމިފައިވާ ހައުސިންގް ޔުނިޓްތައް ބޭނުންކުރަން ފެށުމަށްޓަކައި ފުރިހަމަކުރަންޖެހޭ އިތުރު ޚިދުމަތްތައް ފުރިހަމަކޮށް، އެޚިދުމަތްތައް ފޯރުކޮށްދީ ނިންމުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން، ކޮޅުފުށީގެ ރައްޔިތުންނަށް ވަނީ ދެއްވާފައެވެ.
މީގެއިތުރު 100 ހައުސިންގް ޔުނިޓް ތަރައްޤީ ކުރުމުގެ މަޝްރޫޢެއް، 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށް ގެންގޮސްދެއްވާނެ ކަމަށާ، އަމިއްލަ ގޯތީގައި ހައުސިންގް ޔުނިޓް އަޅަން ބޭނުންވާ ފަރާތްތަކަށް މި މަޝްރޫޢުގެ ތެރެއިން ފުރުޞަތު ފަހިވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އަދުގެ ސަރުކާރުން ތަރައްޤީކުރައްވާ ހައުސިންގް ޔުނިޓްތަކުގެ ކުލިވެސް ކުޑަކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށްވެސް އަވަސް ޙައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮޅުފުށީގެ ރައްޔިތުންނަށް ދެއްވާފައެވެ. ހަމަ މިއާއެކު ރަށުގެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމުގެ ގޮތުން، ހެލްތު ރޫމާއި، ލައިބްރަރީ އަދި އިތުރު އެހެން ވަސީލަތްތައް ފުރިހަމަކުރެވިފައިވާ އިމާރާތެއްގެ މަސައްކަތް، 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށްގެންގޮސްދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
މި މަޝްވަރާ ބައްދަލުކުރެއްވުމުގައި ރަށުގެ ރައްޔިތުން ހިއްސާކުރެއްވި ކަންތައްތަކުގެ ތެރޭގައި، ފަތުރުވެރިކަން ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރަށްރަށުގައި އެމަސައްކަތްތައް ކުރިއަށް ނުގޮސް ހުއްޓިފައި އޮތުމުގެ ސަބަބުން އެކަށީގެންވާ ފައިދާއެއް ނުލިބުމާއި، ރަށުގެ ބަނދަރުގެ ޖާގައިގެ ދަތިކަމާއި، އެކި ކަހަލަ ކުޅިވަރުތައް ކުޅެވޭނެ ވަކިވަކި ދަނޑުތައް ރަށުގައި ތަރައްޤީ ކުރެވިފައި ނެތުމުގެ ކަންބޮޑުވުން ހިމެނެއެވެ. މީގެ އިތުރުން، ރަށުގައި ތިބެގެން މަތީ ތަޢުލީމު ހާސިލުކުރުމުގައި ގޮންޖެހުންތަކެއް ހުރިކަމާއި، ރަށުގައި ތިބެގެން ނުވަތަ ރަށާ ކައިރި ހިސާބުތަކުން އެކަށީގެންވާ ގޮތުގައި ޞިއްޙީ ޚިދުމަތް ހޯދުމުގައި ހުރި ދަތިކަމުގެ ވާހަކަވެސް ރައްޔިތުން ވަނީ މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.
ރައްޔިތުންގެ ޝުޢޫރާއި ކަންބޮޑުވުންތައް އަޑުއައްސަވާ، އެކަމުގައި އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާ އުސޫލުތަކާއި، މިހާރު ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ އަދާހަމަ، އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން، ރަށުގެ ފުޓުބޯޅަދަނޑުގެ އަމަލީ މަސައްކަތާއި ހޭންޑްބޯލް ކޯޓެއްގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ރަށުގައި ތިބެގެން މަތީ ތަޢުލީމު ހާސިލުކުރުމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯއްދެވުމުގެ ކަންކަން މިހާރުވެސް ކުރިއަށްދާކަމަށާ، އެކަމުގެ ތަފްސީލުތައް ހިއްސާކުރައްވަމުން ގެންދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ޚިދުމަތްވެސް، 2026 ވަނަ އަހަރުގެ ކުރީކޮޅުގައި މުލަކަތޮޅުގައި ފެށިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެތެރެއިން، މަސައްކަތް ނުފެށި ހުރި ރަށްތަކުގެ މައްސަލާގައި ކުރިއަށް ދެވެން އޮތް ގޮތެއް ބައްލަވައި، އެ މައްސަލައަށްވެސް ހައްލު ހޯއްދަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި ޞިއްޙީ ދާއިރާއަށް ބޭނުންވާ ކުރިއެރުންތައްވެސް ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން، އެމަނިކުފާނު ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ