ކޮޅުމަޑުލު ބުރުނީ ބަނދަރުގެ އަމަލީ މަސައްކަތް މާލަސްތަކެއްނުވެ ފެށިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ކޮޅުމަޑުލު ބުރުނީ ބަނދަރުގެ އަމަލީ މަސައްކަތް، މާލަސްތަކެއްނުވެ ފެށިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެ ވާހަކަފުޅުދައްކަވާފައި ވަނީ، ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ތ. ބުރުންޏަށް ވަޑައިގެން އެ ރަށުގެ އިސްވެރިންނާއި، ރައްޔިތުންނާއެކު ކުރިއަށް ގެންދެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި މަޝްވަރާ ބައްދަލުކުރެއްވުމުގައި ރަށުގެ ކައުންސިލާއި، އެކި މުއައްސަސާތަކުގެ މެންބަރުންނާއި މަންދޫބުންގެ އިތުރުން ރައްޔިތުންގެ ފަރާތުން ސަރުކާރަށް ޚިޔާލު ހުށަހަޅުއްވައި، ރަށަށް އެންމެ ބޭނުންވެފައިވާ ކަންކަމުގެ މައުލޫމާތާއި ޝުޢޫރުތައް ހިއްސާކުރައްވާފައިވެއެވެ.
މި މަޝްވަރާ ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ، 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުންވައިގެން އެރަށުގައި 30 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. މީގެއިތުރުން ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ކުރިއަށްގެންދާ މަޝްރޫޢު، މިހާރު ކުރިއަށްގެންދަން ނިންމާފައިވަނީ، ރަށުގެ ޒުވާނުންގެ އެދުމުގެ މަތިން، ފަރުމަސްވެރިކަން ކުރުމަށް ފާލަމެއް ހިމަނައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރަށުގެ ޢުމުރާނީ ތަރައްޤީއާއި، ތައުލީމާއި ޞިއްހީ އަދި ގެދޮރުވެރިކަމުގެ ދާއިރާއިން ބުރުނީގައި ކުރިއަށްގެންދަން ހުރި މަޝްރޫޢުތަކުގެ މަސައްކަތް ރޭވިފައިވާ ގޮތަށް، އަދި ރައްޔިތުންގެ ޚިޔާލާއި އެއްގޮތަށް ކުރިއަށްގެންގޮސްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ މަޝްވަރާ ބައްދަލުވުމުގައި، ބުރުނީ އައުޓްޑޯ ވޮލީކޯޓުގެ މަސައްކަތް ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި ޙަވާލުކުރައްވާފައެވެ.
ބުރުނީ ސްކޫލުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ހުށަހެޅުއްވި ކަންކަން އަޑުއައްސަވައި، ޚިޔާލު ބަދަލުކުރައްވާފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ